
އަހްމަދު އަލީ. އޭދަފުށީގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ ހިދްމަތްތަކެއް ކުރެއްވި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް
ބ.އަތޮޅު ތައުލިމީމަރުކަޒަށް އެންމެބޮޑު ޚިދުމަތެއް ކޮށްދިނީ ކާކުހެއްޔޭ ސުވާލު ކޮށްފިނަމަ ޖަވާބަކީ ކޮބާހެއްޔެވެ؟ އެތަނުގެ ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ކާކުހެއްޔެވެ. އެތަނުގެ އޮފީސްރޫމްގައި ގުނާލަން އެހާފަސޭހަނޫން އަދަދަކަށްހުރި ޗެލެންޖްކަޕްގެ ބޮޑު ފުނިވަރާއި ޝީލްޑްތަކާއި އެވޯޑްތަކާއި މިނޫނަސް ކާމިޔާބު ރަމްޒުކޮށްދޭ އެތަކެއް އެއްޗެތި ހާސިލް ކުރުމުގައި އެންމެބޮޑު ޙިއްސާއެއް އޮންނާނީ ކާކުގެހެއްޔެވެ. ޖަވާބަކީ އެއީ އެތަނުގެ ޑެޕިއުޓީ ޕްރިންސިޕަލް އޭދަފުށީ ފިނިފެންމާގޭ އަޙްމަދު ޢަލީ އެވެ. ތަޢައްޞަބުން އެއްކިބާވެ ހުރެ ރަނގަޅަށް ވިސްނައިފިނަމަ މިކަމަށް އެއްބަސްވެވޭނެއެވެ. އެއަށްވުރެ އޭނަގެ ޚިދުމަތް ގިނަވެފައި ފާޅުކަންބޮޑުކަމުންނެވެ. އުމުރުން އެންމެ19އަހަރުން ފެށިގެން މިއަދާހަމައަށްވެސް އެތަނުގެ ކުރިއެރުމަށް މަސައްކަތްކޮށް ތަނަށް ބޮޑެތި ކާމިޔާބުތަކެއް ހޯދައިދިނީތީއެވެ. އެތަނަށްޓަކައި އޮތްލޯބީގެ ބޮޑުކަމުން މިއަށްވުރެ މާރަނގަޅު އޮފަރތައް ލިބުނުއިރުވެސް ތަންދޫކޮށްލާފައި ނުދިޔައީތީއެވެ.
އަހްމަދުއަލީއަކީ އޭދަފުށީގެ ތައުލީމީދާއިރާ ބިނާކުރުމަށް އެންމެބޮޑަށް މަސައްކަތްކުރާ އެންމެ ޤާބިލް ޢިލްމީ މީހުންތިބި ޢާއިލާ ކަމުގައިވާ ކުޑައަލިބޭގެ ޢާއިލާއިން އުފެދުނު އަގުހުރި އެތައްދަރިންގެ ތެރެއިން ދަރިއެކެވެ. ޢާއިލާގެ އެހެންމީހުންފަދައިން ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލައި ގައުމަށް ތިމާ ކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރައްވައިގެން ނަތީޖާ ހޯއްދަވަމުންގެންދަވާ ދަރިއެކެވެ. އަދި އެނަތީޖާއަކީ އެކަން ބަލައިގަންނަން ތިބިމީހުން ޝުކުރުވެރިކަމާލޯތްބާއެކު ފާހަގަކުރާކަމެކެވެ.
ނަން ނުޖެހުން ޝަރުތުކޮށް އޭނަޔާއެކު ގިނަދުވަސްތަކެއްގައި ބއތމ.ގައި މަސައްކަތްކޮށްފައިވާ މީހަކު ބުންޏެވެ. “އަހްމަދު އަލީއަކީ އޭނަގެ އަމިއްލަ ދިރިއުޅުމަށްވުރެ މިތަނަށް އިސްކަންދޭ މީހެއް. އޭނަގެހުރިހާކަމެއް ހުރިހާވަގުތެއް ބިނާވެފަ އޮންނާނި މިތަނުގެ ކުރިއެރުމަށް. މިއީ އޭނާގެ ގެއަކީ. އަދި މިއީ އޭނާގެ އޮފީހަކީވެސް. މިތަންދެކެ އާދަޔާޚިލާފު ލޯތްބެއްވާ މީހެކޭ ދެންނެވޭނީ.”
އެއީ ތެދެކެވެ. އެތަނުގެ މަސައްކަތުމީހާ އިން ފެށިގެން ޕްރިންސިޕަލްވެސް މިވާހަކައަށް އެއްބަސް ވާނެއެވެ. އޭނާ އެތަނުގައި މަސައްކަތްކުރަނީ ގަޑިއަށް ބަލައިގެން ނޫނެވެ. ހުރިހާވަގުތަކީވެސް ރަސްމީ ގަޑިއެވެ. ތަނުގައި މަރާމާތެއްކުރިއަސް އިމާރާތެއްކުރިއަސް ޕާޓީއެއް ބޭއްވިއަސް އަދި ކޮންމެ ޙަރަކާތެއް ކުރިއަށްދިޔައަސް އޭނަ އޭނަގެ ގޮތުގައި އެތަނުގައި ހުންނާނެއެވެ. ބައެއްފަހަރު އެޑްވައިޒަރަކަށެވެ. ބައެއްފަހަރު އެޙަރަކާތުގެއަމަލީ ބައިވެރިއަކަށެވެ. އަދި ބައެއްފަހަރު އޭނާގެ މަސައްކަތާމެދު އާއްމުންގެ ފާޑުކިޔުންތަކަށް ތައްޔާރުވެގެން ހިނިއައިސްފައެވެ. ނުވަތަ ރުޅިއައިސްފައެވެ. އެހެންނަމަވެސް އޭނާ ފަހަތަކަށް ނުޖެހެއެވެ.
އެހެން ވެދާނެއެވެ. އެއީ ކުރިންވެސް ދެންނެވި ފަދައިން އުމުރުން އެންމެ 19 އަހަރުގައި އާދައިގެ ޕްރައިމަރީ ޓީޗަރއެއްގެ ވަޒީފާގައި މިތަނާ ގުޅުނުއިރު މިޒަމާނުގެ ތައުލީމަކަށް އޭރަކު މީހުން އަދި ހެއެއްނުލައެވެ. މިކަމުގެ ސަބަބުން ރައްޔިތުން އޭރު ދެކުނީ މި ޓީޗަރުންނަކީ ވަރަށް ހެއްވާބައެއްގެ ގޮތުގައެވެ. އެދުވަސްވަރުގެ ހަނދާންތައް އާކުރަމުން އަހްމަދު އަލީ ބުނުއްވިއެވެ.
“އޭރުވެސް މިރަށުގައި ބަހިއްޔާ ވަރަށް ގަދައަށްހިނގާ. މިރަށުގެ ކުދިންނާއި ރަށުންބޭރުކުދިން އެތަނުގެ ފުލް ކެޕޭސިޓީގައި ކިޔަވައިގެން މޮޅުވެ ސަނަދުތައް ނަގަމުންދޭ. މިހެން އޮއްވާ މި އާ ތައުލީމް ތައާރަފްކުރަން ޖެހުނީ އަޅުގަނޑުމެންނަށް. ގްރޭޑް 1 އުފެއްދުމަށްފަހު ކިޔަވައިދޭން ޖެހުނީ އުމުރުން 7 އަހަރުގެ ކުދިންނަށް. އެކުދިންގެ ޅަ ސިކުނޑިތަކަށް ވައްދައިދޭން ޖެހޭނީ އެއުމުރާ އެކަށީގެންވާ ވަރުގެ އެއްޗެތި. މިސާލަކަށް ހިސާބު ކިޔަވައިދޭއިރު އެކުދިންނަށް އެއުމުރުގައި ދަސްކޮށްދޭންޖެހެނީ 1 އިން ފެށިގެން 10 އާ ހަމައަށް ގުނާށާއި ކިޔަން. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ މުޤައްރަރުގައިވާ ގޮތް. ވީމާ މިގޮތަށްތާ ކިޔަވައިދެވޭނީވެސް. އެއަދަދުތައް ދަސްކޮށްދިނުމަށް އަޅުގަނޑުމެން ބޭނުންކުރި ޓީޗީންގއެއިޑް އަކީ ފުނައޮށް. ދެންވީގޮތެއް އެނގޭތޯ؟ ” އޭނާ ހިނިގަނޑެއްޖަހާލާފައި ބުންޏެވެ.”އަޅުގަނޑުމެންނާ ދިމާލަށް އޮއްގުނާ ސްކޫލޭ ކިޔާ މަލާމާތް ކުރަން ފެށީ. އަޅުގަނޑުމެންނާ ދިމާލަށް ވަރަށްގިނަ މަލާމާތުގެ ބަސްތައް ރައްދުވި.އެވާހަކަ ދެން ދިގުކުރުމުގެ ބޭނުމެއްވެސް ނެތް. އެކަން ދަންނާނެ މިރަށުގެ ދޮށީމީހުން……..މި ބަދަލަށް ރައްޔިތުން އަހުލުވެރިވަމުން ދިޔައީ ވަރަށްމަޑުމަޑުން. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި މި އާ ތައުލީމީ މަންހަޖް މީހުންގެ ބޮލަށް ވެއްދޭތޯ. ޚާއްޞަކޮށް އޭރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.މުޙައްމަދު ޒާހިރު ޙުސައިން. އެހެންވިޔަސް މިރަށުގެ ރައްޔިތުން އެއްގޮތަކަށްވެސް އޭރު ގަބޫލެއްނުވޭ ތައުލީމީ މަރުކަޒަށް ވައްދާކަށް. ރައްޔިތުން ތައުލީމީމަރުކަޒަށް އެމީހުންގެދަރިން ނުވެއްދުމުން އެންމެފަހުން ސަރުކާރުން އެޅުއްވިފިޔަވަޅަކީ އުމުރުން 7 އަހަރު ފުރޭ ކޮންމެ ކުއްޖަކު މިތަނަށް ވެއްދުން މަޖްބޫރުކުރީ. އޭދަފުށީއޮފީހުން ތައުލީމީ އަހަރު ފެށޭއިރު 7 އަހަރު ފުރޭ ކުދިންގެ ލިސްޓް މަޒުކަޒަށް ފޮނުވީމަ އެއޮތީ އެހިސާބުން މަރުކަޒަށް ކުދިންވެއްދުން މަޖްބޫރުވެފާ. ދެން ދިޔައީ ދުވަހުން ދުވަހަށް މިކަން ވައިގާވެސް ހިފަމުން ގްރޭޑްތައް އިތުރުވަމުން.

އަހްމަދު އަލީ 2013 ވަނައަހަރު އެޑިއުކޭޝަން މިނިސްޓަރ އާސިމްއާ ސަލާމްކުރައްވަނީ. / ފޮޓޯ: ބ. އަތޮޅު ތައުލިމީ މަރުކަޒު
ކޮންމެއަކަސް ތާރީޚަށްޓަކާ އިންސާފުން ވާހަކަދައްކާނަމަ އޭދަފުށީގެ ތައުލީމަށް ޚިދުމަތްކުރި މީހުންގެ ލިސްޓްގައި އަހްމަދުޢަލީގެ ނަން ގަދަ 10 ގެތެރޭގައި ނުހިމެނޭނެ ގޮތެއް ނޯންނާނެއެވެ. މި ދާއިރާގައި މެދުނުކެނޑި ޚިދުމަތްކުރާތާ މިހާރު 35 އަހަރު ވާއިރު މިއީ ހަމަ ގައިމުވެސް ރަށެއްގެ ނިސްބަތުން ބެލިޔަސް ގައުމީ ފެންވަރުން ބެލިކަމުގައިވިޔަސް ވަރަށް މަދުން ނޫނީ ފެންނާނެ ކަމެއް ނޫނެވެ. މުޅި އުމުރު އެހޭދަކުރީ މީހުން ބިނާކުރުމަށެވެ. މުޅި އުމުރު ހޭދަކުރީ އޭނަގެ ކިބައިގާހުރި ހުރިހާ ފަންނެއް އެހެން މީހުންނަށް ވަގުފު ކޮށްދިނުމަށެވެ. ވީމާ އަހްމަދު އަލީގެ މި އަގުހުރި މަސައްކަތަށް އަޅުގަނޑުމެން ނުހަނު އިޚްލާޞްތެރި ކަމާއެކު އައްސަރިބަހާ ސާބަސް ރައްދު ކުރަމުއެވެ. ތިޔަ މަސައްކަތާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ތިޔައީ ދެދުނިޔެއަށް ޓަކާ ކުރެވޭ ވަރަށް މާތް ކަމަކަށް ވާތީ ތިޔަކަމުގެ އަޖުރު ކީރިތި ﷲ ދެއްވާނެއެވެ. އަޅުގަނޑުމެން މިތިބީ ތިޔަ ފަރާތުގެ މަސައްކަތާމެދު ހިތްހަމަ ޖެހިގެންނެވެ. މި ރަށާމި ސްކޫލް އަށް ތިޔަފަރާތުން މެދުވެރިއެއްގެ ބައި ކުޅެގެން އަދިވެސް އިތުރުތަރައްގީ އާއި ކުރިއެރުން ގެނެސްދޭނެކަމާއިމެދު ޝައްކެއްނުކުރަމެވެ.
އަޙްމަދު ޢަލީގެ 35 އަހަރުގެ ޚިދުމަތުގެ އުސްއަލިތަކަށް ބަލައިލުމުގެ ގޮތުން އޭނާއާއި އީވީގެ ފަރާތުން ބައްދަލު ކޮށް އިތުރު މައުލޫމާތު އޮޅުންފިލުވައިލީމެވެ.
ތައުލީމީދާއިރާ ޚިޔާރުކުރެއްވީ ކީއްވެގެންތޯ؟
އެއީ އަޅުގަނޑު ދަންނައެއްޗެއް އެހެންބައަކަށް ދަސްކޮށްދިނުމަކީ އެއްމެ ކުރާހިތްވާ ކަންތައްކަމުގައިވާތީ. ޚާއްޞަކޮށް ކުޑަކުދިންނަށް.
އެންމެ ކުރާހިތްނުވާކަމަކީ؟
ބޭކާރު ގޮތުގައި ވަގުތުހޭދަކުރުން.
ތައުލީމީ ދާއިރާގައި އެންމެ ދެރަވި ދުވަހަކީ؟
ކުރިންވެސް ދެންނެވިފަދައިން މި ސްކޫލް ހުޅުވިތާ ކުރީކޮޅު ރައްޔިތުން އަޅުގަނޑުމެންބަލައިނުގަތުން. އޮއްގުނާސްކޫލެއްގެ ނަން ލޭބަލްވުން. އުހުން އަދި ވަރަށް ދެރަވި ދުވަހެއްއެއީ އަޅުގަނޑުމެން މާލެއިން މިސްކޫލަށް ގެނައި 5 ކިލޯވޯޓްގެ ޖަނަރޭޓަރު ހަކުރު އަޅައިގެން ގޮއްވާލި ދުވަހަކީ. އެއީ ވަރަށް ދެރަވި ދުވަހެއް.
އެކަމެއްނުވެގެން އަދިވެސް އެންމެ ހިތާމަކުރާ ކަމަކީ؟
ތައުލީމާ އެއްވަރަށް ދަރިވަރުންގެ އަޚްލާޤް ރަނގަޅު ނުވުން.
ދިރިއުޅުމުގައި ނުފުދި އޮތް ބޭނުމަކީ؟
ނެތް.ހަމަ ވަރަށް ކުރުކޮށް މިބުނީ ދިރިއުޅުމުގާ އަޅުގަނޑު ބޭނުން ހުރިހާ އެއްޗެއް ލިބިއްޖެ.
ޙަޔާތުގައި ދިމާވި ޙައްލުކުރަން އެންމެ އުނދަގޫވިކަމަކީ ؟
ބޮޑު ދެގެރިތަޅަންޏާ ކަށްގަލަށް ބާރުކުރެއޭ ބުނޭ ނޫންތޯ؟ ދެން މިހާވަރުން ފުއްދާލާ!
ގިނަ ބެލެނިވެރިންގެ ތާއީދު އޮތްފަދައިން ވަރަށް ގިނަމީހުންގެ ފާޑުކިޔުންތައްވެސް ރައްދުވާފަރާތެއް ތިޔައީ. އެގޮތުން އެއްވެސް ބެލެނިވެރިއަކުބުނި މިބާވަތުގެވާހަކައެއް ހަނދާންނައްތާނުލެވި އެބައޮތްތޯ؟
އެއީ މާޒީކަމަށްބަލާފައި އެހުރިހާ ކަމެއް ހަނދާން ކުރަންވެއްޖެނަމަ މުސްތަޤްބަލަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނީ. އެހެންވީމާ އެކަންކަން ހަނދާންކުރުމުގެ ބޭނުމަކީ ކޮބާ؟ އެހެން ނޫނަސް މޭވާ އަޅާ ގަސްގަހަށް އޮއްގާ އުކާނެ ދޯ.
ތިޔައީ ކޮންކަހަލަ މިޒާޖެއްގެ މީހެއްތޯ؟
ތިޔަކަން ޖަޖް ކުރާނީ އެހެންމީހުންކަން ނޭގެ.
އެންމެ އިތުބާރު ނުކުރެވެނީ ކޮންކަހަލަ ބަޔަކަށް؟
އެއްފަހަރުވެސް މަގުން ކައްސާލައިފިތަ؟ އެ ދެން އެހިސާބުން ނިމުނީ. މިބުނީ އިތުބާރުގެއްލޭނެ ވާހަކަ.

ފޭލި ޖަމްއިއްޔާއިން މިދިޔަ އަހަރު ސްކޫލަށް ހަދިޔާ ކުރި ޕްރޮޖެކްޓަރަކާ އަހްމަދު އަލީ ހަވާލުވަނީ/ ފޮޓޯ: ތައުލީމީ މަރުކަޒު
ބއތމ.އާއި ތިޔަފަރާތާއި ދެމެދު އޮތީ ކިހާ ގާތް ގުޅުމެއް؟
ބައްޕައަކާއި ދަރިއަކާ ދެމެދު އޮންނަކަހަލަ ވަރަށް ގާތް ގުޅުމެއް.
ދިރިއުޅުމުގާ އެންމެބޮޑަށް އެހީތެރިވަނީ ކާކު؟
އަނބިދަރިންނޫން ދެން އެހެން ކޮން ބައެއް؟
ސްކޫލްގެ ޙަޔާތުގައި އަޙްމަދު ޢަލީ ދެކިލެއްވި އެންމެ ކަމުނުދާ ޕްރިންސިޕަލްއަކީ ކޮން ބޭފުޅެއްތޯ؟ އަދި އެންމެ ޚިދުމަތްތެރި އެންމެ މަޤްބޫލް ޕްރިންސިޕަލްއަކީ ކޮން ބޭފުޅެއްތޯ؟
ކަމުނުދާ ޕްރިންސިޕަލް އެއްނެތް. އެންމެ މަޤްބޫލް ޕްރިންސިޕަލް އަކީ އެއްވެސް ޝައްކެއްނެތްގޮތުގައި ޑރ. އަޙްމަދު އަންވަރު. ވަރަށްކުރުކޮށްބުނާކަމުގައިވާނަމަ އަޅުގަނޑު ދަންނަވާނީ މި ސްކޫލާ މެދު މީހުންގެ ވިސްނުން ބަދަލުކޮށްލުމުގެ އެންމެ ބޮޑު ޙިއްސާ ދާރަކީ އަންވަރުކަމުގައި.
އެންމެ ފަޚްރުވެރި ވެވެނީ ކޮންކަމަކަށްތޯ؟
މި ސްކޫލުން ނިމިގެން އެތައްކުދިންނެއް މިއަދު ގައުމު ހިންގުމުގެ އިސްސަފުގައި ޙަރަކާތްތެރިވާތީ.
އަޙްމަދުއަލީގެ ވާހަކަކޮޅު ނިމުނީއެއްނޫނެވެ. ވަގުތު އެވަރަށް ތަންނުދޭތީ ނިންމާލަން ޖެހުނީއެވެ. މި ރިޕޯޓް ނިންމާލުމުގެ ކުރިން މި ނޫހުގެ ފަރާތުން އޭނާއަށް ޝުކުރު ރައްދުކުރަމެވެ. އަޅުގަނޑުމެންނާ މި މައުލޫމާތުތައް ޙިއްޞާ ކުރެއްވީތީއެވެ. ރަށާ ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމިހުރީތީއެވެ. ހަމަ މިހާއެކު އަޅުގަނޑުމެންގެ މުހިންމު އެދުމެއްވެސް އެބައޮތެވެ. އެއީ ދުނިޔޭގެ ސުންނަތާ އެއްގޮތަށް ކޮންމެ އާ އެއްޗަކީ ބާވާނެ އެއްޗެއްކަން އަހްމަދުއަލީ ގަބޫލުކުރެއްވުމެވެ. އުފެދުމާއި ނެތިވެދިއުމަކީ ދުނިޔޭގެ ޤާނުނުކަން ޤަބޫލު ކުރެއްވުމެވެ. ޓީން އޭޖްގައި މިތަނާ ގުޅުނު އިރު ތަޔައީ ނޫކަށި ފުރައިގެޒުވާނެއް ނަމަވެސް މިއަދަކީ އޭގެ 35 އަހަރުފަސްކަން ގަބޫލުކުރެއްވުމެވެ. މި ބަދަލު ތަކާއެއްގޮތަށް ތިމާވެސް ބަދަލުވާންޖެހޭނެކަން ޤަބޫލުކުރައްވާށެވެ. އެހެންނޫނީ ޕްރެޝަރް ބޮޑުވެގެން ޓަސްލާފައި ފިއުޒް ދިއުމަކީ ނުވާނެ ކަމަކަށްވުރެ ވުން ކައިރިކަމެކެވެ.