ދަރަވަންދު ބޮޑޭގެ ރޯސްކުރި ކުކުޅު

DSCN7755.jpg

ބޮޑޭގެ ނަމުން މަޝްހޫރު ވެފައިވާ ބ.ދަރަވަންދޫ މުހައްމަދު ސާގިބު--އީވީ ފޮޓޯ

ރޯސްކުކުރި ކުކުޅޭ ބުނީމާ ދެތަލި ތަތްލާ މީހުން މިހާރުވެސް މަދެއްނުވާނެއެވެ. ރޯސްކުރި ކުކުޅަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ އެންމެ މީރު އަދި އެންމެ ޝާހީ ކެއުންވެސް މެއެވެ. ބޮޑެތި ހަފްލާތަކުގެ މުއްސަނދިކަން ދެއްކުމަށްވެސް ކާބަފައިން ބޭނުން ކުރީ ދިވެހި ރަހަތައް ބޭނުންކޮށްގެން ދިވެހި ރޯސްކުރި ކުކުޅެވެ. އެއަޑު މަޑުވެ ފަނޑުވެގެންގޮސް ތާރީޚުގެ ތެރެއަށް ގޮސް އޮބާލީ ދިވެހި ކުކުޅުގެ ބަދަލުގައި ތާޒާކަން ގެއްލިފައިވާ ފިނިކޮށްފައިހުންނަ ބިދޭސީ ކުކުޅުގެ ޒަމާން އައުމުންނެވެ. ފިނި ކުރި ބިދޭސީ ކުކުޅުގައި ދިވެހި ކުކުޅުގައި އެހުންނަ މީރު ރަހަގަނޑު ނުހުންނަނީއެވެ.

އެކަމަކު އެ ހަނދާން ތަކާއެކު އަނެއްކާވެސް ހަނދާނުގެ ތެރެއަށް ގެއްލެމުން ދިޔަ ރޯސްކުކުޅު އަނެއްކާވެސް އަހަރެމެންނާ ހަމައަށް އައިސް ރަހަމީރު ކޮށްލުވައިފިއެވެ.

އެކަމުގެ ހުރިހާ ޝުކުރެއް އޮތީ ދަރަވަންދޫ ބޮޑޭ އަށެވެ. އެއީ އެނގެ އުފެއްދުމެކެވެ. އެކަމަކު ދަރަވަންދޫ ކަނޑު އޮޅިން ނުކުމެ މިހާރު ބ.އަތޮޅުގެ ރަށްތަކާ ހަމައަށް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ފެތިރިގެން އެދިޔައީ އޭގައި އާދަޔާ ޚިލާފު މީރު ރަހައެއް ހުރީމާތާއެވެ.

އީވީގެ ޓީމް ދަރަވަންދޫއަށް ދިޔައީ މިކަމުގެމައުލޫމާތު އޮޅުން ފިލުވާލާ ހިތުންނެވެ.

ބޮޑޭއާ ބައްދަލުކުރަން ދިޔައީ އޭނާ ހިންގާ ހޮޓަލަށެވެ. ބައްދަލު ކުރެވުނީ ދެބަންގާޅިން ދެފަހަރު އައިސް ތަހުގީގީ ވާހަކަތަކެއް ދެއްކުމަށް ފަހުއެވެ. ބޮޑޭގެ ދެ ސެކިއުޓީ ގާޑުންކަމަށް ހީވިޔަސް އެއީ ބޮޑޭ ގެ ހޮޓަލުގައި ގެންގުޅޭ ދެ ވެއިޓަރުންނެވެ.

އަހަރެމެންނާ ވާހަކަ ދައްކަން ފަހުން އައި ބަންގާޅީ ކަލޭގެ ދިޔަތާ އިރުކޮޅެއްގެ ފަހުން ބަދިގެއިން ނުކުމެގެން ސިއްހަތު ރަނގަޅު ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ މީހަކު އަތުވެއްޖެއެވެ. މިއީ އާއްު ނަމުން ކިޔާނަމަ ބޮޑޭއެވެ. ނުވަތަ ދަރަވަންދޫ މުހައްމަދު ސާގިބުއެވެ. އެއްވެސް މައުލޫމާތެއް ދޭން ފުރަތަމަ އިންކާރު ކުރިއެވެ. އިޝްތިހާރުވާން ބޭނުން ނުވާ ކަމަށް ބުނެއެވެ. އެކަމަކު އަހަރެމެން ތިބީ އެނބުރި ދާގޮތަކަށް ނޫނެވެ. ލައްކަ ވާހަކައަށްފަހު ބޮޑޭ އަހަރެމެން ބޭނުން ހުރިހާ މައުލޫމާތެއް ވެސް ދިނެވެ..

މީރުވެގެން މަޝްހޫރުވެފައިވާ މި ރޯސް ކުކުޅަކީ ބޮޑޭގެ ރެސިޕީއެއް ނޫނެވެ. ޕާކިސްތާނު ރެސިޕީއެކެވެ. އެކަމަކު ޕާކިސްތާނުގެ ރެސިޕީއެއް ބޮޑޭގެ އުމުރުން 57 އަހަރަށް ފަހު ތައާރަފް ކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ. ދިރިއުޅުމުގެ ބޮޑުބައި އާއިލީ ގޮތުން ގުޅިފައިވާ މަޝްހޫރު ދަނބުމާ ފާއިޒް މާލޭގައި ހިންގި ހޮޓާ ތަކުގައިވެސް ބޮޑޭ މަސައްކަތް ކޮށްފައިވާ އިރު މާފަހުން މާ މަޝްހޫރު ރޯސްކުކުޅެއް މި ތައްޔާރު ކުރީ ކިހިނެއްހެއްޔެވެ؟ އެކަމުގެ ހަގީގަތް ބޮޑޭ ކިޔައިދޭން ފެށިއެވެ..

“އެއްދުވަހަކު ބޮޑެއަށް މިފެންނަނީ ބިދޭސީ ދޮން މީހަކު މިދިމާލުން އަތިރމަތީގައި އެއްވެސް މަސައްކަތެއް ނެތި އާވާރާވެގެން ދެކޮލު ދެކޮޅަށް ހިނގާތަން. ” ބޮޑޭގެ އަތުގެ އިޝާރާތުން އަތިރިމަތި ދައްކަމުން ބުންޏެވެ. “ބަލާބެލުމުން ހީވީ އޭނާއަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވެގެން އުޅޭހެން. ނޫނީ ކޮންމެވެސް ކަމެއް ބޭނުން ވެގެން އުޅޭހެން. އިސްޖަހައިގެން ފުން ވިސްނުމެއްގައި ހުންނަނީ. އަނެއްދުވަހުވެސް ފެނުނީ އޭނާ ހަމަ އެހެން އުޅޭތަން. އެކަން ސާފުކުރާހިތް ބޮޑުވީ ކީއްވެގެން ކަމެއްވެސް ނޭނގުނު. އެހެންވެ  އަންހެން ދަރިފުޅު ފޮނުވައިގެން އޭނާ އާ ވާހަކަ ދެއްކީ..”

އެއީ އެރަށާ ކައިރީގައި އަލަށް ހަދަމުން އައި ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި ޕާކިސްތާނު މީހެކެވެ. އޭނާއަށް މުސާރަ ނުދޭތީ ބޭނުންވީ މާލެ ދާށެވެ. ރައްޓެއްސަކު މެދުވެރިވެގެން ކޮންމެވެސް އެހެންތަނަކުން ވަޒީފާއެއް ހަމަޖެހިފައިވާތީއެވެ. އެކަމަކު އޭނާގެ އަތުގައި އެއްވެސް ފައިސާއެއް ނެތީއެވެ. މައްސަލަ އަކީ މިއެވެ.

“އެދުވަހު އޭނާ އެދުނީ ކާއެތިކޮޅަކަށް. ރަނގަޅަށް ކައި ނިމިގެން އޭނާ ބުނީ މުސާރައެއް ނުދިންނަމަވެސް މާލެ ދެވޭވަރަށް ފައިސާކޮޅެއް އެއްކުރެވެންދެން ގެންގުޅެލަދޭށޭ. ބަދަލުގައި ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް ދަސްކޮށްދޭނަމޭ.”

އޭގެ އަނެއް ދުވަހު އޭނާ ހަދައިދިނީ ރޯސްކުރި ކުކުޅެކެވެ. މި ކުކުޅުގެ ރަހަބަލާފައި ރައްޓެހިންނަށް ދިނުމަށް އެދުނެވެ.

“މި ކުކުޅުގެ ރަހަ ބެލުމަށްފަހު މީރުވެގެން އޯޑަރު ލިބެން ފެށީ. ހައެއްކަ ދުވަހު މަސައްކަތްކޮށް މާލެ ދެވޭވަރަށް ފައިސާވެސް ލިބިއްޖެ. ފުރައިގެން ދިޔައީ އޭނާ ވައުދުވި ގޮތަށް އާމްދަނީ ހޯދުމަށް ޕާކިސްތާނު ރޯސްކުރި ކުކުޅު ހަދަން ދަސްކޮށްދީފައި.”

ބޮޑޭގެ ރޯސްކުރި ކުކުޅުގައި އާދަޔާ ޚިލާފު މީރުކަމެއް ހުންނަކަން ކޮންމެ މީހަކުވެސް ފާހަގަ ކުރެއެވެ.  އެނބުރިދަނީ އަދިވެސް އަންނާނެކަމުގެ ވައުދާ އެކުގައެވެ..

‘ބައެއް ދުވަސްދުވަހު އޭދަފުށިންވެސް އަންނާނެ ގްރޫޕް ހަދާފައި ކުކުޅު ކާލަން. އަދި ހަމައެގޮތަށް އޭދަފުށިން އެކަނިވެސް ބައެއް ދުވަސްދުވަހު ތިން ހަތަރު ކުކުޅު ތައްޔާރު ކުރުމަށް އޯޑަރު ލިބޭ.” ބޮޑޭ ބުންޏެވެ.

ބ.އަތޮޅަށް އަލަށް ތައާރަފްވި ބޮޑޭގެ ރޯސްކުރި ކުކުޅު ކިތަންމެ މީރުވެފައި އަގާ އެކަށީގެން ވިޔަސް ދެން އޮތީ ހިތާމަވެރި ޚަބަރެކެވެ.

ބޮޑޭ ހުރީ މި ކަން ކުރިއަށް ގެންދާ ގޮތަކަށް ނޫނެވެ. މިމމަސައްކަތް ދެން އިތުރަސް ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނެވެ.

“މީހުންގެ އުނދަގޫ ބޮޑުވީ. މިކަމާ ހަސަދަލައިގެން އުޅޭ މީހުންވެސް ގިނައީ. އެހެންވީމާ މިމަސައްކަތް ކުރެވެން ނެތީ. ” 57 އަހަރުގެ ބޮޑޭ މިއަށްވުރެ ބޮޑަށް މިވާހަކއިގެ ތަފްސީލަކަށް ނުދިޔައެވެ.

“މިހާރަކު ބުރަމަސައްކަތް ކޮށްގެން ފައިސާ ހޯދުމުގެ މާ ބޮޑު ބޭނުމެއްވެސް ނެތް. ހަ ދަރިން ތިބި އިރު ކޮންމެ ދަރިއަކީވެސް ރަނގަޅު ވަޒީފާގައި ރަނަގަޅު އާމްދަނީ ލިބޭ ކުދިން ވީމާ ކޮންމެ ކުއްޖަކުވެސް ގަވާއިދުން ކޮންމެ މަހަކުވެސް ފައިސާދޭ ފުދި އިތުރުވާވަރަށް.” ހޮޓަލުގެ މަސައްކަތުގައި ގިނަ ދުވަހު އުޅެފައިވާ ބޮޑޭ ބުންޏެވެ.

ބޮޑޭ އާއެކު ވާހަކަ ފެށުނީ ތަންކޮޅެއް ބީރައްޓެހި ގޮތެއްގައިނަމަވެސް ނިންމާލަން ހިފާލިއިރު އަހަރެމެންނަށް ބޮޑޭ ފެނުނީ ޒަމާންވީ ރައްޓެއްސެއްގެ ގޮތުގައެވެ. ވަރަށް ހެޔޮ އެކުވެރި އެއްގެ ގޮތުގައެވެ. އެންމެ ފަހުން އޭނާ އާއި ވަކިވެގެން އައީ ކޮފީއަކާއެކު ބޮޑޭ އަތުން ތައްޔާރު ކޮށްފައިވާ ބަޖިޔާ އާއި ކަވާބުގެ މީރުކަން ވެސް ދައްކުވާފައެވެ. ބިލަށް ފައިސާއެއް ވެސް އަތުލުމެއްނެތި ކައިރި މުސްތަގްބަލެއްގައި ބައްދަލުވާނެ ކަމަށް އުއްމީދު ކުރަމުންނެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު