ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް : އަލްފާތިޙާ (އަލްހަމްދު) ސޫރަތުގެ މާނައިގެ މައްޗަށް ބަލައިލުމެއް

shutterstock_260306567.jpg
  • ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
  • (މެއި 25 އާ ގުޅޭ) މިސޫރަތުގެ ދެވަނަ އާޔަތުން ފެށިގެން ހަތަރުވަނާ އާޔަތުގެ ނިޔަލަށް ވަނީ އެއް ޖުމްލައެވެ. الحمد لله [(ހުރިހާ) ހަމްދު – ތައުރީފާއި ޝުކުރު – ހައްގުވަނީ (ހަމައެކަނިމާތް)ﷲއަށެވެ] މި ޖުމްލައެވެ. ދެން ހިމެނޭ އިބާރާތްތަކަކީ މިޖުމްލައިގައި ހިމެނޭ މާތްﷲގެ އިސްމުފުޅަށް ނިސްބަތްވާ ނަންއިތުރުތަކެކެވެ. މިނަންއިތުރުތައް ދިވެހިބަހަށް ގެނައުމުގައި ވަކި ޖުމްލަތަކެއްގެ ސިފައިގައި ނުގެނެސްވަނީ މިހެންވެގެންނެވެ. މިސާލަކަށް رب العالمينގެ ތަރުޖަމާގައި ‘އެއީ އާލަމްތަކުގެ ވެރި މާތް ރަސްކަލާނގެއެވެ، މިހެން ލިޔުމުގެ ބަދަލުގައި ‘ޢާލަމްތަކުގެވެރި (މާތްﷲއަށެވެ)’ މިހެންލިޔެފައިވަނީ މި ސަބަބަށްޓަކައެވެ. ކީރިތި ޤުރްއާނުގެ އަސްލު އިބާރާތާއި އެއްގޮތް ކުރުމުގެ ގޮތުންނެވެ. ދެވަނަ އާޔަތުން ފެށިގެން ހަތަރުވަނަ އާޔަތުގެ ނިޔަލަށް ޖުމްލައިގެ ބައިތައް ވަކިނުކޮށް އެކީއެކައްޗަކަށް އެ އާޔަތްތަކުގެ ތަރުޖަމާގައި މިހެން ލިޔެލެވިދާނެއެވެ. “ހުރިހާ ހަމްދެއް – ތައުރީފާއި ޝުކުރެއް – (ހައްގު)ވަނީ (ހަމައެކަނި) ޢާލަމްތަކުގެ ވެރި، ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ، ޖަޒާ (ދިނުމު)ގެ ދުވަހުގެ ވެރި (މާތް) ﷲއަށެވެ”.
  • އަލްޙަމްދު މިލަފުޒުގައި ހިމެނޭ ‘އަލް’ – އަރަބި ބަހުގައި އާއްމު ނަން ޚާއްސަކުރުމަށް ބޭނުންކުރެވޭ ދެ އަކުރު – އިޝާރަތްކުރަނީ ބާވަތަށެވެ. ޙަމްދުގެ ކުރިއަށް ‘އަލް’ އިތުރުކުރުމުން އެނަން ޚާއްސަކުރެވި ޚަމްދު ކުރުން ހައްގުވާ ހުރިހާ ސިފަޔަކާއި ކަމެއް ހިމެނުމަށެވެ. އަލްޙަމްދު މިލަފުޒުގެ ތަރުޖަމާ ކުރުމުގައި ‘ހުރިހާ’ އިތުރުކުރެވިފައިވަނީ މިކަން ދޭހަކޮށްދިނުމުގެ ގޮތުންނެވެ.
  • ربގެ ލަފުޒީ މާނައަކީ ވެރިޔާއެވެ. އަރަބި ބަހުގައި ގޭގެ ވެރިމީހާއަށް رب البيت (ގޭގެ ސާހިބުމީހާ) އޭ ކިޔެއެވެ. އޭނާއަކީ ގޭގެ ހުރިހާކަމެއް ބަލަހައްޓާ މީހާކަމަށް ވާތީއެވެ. އާއިލާގެ މެމްބަރުންގެ ހުރިހާ ކަމެއް – ކެއުމާއި ބުއިމާއި އަންނައުނު ހޯދައިދިނުމާއި ބޯހިޔާވެހިކޮށްދިނުމާއި، ބަލިވީމާ ބެލުން – މިކަންކަންކުރާ މީހާއަށް ވާތީއެވެ. العالمين ‘އާލަމްތައް’ އިޝާރަތް ކުރަނީ މާތްﷲ ފިޔަވައި ވުޖޫދުގައިވާހުރިހާ އެއްޗަކަށެވެ. އިންސާނުންނާއި ޖަނަވާރުންނެވެ. މަލާއިކަތުންނާއި ޖިންނީނެވެ. މިއިންކޮންމެ ގިންތިއަކީ އާލަމެކެވެ. މާތްﷲއީ މިހުރިހާ އާލަމްތަކެއްގެ، އާދެ، މަޚުލޫގުތަކުންގެ ވެރި ރަސްކަލާނގެއެވެ. އެމަޚްލޫގުން ނެތުމުގެ ތެރެއިން އުފައްދަވައި އެ އެއްޗިއްސަށް ދިރުންދެއްވި ރަސްކަލާނގެއެވެ. އެ މަޚްލޫގުންނަށް ރިޒުގާއި ނިއުމަތްތައް ދެއްވައި އެ އެންމެންގެ ކަންތައްތައް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
  • إياك نعبد އާއި وإياك نستعين މި ދެޖުމްލައިގެ ތަރުތީބުވަނީ ވަކި ސަބަބަކަށްޓަކައި އިސްފަސްކުރެވިފައެވެ. އާންމުގޮތެއްގައި އަރަބި ބަހުގައި ކަމަކުން ފެށޭ ޖުމްލަ އޮންނަ ތަރުތީބަކީ ‘ކަން’، ކަންކުރާ، ‘ކަންރައްދުވާ’ މިތަރުތީބުންނެވެ. މި ދެ ޖުމްލައިގައި ‘ކަންރައްދުވާ’ ކަމުގައިވާ إياك (އިބަ[ރަސްކަލާނގެ])ވަނީ ކުރިއަށް ގެނެވި އިސްކުރެވިފައެވެ. އަޅުކަންކުރުމާއި ވާގިއެދުން، ކަންރައްދުވާ ފަރާތަށް – މާތް ﷲއަށް – ޚާއްސަ ކުރުމުގެ ބޭނުމުގައެވެ. މިއާޔަތުގެ މާނަ ތަރުޖަމާކުރުމުގައި ‘ހަމައެކަނި’ އިތުރުކުރެވިފައިވަނީ މި މާނަ ދޭހަކޮށްދިނުމަށްޓަކައެވެ.

ސޫރަތް ބިނާވެފައިވާ ގޮތް

އަލްފާތިހާ ސޫރަތުގެ އާޔަތްތައް ތިންބަޔަކަށް ބަހާލެވިދާނެއެވެ. އެއްމެފުރަތަމަ ބިސްމިއެވެ. މާތްﷲގެ އިސްމުފުޅު ނަންގެނެ، ބަރަކާތް ލިބުން އަދައިގެން، މިސޫރަތް ކިޔަވާން ފެށުމެވެ. ދެވަނަބައި އެކުލެވެނީ ދެވަނަ އާޔަތުންފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ވަނީ މާތްﷲގެ ރަސްކަންފުޅު ދެނެގަތުމާއި، އެކަލާނގެ ކިބަފުޅަށް އަދަބު އިހުތިރާމު އަދާކޮށް، އެކަލާނގެއަށް ހައްގުވެގެންވާ ގޮތުގައި އެކަލާނގެ ރަސްކަންފުޅަށް ގަދަރު ބެހެއްޓުގެ ވާހަކައެވެ. ދެން، ފަސްވަނަ އާޔަތުގައި ނަންގަނެވިފައިވަނީ،  މިތަސައްވުރާއި ގުޅޭ،  އެ ކަލާނގެއާއި އަޅުތަކުންނާއި ދެމެދު އޮންނަންވާ ގުޅުމުގެ ވާހަކައެވެ. މިއަށް ފަހު، ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ، އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ ވާހަކައެވެ. ‘ތެދުމަގު’ ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި،  މުއުމިނާ ދަންނަވާ، ދުއާގެ ވާހަކައެވެ. އަދި މި ތެދުމަގަކީ ކޮން މަގެއްކަމުގެ ވާހަކައެވެ.

ސޫރަތުގެ ތަފްސީރު

ބިސްމިއަށް ފަހު، އަލްފާތިހާ ސޫރުގެ ދެވަނަ އާޔަތުގައި ވަނީ الحمد لله މިހެންނެވެ. މިއާޔަތުގައި އިރުޝާދުދެވިފައިވަނީ މާތްﷲގެ ކިބަފުޅަށް ހަމްދުކުރުމަށެވެ. އަލްޙަމްދު އަކީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅުކުރާކުރުމަށް ކިޔޭނަމެކެވެ. ޝުކުރުއަދާކުރަނީ އިހުސާންތެރިކަމާއި ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާއަށް އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެނަމަ އެފަރާތަކަށް ދުލުންނާއި ހިތުގެއަޑީން ޝުކުރުއަދާކުރެވެއެވެ. ތައުރީފުކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާއި ގުޅޭގޮތުންނެވެ. މީހެއްގެ ކިބައިގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ހުރެއްޖެނަމަ ނުވަތަ ހިތްވަރާއި ކެރުން އެމީހަކަށް ލިބިގެންވީނަމަ އެކަންކަމަށް ތައުރީފުގެބަސްތައް ކިޔައި އިއްވެއެވެ. އަދި ހަމަ އެހެންމެ މޮޅު ކާމިޔާބީއެއް ހާސިލުކޮށްފި ނަމަ އެކަމާއި ވިދިގެން އެމީހަކަށް ތައުރީފުކުރެވެއެވެ. ހަމްދު ހުރީ މާތް ﷲ ގެ ކިބަފުޅަށޭ ބުނެވޭބަހުގެ މާނައަކީ ހުރިހާ ރިވެތި ސިފަތަކާއި މޮޅުކަމެއް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެންވުމާއި އަދި އެހެނިހެން މަޚުލޫގުންނަށް ލިބިފައިވާ މިފަދަކަންކަމުގެ އަސްލަކީ އެކަލާނގެކަމަށް ހިތުގެއަޑީން ގަބޫލުކޮށް ދުލުން އިގުރާރުވުމެވެ. އެކަލާނގެ ކިބަފުޅަށް ޙަމްދު ކުރުން ދޭހަކޮށްދެނީ އެކަލާނގެ މަތިވެރިކަމަށް އެއްބަސްވެ އިއުތިރާފުވެ، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވުމެވެ. ތިމަން ނެތުމުގެތެރޭން ވުޖޫދަށް ގެންނަވައި ދުނިޔޭގައި އުޅުމަށް ބޭނުންވާ ވަސީލަތްތައް ދެއްވިކަމަށްޓަކައެވެ. ތިމާއަށް ތެދުމަގު ދައްކަވައި، ތިމާގެ ހަޔާތް ބާއްޖަވެރިކުރުމުގެ މަގުތައް ފަހިކޮށްދެއްވިކަމަށްޓަކައެވެ. އަދި މިނޫންވެސް، އަދަދުނުކުރެވޭ އެތައް އެތައް ނިއުމަތްތަކެއް، އުފަލާއި ހިތްހަމަޖެހުންތަކެއް، މެދުވެރިކޮށްދެއްވިކަމަށްޓަކައެވެ.

އެކަލާނގެ ކިބަފުޅަށް ހަމްދުކުރުމުގެ އިރުޝާދަށްފަހު، ދެން، އެކަލާނގެ ޢަޡަމަތްތެރިކަން، އާދެ، މަތިވެރިކަން، ސިފަކޮށްދެވިފައިވެއެވެ. އެކަން އިންސާނާގެ ހިތަށް ކޮންމެވެސްވަރަކަށް ނަމަވެސް ތަސައްވުރު ކުރެވިދޭތޯއެވެ. އަދި އެކަލާނގެއަށް ހައްގުވާ އަދަބާއި އިހުތިރާމު އަދާކޮށް، ގަދަރުބެހެއްޓުމައްޓަކައެވެ. މިގޮތުން މާތްﷲގެ ޒާތުފުޅުގެ ހަގީގަތުގެ މައްޗަށް އަލިއަޅުވައިލެވިފައިވެއެވެ. އެންމެ ފުރަތަމަ މާތް ﷲއީ رب العالمينކަން، އާލަމްތަކުގެ ވެރިރަސްކަލާނގެކަން، ބަޔާންކޮށްދެވިފައިވެއެވެ. އެންމެހައި މަޚްލޫގުން އުފައްދަވައި އެމަޚުލޫގުންގެ ކަންތައްތައް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. ދެން މާތްﷲއީ الرحمن الرحيم ވަންތަ ރަސްކަލާނގެކަން، ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ ރަސްކަލާނގެކަން ބަޔާންކޮށްދެވިފައިވެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲގެ ޒާތުފުޅުގެ ހަގީގަތް ބަޔާން ކުރުމުގެގޮތުން އެތައް ސިފަފުޅުތަކެއް ނަންގަނެވިފައިވާއިރު، ރަހުމަތުގެ ސިފަފުޅު އެންމެފުރަތަމަ ސޫރަތުގައި ނަންގަނެވިފައިއޮތީ ކީއްވެކަން ފާހަގަކޮށްލަންޖެހެއެވެ. މިއާޔަތުންނާއި އަދި މިނޫންވެސް އެހެން ބައެއް އާޔަތްތަކުން ރަހުމަތުގެ ސިފަފުޅަކީ މާތްﷲގެ އެންމެ މުހިއްމު ސިފަފުޅުކަން ދޭހަވެއެވެ. الرحمن ސިފަކޮށްދެންނީ އެކަލާނގެ ޒާތުފުޅެވެ. އެކަލާނގެ އަކީ އެންމެ ފުރަތަމަވެސް ރަހުމަތުގެ ރަސްކަލާނގެކަމެވެ. އެއްވެސް ހާލަތެއްގައި އެކަލާނގެ އެއްވެސް މަޚުލޫގަކަށް އަނިޔާވެވޮޑިގެންނުވެއެވެ. ރަހުމަތުގެ ސިފަޔަކީ މާތްﷲ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް، އަމިއްލަފުޅަށް، ވާޖިބު ކުރައްވައިފައިވާކަމެކެވެ. “…ތިޔަބައިމީހުންގެވެރި ރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް ރަހުމަތް ލާޒިމުކުރައްވައިފައެވެ…” (އަލްއަންޢާމް 54) މިއާޔަތުގައި އައިސްފައިވާފަދައިންނެވެ. އެއްވެސް މީހަކު އެކަލާނގެއަށް ނުކިޔަމަންތެރިވެ އުރެދުނުކަމުގައި ވިޔަސް، އެކަލާނގެ ރަހުމުތުގެ ދޮރުވަނީ އަބަދުވެސްވަނީ އޭނާއަށްޓަކައި ހުޅުވިފައެވެ. އެކަލާނގެ އަޅުތަކުންނަށް، އަދި ވަކިން ޚާއްސަކޮށް، ފާފަތަކަށް އަރައިގަނެ، ތިމާމެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވި އަޅުތަކުންނަށް އަންގަވަނީ “…(މާތް) ﷲގެ ރަހުމަތާއި މެދު މާޔޫސްވެ އުއްމީދު ކަޑާނުލުމަށެވެ. (އެހެނީ މާތްﷲ) އަޅުތަކުންގެ ހުރިހާ ފާފައެއް ވެސް ހަމަ އެއްކޮށް ފުއްސަވާލައްވަތެވެ.” (އައްޒުމަރު 53) މިއާޔަތުގައި ބަޔާންވެގެންވާފަދައިންނެވެ.

އެކަލާނގެ ޒާތުފުޅު ބަޔާންކޮށްދިނުމުގެ ގޮތުން ތިންވަނައަށް ނަންގެނެވިފައިވަނީ އެކަލާނގެއީ مالك يوم الدينކަމެވެ. ޖަޒާދިނުމުގެ ދުވަސް، އާދެ، ގިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެ ކަމެވެ. يوم الدين މިއިބާރާތުގައި ގިނަ މާނަތައެއް އެކުލެވިގެންވެއެވެ. ދުނިޔަވީ ހަޔާތަކީ ނިމުމެއްއޮތް ހަޔާތެއް ކަމެވެ. ހުރިހާ އިންސާނުން ވެސް، މަރުވެ، މި ދުނިޔެ ދޫކޮށްދާންޖެހޭނޭ ކަމެވެ. އަދި އެއަށްފަހު، އަލުން ދިރުއްވައި އެމީހުންގެ ދުނިޔަވީ އަމަލުތަކާއިމެދު، އެމީހުންނާ ސުއާލުކުރެވޭނޭ ކަމެވެ. އަދި ކޮންމެ މީހެއްގެ ވެސް އަމަލުތަކުގެ މައްޗަށް ބިނާކޮށް، ހިސާބުބެލެވި، އެމީހަކަށް ހައްގުވާ ޖަޒާ ދެވޭނޭ ކަމެވެ. ރަނގަޅު ގޮތުގައި ކަންތައްތައްކުރި މީހުންނަށް ހެޔޮ ޖަޒާ ދެވޭނޭ ކަމެވެ. އެމީހުންގެ ހަޔާތް، ކުށްފާފަކުރުންމަތީ ވޭތުކޮށްލި މީހުން ވެސް، އެ މީހުން ކުރިކަމެއްގެ ނަތީޖާއާއި ކުރިމަތިލާންޖެހޭނޭ ކަމެވެ. އަދި އެ މީހުންނަށް ވެސް، އެމީހުންގެ ފާފަތައް ފުއްސެވުމަށް މާތްﷲ އިރާދަކުރައްވައިފިނަމަ، ފާފަފުއްސަވައި އެމީހުންނަށް ވެސް ހައްގުވާ ޖަޒާދެވޭނޭ ކަމެވެ.

مالك ކިޔުމުގައި ސައްހަ ދެ ގޮތެއް ވާރިދުވެފައިވެއެވެ. ‘މާލިކި’ (ވެރިޔާ) އާއި ‘މަލިކި’ (ރަސްގެފާނު) މި ދެ ގޮތެވެ. މި ދެ ގޮތްވެސް އިޝާރާތް ކުރަނީ އެއް މާނައަކަށެވެ. ގިޔާމަތްދުވަހު، ހުރިހާބާރަކާއި އިޚުތިޔާރެއް – މަތީގައި ދެންމެ ނަންގަނެވުނު ހިސާބު ބެއްލެވުމާއި، އަފޫކުރެއްވުމާއި ޖަޒާދެއްވުންފަދަ ހުރިހާ ކަމެއްގެ ބާރާއި އިޚުތިޔާރު – ލިބިގެންވަނީ ހަމައެކަނި މާތް ﷲއަށް ކަމަށެވެ.

މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް އިންސާނާގެ ހިތަށް އެކަލާނގެ ރަސްކަންފުޅުގެ ތަސައްވުރެއް ހުށަހާޅާލުމަށްފަހު، ދެން ނަންގަނެވިފައިވަނީ،  މިތަސައްވުރާއި ގުޅޭ  އެ ކަލާނގެއާއި އަޅުތަކުންނާއި ދެމެދު އޮންނަންވާ ގުޅުމުގެ ވާހަކައެވެ. މިގުޅުމަށް އިޝާރާތްކުރެވިފައިވަނީ إياك نعبد وإياك نستعين މިއާޔަތުގައެވެ. އަޅުކަންކުރުން އޮންނަންޖެހޭނީ ހަމައެކަނި މާތްﷲގެ ކިބަފުޅަށް ކަމަށެވެ. އަދި ވާގިއެދުން ވެސް އޮންނަންޖެހޭނީ ހަމައެކަނި މާތްﷲގެ ޙަޟުރަތުން ކަމަށެވެ. މިއާޔަތުގައިވާ މުހިއްމު ދެ ލަފުޒު ކަމުގައިވާ އަޅުކަންކުރުމާއި (نعبد) ވާގިއެދުމުގެ (نستعين) މާނައިގެ މައްޗަށް އިތުރަށްބަލައިލަމާތޯއެވެ. މިއާޔަތް ރަގަޅަށް ވިސްނި ފަހުމުވޭތޯއެވެ.

‘نعبد’ (އަޅަމެން އަޅުކަން ކުރަނީ) އައިސްފައިވަނީ ‘عبادة’ (އަޅުކަންކުރުން) މި މަސްދަރުންނެވެ. އަޅުކަންކުރުމުގެ މާނައިގައި މައިގަނޑު ދެކަމެއް އެކުލެވިގެން ވެއެވެ. ފުރަތަމަ ކަމަކީ ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. ދެވަނަކަމަކީ ތައުޡީމު އަދާކުރުމެވެ. ތިމަންމެން އަޅުކަން ކުރަނީ މާތްﷲގެ ކިބަފުޅަށޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ ކިބަފުޅަށް ތިމާގެ އަމިއްލަ ނަފްސު ތަސްލީމުކޮށް، ދީލުވާލައި، ކިޔަމަން ކުރުވުމެވެ. މިކިޔަމަން ކުރުން ފާޅުކޮށް، ދައްކުވައިލެވެނީ އަމިއްލަ ނަފްސު، ނުރަގަޅު ކަންތައްތައް ކުރުމުން ދުރުހެލިކުރުވައި، ހެޔޮކަންތައްތައް ކުރުންމަތީ ދަމަހައްޓުވައި ގެންނެވެ. އެކަލާނގެ ހައިބަތާއި މަތިވެރިކަން ހިތަށްގެނެސް، ތަޢުޡީމު އަދާކުރާ ހާލުގައެވެ. މިގޮތުގެ މަތިން، މާތްﷲގެ ކިބަފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ކުރެވެނީ ކިހެނެއްތޯ އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމް ދީނުގެ އަޅުކަމުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުގެ މަގުސަދުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލުން ބޭނުންތެރިއެވެ.

އާދެ، ނަމާދަކީ އަޅުކަމުގެ ރަސްމެކެވެ. ހަރަކާތްތަކާކައި ކިޔުންތަކެއްގެ މައްޗަށް އެކުލެވިފައިވާ، ބޭރުފުށުގެ އަޅުކަމުގެ އަމަލެކެވެ. މިއަޅުކަން ކުރުމަށް ބާރުއަޅައި، މިއަޅުކަމުގެ މަގުސަދަކީ ކޮބައިކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވެއެވެ. އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައެވެ. ނަމާދުގެ މުހިއްމުކަމާއި، މިއަޅުކަމުގެ ހަގީގީ މަގުސަދާއި ބޭނުމަކީ ކޮބައިކަން މުއުމިނުންނަށް ހަނދާންކޮށް ދިނުމުގެ ގޮތުން، އެންމެ އިހުއްސުރެން، މުސްލިމު މުޖުތަމައުތަކުގައި، ކޮންމެ ހުކުރު ދުވަހަކު، ހުކުރުގެ ފަހު ޚުތުބާގައި ކިޔޭ މިއާޔަތު ގައެވެ. “… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر….”، “…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް އަމަލުތަކުންނާއި، (އިންސާނާގެ ސަލާމަތް ބުއްދި، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަކުރުން އެއީ އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ….”، މިއާޔަތުގައެވެ. (ނުނިމޭ )

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top