10 އަހަރަށްފަހު އޭދަފުށީ ބޮޑުމިސްކިތުގައި އާކާޕެޓެއް އަޅައިފި

25383409_10155478855923402_2022114911_o.jpg

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން.

10 އަހަރަށްފަހު އަނެއްކާވެސް އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑުމިސްކިތް) ގައި އާކާޕެޓެއް އަޅައިފިއެވެ.

އަމިއްލަ ކުންފުންޏަކުން ހަދިޔާކުރި މިކާޕެޓް އަޅާފައިވަނީ ހެޔޮއެދޭ އެކިފަރާތްތަކާ، އާންމު ރައްޔިތުންގެ ތެރެއިން ހިލޭ ސާބަހަށް މަސައްކަތް ކުރި ބައެއްމީހުންނާއެކު މިދިޔަ ހަތަރުވަރަކަށް ދުވަހުގެ މަސައްކަތުންނެވެ. އޭދަފުށީ ކައުންސިލުން ބުނީ އާކާޕެޓް އަޅައި މުޅިމިސްކިތް މިހާރު އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ.

އޭދަފުށީ ރައްޔިތުންގެ ހިލޭ ސާބަހަށް ކުރި ބުރަމަސައްކަތާ، ސަރުކާރުގެ އެހީއާއެކު އޭދަފުށީގައި 1995 ވަނަ އަހަރު އިމާރާތްކޮށް ނިމުނު މިމިސްކިތުގައި އެންމެ ފުރަތަމަ ކާޕެޓް އެޅި 1995 ވަނަ އަހަރުގެ ކުރީކޮޅުއެވެ. ފުރަތަމަ އެޅީ ގަދަ ފެހުކުލައިގެ ކާޕެޓެކެވެ. އޭގެ ބާރަ އަހަރުފަހުން 2007 ވަނައަހަރު އެޅީ ނޫ ކުލައިގެ ކާޕެޓެކެވެ. މިފަހަރު އެޅި ކާޕެޓްގެ ކުލައަކީ ގަދަ ރަތްކުލައެކެވެ. މިމިސްކިތުގައި މިހާތަނަށް ކާޕެޓް އަޅައިދީފައިވަނީވެސް ހެޔޮއެދޭ އެކިފަރާތްތަކުގެ ބޮޑު އެހީއަކާއެކުއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ބޮޑު މިސްކިތުގެ ކާޕެޓަށްފަހު، ގުއްބުތެރޭގައި ބޮޑުފަންކާއެއް ހަރުކުރުމަށް ވިޔަފާރިވެރިންގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެމިސްކިތުގައި ކުރަންހުރި އެކި މަރާމާތުތައް ކުރެވޭނޭ ގޮތްތައް ހޯދަމުން އަންނަކަމަށްވެސް ކައުންސިލުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top