ދަރަވަންދޫ ފަރަށް އެރި ސަފާރީ ފުންނުކުރެވި ހަލާކުވެގެން ދަނީ

1545652412.jpg

ދަރަވަންދޫ ފުއްޓަރު ފަރާތަށް އެރި ސަފާރީ ހަލާކުވެ، އެއިން ބައިތައް ރަށަށް ދަނީ ލައްވަމުން-- ފޮޓޯ/ ރާއްޖެއެމްވީ

މިދިޔަ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހު ދަރަވަންދޫ ފަރަށް އެރި ސަފާރީ ފުން ނުކުރެވި މަހަކަށްވުރެ ގިނަދުވަސް ވެފައިވާ އިރު އެހެން އޮވެ އެއުޅަނދުގެ ބައިތައް ހަލާކުވެ އެކަމުގެ ސަބަބުން ފަރަށްވެސް ގެއްލުންތަކެއް ވަމުން ދާކަމަށް ދަރަވަންދޫ ކައުންސިލްގެ ނައިބުރައީސް އަލީ ޝަފީގު ވިދާޅުވެއްޖެއެވެ.

”ރާއްޖެ އެމްވީ”އަށް މި ކަމުގެ މައުލޫމާތު ދެމުން ޝަފީގް ވިދާޅުވީ ފަރަށް އަރާފައިވާ ސަފާރީ ފީވެ އެއިން ލަކުޑިތައް ފައިބަމުންދާ ކަމަށާއި އެއްޗެހި ގޮނޑުދޮށަށް ލައްގަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން ނުރައްކާތެރި ހާދިސާ އެއް ހިނގާފާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ވިދާޅުވީ 27 މީހުންނާއެކު ފަރަށް އެރި އެސަފާރީ ފުން ކުރުމުގެ މަސައްކަތް ވެރިފަރާތުން ކުރިކަމަށެވެ.

ސަފާރީ ފަރަށް އަރާފައިވާ ސަރަހައްދަކީ ބ. އަތޮޅު ޔުނެސްކޯއިން ބައޮސްފިޔާ ރިޒާވް ކޮށްފައިވާ ސަރަހައްދެކެވެ. އެއުޅަނދު ހަލާކުވާން ދޫކޮށްލާފައިވުމުން ފަރަށް ގެއްލުންތަކެއް ވަމުންދާ ކަމަށް ފާހަގަ ކުރައްވައި އެކަން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ސަމާލު ކަމަށް އެކަން ގެނެސްފައިވާ ކަމަށްވެސް ޝަފީގުރާއްޖެ އެމްވީއަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވިއެވެ.

އެކަމާ ބެހޭ ގޮތުން އީޕީއޭގެ ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީ އިން ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމަށް ގުޅާލުމުން އޭނާ ވިދާޅުވީ، ފަރަށް އަރާފައި އޮތް ސަފާރީ ފުންކުރުމަށް އޭގެ ވެރި ފަރާތަށް އަންގާފައިވާ ކަމަށާ އޭގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުން އީޕީއޭއިން ބަލަމުންދާ ކަމަށެެވެ.

ދަރަވަންދޫއަކީ ޓޫރިޒަމްގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށަކަށްވާތީ ދަރަވަންދޫގެ ފަރުތަކަށް ގެއްލުން ލިބުމުގެ ސަބަބުން ޓޫރިޒަމަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެކަމުގެ ކަންބޮޑުވުންވެސް ރަށު ކައުންސިލުން ވަނީ ފާޅުކޮށްފައެވެ

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު