ބ. ހިތާދޫގައި ‘ފަހިރައްކާ’ ގެ ނަމުގައި ހިތާދޫ ޕޮލިސް ޕޯސްޓުން އިސްނަގައިގެން ޕްރޮގްރާމެއް ހިންގަން ފަށައިފި އެވެ.
ހިތާދޫ ޕޮލިސް ޕޯސްޓާއި ރަށުގެ މުއައްސަސާތަކާ ގުޅިގެން މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނި މި މަހުގެ 15 އިން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ.
މި ޕްރޮގްރާމުގައި، ހިތާދޫގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ކުރިއަށް ގެންދާ ކަސްރަތު ކްލާސްތަކަކާއި ސްކޫލުގެ ގްރޭޑް 6-9 އަށް ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށާއި ސްކޫލް މުދައްރިސުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ފެތުމުގެ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ”ފަހިރާސްތާ“ ނަމުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި، ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކަށް ޓްރެފިކް ސެޝަންތަކެއް ކުރިއަށް ގެންދަންވެސް ވަނީ ރާވާފައެވެ. އަދި ސްކޫލުގެ ބެލެނިވެރިންނަށް ބާއްވާ ގެވެށި އަނިޔާއަށް ހޭލުންތެރި ކުރުމުގެ ސެޝަނަކާއި، ދަރިވަރުންނާއި ބެލެނިވެރިން ސައިބަ ބުލީން އާއި ސައިބަ ކްރައިމް އިން ރައްކާތެރިކުރުވުމަށް ބާއްވާ ސެޝަންތަކަކާއި، ދަރިވަރުންނަށް ބާއްވާ ލީޑަޝިޕް ސްކިލްސް ކްލާހަކާއި، ބެލެނިވެރިންނަށް ބާއްވާ ކޮމިއުނިކޭޝަން ސްކިލްސް ކްލާހެއްގެ އިތުރުން ރަށުގެ މުއައްސަސާތަކަށް ވޯކް އެތިކްސް ކްލާހެއް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮގްރާމުގައި ހިމެނޭ ސެޝަންތަކަކީ ހިތާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ސްކޫލާ ބައްދަލުކޮށް ރަށަށް މި ވަގުތު އެންމެ މުހިންމުކަމަށް ފާހަގަކޮށްފައިވާ ކަންކަމަށް އަލި އަޅުވާލައިގެން އެކުލަވައިލާފައިވާ ސެޝަންތަކެކެވެ.