ތުއްތު ދެދަރިންނާ ބެހުނު ބައްޕަ 20 އަހަރަށް ޖަލަށް

harrased-e1632661716954.png

ތުއްތު ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ބައްޕަގެ މައްޗަށް އެންމެ ފަހުން ކުށް ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސްޕްރީމް ކޯޓުން މިއަދު އެ ހުކުމް ކުރީ ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ ދަށު ކޯޓާއި ހައި ކޯޓުން ވެސް ސަލާމަތްވެފައި ވަނިކޮށެވެ.

2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މިކަން ހިނގަން މެދުވެރިވެފައިވަނީ ދެ ދަރިންގެ މަންމަ ޑޮކްޓަރަށް ދައްކަން މާލެއަށް ގޮސް މާލޭގައި އިންދައެވެ. އެދުވަސްވަރު އެކި ފަހަރުމަތިން އެ ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެކުދިންގެ ބައްޕަގެ މައްޗަށް ވަނީ ދައުވާއުފުލާފައެވެ.

ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުުފުލީ އާއިލާ މެންބަރަކާމެދު ޖިންސީ ގޯނާކުރިކަމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ އެ މައްސަލަ ފުރަތަމަ ބެލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ކުށް ސާބިތުނުވާ ކަމަށެވެ. ދަށު ކޯޓުން މައްސަލަ ނިންމީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ތާއީދުކުރީ ދަށުކޯޓުގެ ހުކުމަށެވެ.

ނަަމަވެސް ދައުލަތުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެމައްސަލާގައި ހުކުމުކުރުމަށް މިއަދު ކޯޓުގައި އޮތް އަޑުއެހުމުގައި ކޯޓުން ހުކުމް ކުރީ އެ ކުށް ކުދިންގެ ބައްޕަގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެފަދަ އެހެން މައްސަލަތަކުގައި ލިބޭ މިންވަރަށް ވުރެ ވަރުގަދަ ހެކިތަކެއް އެ މީހާއާ ދެކޮޅަށް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކަށް އޭނާ ޖިންސީ ގޯނާ ކުރަނިކޮށް ފެނުނު ހެއްކަކު ހުރިއިރު އެފަދަ ކަމަކަށް ޝައްކުވާ ގޮތަށް އޭނާ އެ ކުއްޖާއާ އެކު އުޅެނިކޮށް ފެނުނު ކަމަށް އެހެން މީހަކު ހެކިބަސް ދީފައިވާއިރު ޖިންސީ ގޯނާކުރި ވާހަކަ ދެ ކުދިން އެއްގޮތަކަށް އެކި މީހުންނަށް ކިޔައިދީފައިވާ ކަމަށް ސްޕްރީމް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.

ހަގު ކުއްޖާއަށް އެ މީހާ ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރަނިކޮށް ފެނުނު ކަމަށާއި އަނިޔާ ލިބުނު ކުއްޖާ އެކަމާ ރުޅި އައިސްގެން ހަޅޭއްލަވައިގަތް އަޑު ވެސް ބޮޑުދައިތައަށް ވަނީ އިވިފައެވެ. ދަށު ކޯޓާއި ހައި ކޯޓުން ބޮޑުދައިތަގެ ބަހަށް ބުރަދަން ނުދިނީ އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހަކަށް ވާތީއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ބުނީ ބޮޑުދައިތަގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ފަދަ ސިކުނޑީގެ މައްސަލައެއް ފެންނަން ނެތް ކަމަށެވެ. މީގެ އިތުރުން ހާދިސާ ހިނގިތާ ހަތަރު އަހަރު ފަހުން، އޭނާއަށް ފެނުނު މަންޒަރު ތަފްސީލުކޮށް އޭނާ ކޯޓުގައި ކިޔައިދީފައިވާތީ އޭނާއަކީ ވިސްނުމާއި ފެނުނު މަންޒަރު ސިފަކޮށް ދިނުމުގެ ގާބިލްކަން ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށްވެސް ސްޕްރީމް ކޯޓުން ބުނެއެވެ.

އެ ދެ ކުދިން ބެލި ޑޮކްޓަރުގެ ލިޔުންތަކުން އެ އުމުރުގެ ކުއްޖެއްގެ ޖިންސީ ގުނަވަނުން ފެނިގެން ނުވާނެ ފަދަ ޒަހަމްތަކެއް ވަނީ ފެނިފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top