ރިޔާސި ބަޔާނަށް އިދިކޮޅުގެ ޖަވާބު: ރިޔާސި ބަޔާނެއް ނޫން، ސިޔާސީ ބަޔާނެއް

fnywj4gamaedyo.jpg

ޕީޕީއެމް ގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް

މިއަހަރުގެ ރިޔާސީ ބަޔާނަކީ ސިޔާސީ ބަޔާނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ މިއަހަރު ރައްޔިޔުންގެ މަޖިލިސް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން ނެެވެ.

ސަލީމު ވިދާޅުވީ ރިޔާސީ ބަޔާނުން ގައުމުގެ ހާލަތު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައިނުވާ ކަމަށާއި އެހެންކަމުން މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި، ރައްޔިތުން މިއަދު ނިކަމެތިވެފައިވާ ކަމަށެވެ.

”2022ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ސިޔާސީ ބަޔާނެއް. އެ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަތަކަކީ، ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ޚިޔާލީ ވާހަކަތަކެއް. މިއީ ޒިންމާދާރުކަން ކުޑަ ކަމެއް،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ވުމާ ގާތްވެފައިވާއިރު، ސަރުކާރުން ވެފައިވާ ގިނަ ވައުދުތައް އަދިވެސް ފުއްދިފައި ނުވާތީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ސަރުކާރު ތެރޭގައި ކޮރަޕްޝަން ހައްދު ފަހަނަ އަޅައިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

“ރައްޔިތުން މި ވަނީ މާޔޫސްވެފައި. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެ މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށްވަނީ ވެފައި. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް. ވައުދުވި ތަނަވަސްކަމެއް ރައްޔިތުންގެ ޖީބަށް ނުވަދެ އިތުރަށް ކުރިމަތިވާނީ ނިކަމެތިކަމާއި ހާސްކަން،” ސަލީމް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ދައުވާތައް ފާހަގަކުރައްވައި، ސަލީމް ވަނީ ޝަރުއީ ނިޒާމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުން ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

ހަމައެހެންމެ ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރާނެ ކަމަށް ސަރުކާރުން ވައުދުވީ ނަމަވެސް، އެކަން މިހާތަނަށް ކޮށްފައި ނުވާތީ އަދި އެ ކަމަށް މަސައްކަތް ކުރަމުން ވެސް ނާންނާތީ ސަލީމް ވަނީ ފާޑުވިދާޅުވެފައެވެ.

“ސަރުކާރުން ވައުދުވީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން. ނަމަވެސް، ވެރިކަމަށް ހަތަރު އަހަރު ވާން ދާއިރު ވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެ މުއައްސަސާ މިނިވަން ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ހީލަތްތެރި ރޭވުން ތަކާއެކު ޖުޑިޝަރީ ޚަރާބުގެ މަގަށް ގެންދާ މަންޒަރު،” ސަލީމް ވިދާޅުވިއެވެ.

ދީނުގެ ބޮޑެތި މައްސަލަަތައް ހުރި ނަމަވެސް ރައީސްގެ ރިޔާސީ ބަޔާނުގައި އެފަދަ މައްސަލަތަކަށް އަލި އަޅުވާލައިނުވާ ކަމަށާއި ދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން)އިން ނެރުނު ރިޕޯޓާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމާއި އަދި އެމްޑީއެންގައި އުޅުނު ބައެއް މީހުން އަދިވެސް މަގާމުތަކުގައި ތިބުމުން ސަލީމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ހަމަ އެހެންމެ ދީނަށް ފުރައްސާރަކުރާ މިހުން ދޫކޮށްލުމާއި އެފަދަ މީހުން އިސްލާހުކުރާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ނެތުމުން އިސްލާމް ދީނުގެ ހިމާޔަތުގައި ސަރުކާރުން މިހާތަނަށް ވެސް އަދި ކުރިމަގުގައި ވެސް މަސައްކަތެއް ނުކުރާނެކަން ހާމަވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ހުދުމުޚުތާރު ސިފަތަކާ ދިމާލަށް ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ ފުރުސަތުތައް ހަނިކޮށް، ފުލުހުން މެދުވެރިކޮށް ޑިމޮކްރަސީގެ ރުކުންތައް ހަނިކުރުމަކީ ސަރުކާރުގެ ހުދުމުހުތާރު ކަން ހާމަވެގެން ދާ ކަމެއް ކަމަށެވެ.

ސަލީމް ވަނީ އިދިކޮޅުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރަމުން އަންނަ “އިންޑިއާ އައުޓް” ކެމްޕެއިނަށް ބާރު ދެއްވައި ވާހަކަ ދައްކަވައިފައެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގެ ކޮންޓްރޯލް މިހާރު އޮތީ އިންޑިއާ ސިފައިންގެ އަތުގައި ކަމަށް ތުހުމަތުކުރެއްވިއެވެ.

“އުތުރު ތިލަފަޅާއި ހަނިމާދޫއާއި އައްޑޫ ސިޓީފަދަ ތަންތަނުގައި އިންޑިއާ ސިފައިން އެބަތިބި. ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް މި ވަނީ އިންޑިއާ ސިފައިންގެ ބާރުގެ ދަށުގައި. ކުރިން ސަރުކާރުން ބުނަމުން އައީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތޭ، ފަހުން ބުނީ ސިފައިން އެބަ ތިއްބޭ އެކަމަކު ހަތިޔާރެއް ނެތޭ. މިހިރީއަކީ ސަރުކާރަކުން ދައްކާޒާތުގެ ވާހަކަތަކެއްނޫން،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރާއި އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.

“އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން. ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކަށް ދިވެހި ރައްޔިތުން މި ފަސްގަނޑުން ޖާގައެއް ނުދޭނެ. އިންޑިއާ މިލިޓަރީ އައުޓް ގޮވުމެއް ނުހުއްޓުވޭނެ،” ސަލީމް ވިދާޅުވިއެވެ.

“ބިރު ދެއްކިޔަސް، ޖަލަށްލިޔަސް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހިން ކުރާނެ،” ސަލީމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top