ގުރަހަ އެވޯޑް، އާރިފާ ޔޫސުފަށް

DSC_7856.jpg

އޭދަފުއްޓަށް ޚިދުމަތް ކުރެއްވުމުގައި 30 އަހަރަށް ވުރެ ގިނަދުވަސް ހޭދަކުރައްވާފައިވާ އޭދަފުށީ ރޯޝަނީގޭ އާރިފާ ޔޫސުފަށް ގުރަހަ އެވޯޑް ލިބިވަޑައިގެންފި އެވެ.

ގުރަހަ އެވޯޑަކީ އޭދަފުއްޓަށް އެކި ރޮނގުރޮނގުން ފާހަގަކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭދަފުށި ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމެޓީން އަލަށް ތައާރަފް ކުރެއްވި އެވޯޑެކެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ އޭދަފުށީ އަންހެނުންގެ ކޮމިޓިން އޭދަފުށީގައި ބޭއްވި ރަސްމީ ޖަލްސާގައި މިއެވޯޑް އާރިފާއާއި ހަވާލުކުރެއްވީ ވިމެން އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މުއައްސިސް އަދި ޝެރީ ސެލޫންގެ މަސްއޫލު ވެރިޔާ ޝާއިރާ ސަލީމެވެ.

އާރިފާއަކީ އޭދަފުށި ދެކެމުން މިދާ ތަރައްގީގެ ބާނީ އޭދަފުށީ ޔޫސުފް ކަލޭފާނުންގެ ދަރިކަނބަލެކެވެ.

އާރިފާ ވިދާޅުވި ގޮތުގައި އޭނާ ރަށަށް ޚިދުމަތް ކުރުމުގެ ރޫހު އުފެދުނީ ބައްޕަގެ ދިރިއުޅުއްވުން ނަކަލު ކުރެއްވުމުން ކަމަށެވެ. އޭނާގެ އުމުރުން 17 އަހަރުގައި މިދުނިޔެ ދޫކުރެއްވި އިރު ބައްޕަގެ ވަކި ވުމުން މުޅި އޭދަފުށި ކަރުން އަޅަމުން ދިޔަ މަންޒަރު އެނެމް ގާތުން ދުށް އަންހެން ދަރިއަކީ އޭނާއެވެ. އެކަރުނައިގެ އަގު އަދާކުރުމަށް ބައްޕަގެ ފިޔަވަޅު މަތީގައި ފިޔަވަަޅު އެޅުމަށް ގަސްދުކުރެއްވީ އެހިސާބުންނެވެ. ރައީސް ނާސިރުގެ ވެރިކަމުގެ ފަހުކޮޅުން ފެށި މި ދަތުރު ނިންމާލީ 35 އަހަރަށް ވުރެ ގިނަ ދުވަހު ހިލޭ ސާބަހަށް ރަށާއި އަތޮޅަށް ޚިދުމަތް ކުރައްވާފައެވެ.

އަންހެނުްގެ މަސްއޫލިއްޔަތަކީ ދަރިން ބެލުމާއި ފިރިންގެ ޚިދުމަތްތުގައި އެކަނި ގޭގެ ހަތަރު ފާރުން އެތެރޭގައި ތިބެން ޖެހޭ ބައެއް ކަމަށް މި މުޖްތަމައު ގަބޫލު ކުރެވިފާއިވާ ބާތިލް ގަބޫލު ކުރުން ބަދަލުކޮށް ލައްވައި ގައުމީ ޚިދުމަތަށާއި ޖަމާއަތަށް ހިދުމަތް ކުރުމަށް އަންހެނުން ނެރުމުގެ މަސައްކަތް ފުޅާ ކުރެއްވި އެވެ.

އާރިފާގެ ޕްރޮފައިލެއް ރޭގެ ޖަލްސާގައިި އިވިގެން ދިޔައިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އޭނާއަކީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ވެރިއެއް ކަމަށް ވިޔަސް އެބޭފުޅަކު ވިދާޅުވީހައި ކަމެއް ވިދާޅުވާ ގޮތަށް ކުރުމުގެ ކުރިން އެކަމުން ކަނބަލުންގެ ދިރިއުޅުމަށާއި ޖަމާއަތަށް ލިބެނީ ކިހާވަރެއްގެ ފައިދާއެއްތޯ ބައްލަވާ ކަމެވެ.

”ޒަމާނުއްސުރެ އޮންނަ އާދައަކީ ސަރުކާރުގެ ވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ވަޑައިގަތުމުން އެބޭފުޅުންނަށް ފަރިއްކޮޅު އެރުވުމަކީ އެރަށެއްގެ ވެރިން ކުރައްވަން ޖެހޭ ކަމެއްގެ ގޮތުގައި. ހަމަހިލޭ ސާބަހަށް. ވެރިން އެބޮޑު މަސްއޫލިއްޔަތު ހަވާލު ކުރަނީ އަންހެނުންގެ ކޮމެޓީ އުފެދުނު ފަހުން ކޮމެޓީ އަށް. އެ ބުރަ މަސައްކަތުގައި 1999ވަނަ އަހަރާ ހަމައަށް އާރިފާ އުޅުއްވި. އެހެން ނަމަވެސް މިއީ މިކަން ހިނގަން ޖެހޭ ގޮތް ނޫންކަން އަމިއްލަފުޅަށް ވިސްނިގެން އެކަން ބަދަލުކޮށްލެއްވީ އާރިފާ.

”ކާސިންކަލޭފާނުގެ އަތޮޅުވެރިކަމުގައި ރަށަށް ޒިޔާރަތް ކުރެއްވި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ކޮޅަކަށް މިފަދަ ކެއުން ގަނޑެއް ތައްޔާރުކުރަން ވެގެން ރަށްކުރިއަރުވާ ކޮމެޓީ އާއި އަންހެނުންގެ ކޮމެޓީއާއި ރަށުގެ ވެރިންނާއި އަތޮޅުވެރިޔާ ބައިވެރިވި ޖަލްސާއެއްގައި އަޅުގަނޑު ދެންނެވިން މިކަން މިގޮތަކަށް ނުވާނެއޭ. މިހެން ދެންނެވުމުން އަޅުގަނޑަށް ކޮމިޓީގެ ނުރުހުން އަމާޒުވި. ތިޔަފަދަ ވާހަކައެއް ކޮމިޓީގެ ރައީސާއަކަށް ހުންނަވައިގެން ވިދާޅުވާކަށް ނުވާނެއޭ ބައިވެރިއަކު ވިދާޅުވި.”

ދެންވެސް އާރިފާ ދެންނެވި ”އަޅުގަނޑުމެންގެ ދަރިންނަށް ކައްކައި ކާން ދޭނެ މީހަކު ނުހުންނައިރު މިތަނަށް އައިސް މިހުންނަނީ ބޭފުޅުންނަށް ނުލާހިކު މީރުކޮށް ފަރިއްކޮޅު އަރުވާފަ. އެހެންވީމާ އަޅުގަނޑަކަށް ތިކަމެއް ނުވާނެ އޭ.”

ނަތީޖާއަކަށްވީ އޭގެ ފަހުން އެގޮތަށް ކައްކަން ޖެހޭ ކޮންމެ ކެއްކުމަކަށް ރަނގޅު އުޖޫރައެއް ހަމަޖެހިގެން ދިއުން. ކޮމެޓީއަށް އާމްދަނީ ލިބޭނެ އިތުރު މަގެއްވެސް ފަހިވެގެން ދިޔައީ. އެބަދަލު ގެނައީ އާރިފާގެ ކެރުމާ ހިތްވަރުން ” ރިޕޯޓްގައި ބުނެފައިވެ އެވެ.

ކޮމެޓީގެ ރައީސާގެ ވާހަކަފުޅުގައި އަންނަ އަހަރުގެ އަންހެނުންގެ ދުވަހުވެސް ގުރަހަ އެވޯޑު ދިނުން މިއަށްވުރެ ކުލަގަދަ ވާނެކަމަށާއި މިއެވޯޑަށް އެކަށީގެންވާ ކިތަންމެ ކަނބަލެއް އަދިވެސް އެބަތިއްބެވިކަމަށް ވިދާޅުވެ އެވޯޑަށް ކުރިމަތި ލެއްވުމަށް އެދިވަޑައިގެންނެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top