ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ބުރޫއަރަމުންދާތީ، ށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.
ކުންފުންޏަށް ގެންނަމުންދާ އިދާރީ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އަފީފު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ޚިދުމަތް ދޭ ކުންފުންޏަކަށް ފެނަކަ ވާއިރު، މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ އިދާރީ އޮނިގަނޑު ހަރުދަނާކޮށްގެން ކަމަށެވެ. މިގޮތުން ކުންފުނީގެ ހެޑް އޮފީހާއި އަތޮޅުތަކުގެ ބްރާންޗުތަކުގައި މުވައްޒަފުން ތިބެންޖެހޭނެ އެންމެ އެކަށީގެންވާ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
އެގޮތުން އަތޮޅުތަކުގެ ބްރާންޗުތައް މިހާރު ވަނީ 4 ގިންތިއަކަށް ބަހާލެވިފައެވެ. އެއީ:
އެންމެ މަތީ ގިންތި: ސިޓީތައް.
ދެވަނަ ގިންތި: 1000 އަށް ވުރެ ގިނަ ކަސްޓަމަރުން ތިބޭ ރަށްރަށް
ތިންވަނަ ގިންތި: 500 އާއި 1000 އާ ދެމެދު ކަސްޓަމަރުން ތިބޭ ރަށްރަށް
ހަތަރުވަނަ ގިންތި: 300 އާއި 500 އާ ދެމެދު އަދި 300 އަށް ވުރެ މަދު ކަސްޓަމަރުން ތިބޭ ރަށްރަށް
އަފީފު ވިދާޅުވި ގޮތުގައި ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ފެށީ ބައެއް ތަންތަނުގައި މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތި ތިބުމާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަށް ދަތިތަކެއް ކުރިމަތިވެފައިވާތީއެވެ.
ފެނަކައިގައި މިހާރު 8،000 އެއްހައި މުވައްޒަފުން ތިބިއިރު، މަހަކު މުސާރައަށް އެކަނިވެސް 90 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މިއީ ކުންފުނީގެ އާމްދަނީއާ ނުބައްދަލު ބޮޑު އަދަދެއްކަން ފާހަގަކުރައްވަމުން އަފީފު ވިދާޅުވީ، މީގެ ކުރިން ފެށި މަޝްރޫޢުތައް ހުއްޓިފައިވީ ނަމަވެސް، އެ މަޝްރޫޢުތަކަށް ނެގި މުވައްޒަފުންނަށް މުސާރަ ދޭންޖެހުމަކީ ކުންފުންޏަށް އޮތް ބޮޑު ބުރައެއް ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުންފުނީގެ ބޯޑުން މިހާރު ވަނީ ’ރިޑަންޑެންސީ ޕޮލިސީ‘ އެއް ފާސްކޮށްފައެވެ. މި ސިޔާސަތުގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް 4 މަހުގެ މުސާރަ ގަނޑުކޮށް ދިނުމަށް ވަނީ ނިންމާފައެވެ. އައު އޮނިގަނޑަށް މުވައްޒަފުން ނަގާއިރު އިސްކަންދޭނީ ތަޖުރިބާކާރު އަދި އެންމެ ބޭނުންތެރި މުވައްޒަފުންނަށެވެ.
ފެނަކައިން ބުނިގޮތުގައި މިއީ ސިޔާސީ ނިންމުމެއް ނޫން ކަމަށާއި، މިއީ ކުންފުނި ބަނގުރޫޓު ވިޔަނުދީ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް، އެމީހުން ވަޒީފާ އަދާކުރި މުއްދަތަށް ބަލައި ޚާއްޞަ ޕެކޭޖުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.





