އިސް ރަށްވެހިންނަށް ނުވަތަ 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަން އިނާޔަތް ފޯރުންތެރި ކަމަށް ބަލައިގެން އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދޭ ގޮތަށް އަސާސީ ޕެންޝަނަށް ބަދަލުތަކެއް ގެނައުމަށް އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ބުނެފައި ވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، އެ ޕެންޝަނަށް ކުރަން ޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށާއި މިދިޔަ އަހަރުވެސް އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް އަށް 1.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ދެމެހެއްޓެނެވި ގޮތެއްގައި ޕެންޝަން ނިޒާމު ކުރިޔަށް ގެންދިއުމަށް ސަރުކާރުން އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ބަޖެޓު ފޮތުގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތުގައި ޕެންޝަން ނިޒާމު ކުރިއަށް ގެންދިއުމަށް ގިނަ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބަދަލުތަކެއް ގެންނާނެ ކަމަށްވެއެވެ.
މީގެއިތުރުން ދައުލަތުގެ ވަޒީފާއިން ރިޓަޔާކުރާ ފަރާތްތަކަށް މިދިޔަ އަހަރު 298 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެ އަދަދު އަންނަ އަހަރު 325.6 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަލަށް އަމަލުކުރާ އުސޫލު ތަންފީޒުކުރަން ފަށާނީ އެޕްރީލުން ފެށިގެން އަލަށް ސްކީމަށް ވަންނަ މީހުންނަށެވެ.