އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއި ކުރައްވާފައިވާ 20 ރުފިޔާގެ އާ ޗާޕެއް މިއަދު ބާޒާރަށް ނެރެފި އެވެ.
އެމްއެމްއޭ އިން ބުނީ މިއަދު 20 ރުފިޔާގެ އާ ނޫޓްތަކެއް ބާޒާރުގައި ދައުރުކުރަން ނެރެފައިވީ ނަމަވެސް އެ ނޫޓްތައް ޗާޕްކޮށްގެން ރާއްޖެ ގެނައީ މިދިޔަ އޮކްޓޫބަރު 13 ވަނަ ދުވަހު ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އަލަށް ޗާޕުކޮށްގެން މިނެރުނު 20 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ބުނީ 2016 ވަނަ އަހަރު ރަންދިހަފަހެއް ނެރުމަށްޓަކައި، 2015 ވަނަ އަހަރު ގެނެސް ގުދަން ކުރެވުނު 20 ރުފިޔާގެ ސްޓޮކު މި މަސް ނިމެންވާއިރަށް އެއްކޮށް ހުސްވާނެ ކަމަށެވެ.
އެހެންވެ އިގުތިސާދަށް ބޭނުންވާ މިންވަރަށް ނޫޓު އަބަދު ވެސް ލިބޭނެ މިންވަރަށް ސްޓޮކްގައި ހުންނަން ޖެހޭތީވެ އާ ޗާޕެއް ނެރުނީ ކަމަށެވެ.
ނޫޓްތަކެއް ޗާޕް ކުރީ 20 ރުފިޔާގެ ނޫޓް އަލުން ޗާޕް ކުރަންޖެހޭ ވަރަށް ސްޓޮކް ދަށްވުމުން ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
“މި ނޫޓްގައިވާ ތާރީހަކީ 01 ޖުލައި 2020، 10 ޛުލްގައިދާ 1441 އެވެ. އަލަށް ޗާޕްކޮށްގެން މި ނެރުނު 20 ރުފިޔާގެ ނޫޓާ އެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓްވެސް ދައުރުވަމުންދާނެ އެވެ.” އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ރަންދިހަ ފަހެއް ނޫޓްތައް ތައާރަފްކުރީ 2016 ވަނަ އަހަރު އެވެ. އޭރު ނޫޓްތަކުގައި ސޮއި ކުރައްވާފައިވާ އޭރުގެ ގަވަރުނަރު އަދި ރާއްޖޭގެ ހަމައެކަނި އަންހެން ގަވަރުނަރު އަޒީމާ އާދަމް އެވެ.