ފަސްމިނިޓް ފަސްސުވާލު : ދިރިއުޅުން ހަލާކުވިޔަސް ނާއުންމީދު ނުވާތި – ރާބިޔާ

DSCN0328.jpg

ރާބިޔާ : ހިތްވަރު ދިނުމުގެ ގައުމީ އެވޯޑާއެކު - ފޮޓޯ : އީވީ

ބ.މާޅޮހު ރާބިޔާއޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެމީހަކު މިހާރު ރާއްޖޭގައި މަދުވާނެއެވެ. ދަގަނޑު އަންހެނާގެ ލަގަބު އީވީއިން ދީފައިވާ ބ. މާޅޮސް ރާބިޔާ ހުސޭންގެ ކެރުމާ ހިތްވަރާއި، މަސައްކަތްތެރިކަމަކީ ދިވެހި އަންހެނުން ބަލައިގަންނަން އެންމެ ރަނގަޅު ނަމޫނާއެވެ.

ރާބިޔާއަކީ މިސާލެކެވެ. ރާއްޖޭގައި މަދުންނޫނީ ނުއުފެދޭވަރުގެ ވަރުގަދަ ޝަޚްސިއްޔަތެކެވެ. އޭނާގެ ވީރާނާވި ދިރިއުޅުން އާބާދުކޮށް ރާއްޖޭގައި ނަންހިނގާ މަދު އަންހެން ވިޔަފާރިވެރިންގެ ތެރޭގައި އޭނާގެ ނަން ރަން އަކުރުން ލިޔެވިއްޖެއެވެ. އެންމެ ފަހުން ސަރުކާރުގެ ސަމާލުކަމަށް އައިސް މިއަހަރުވަނީ ހިތްވަރުދިނުމުގެ ގައުމީ އިނާމުވެސް ހޯދާފައެވެ.

ރާބިޔާ އަޅުގަނޑުމެންގެ ސަމާލުކަމަށް އަނެއްކާވެސް އައީ މިއަހަރުގެ ހިތްވަރު ދިނުމުގެ އިނާމާއެކުގައެވެ. އޭނާގެ ހިތުގައި އާއްމުކުރަން ބޭނުންވާ ގިނަ ވާހަކަތަކަކާ ޝުއޫރު ތަކެއް ހުންނާނެތީއެވެ. އެވާހަކަތައް މިއަދު ގިންތި ކުރެވޭނީ ގައުމީ ބަތަލެއްގެ ދަރަޖަދެވިފައިވާ “ގައުމުގެ އަންހެން ދަރިޔާ” ދައްކަވާ އަގުހުރި ދަރެސްތަކެއްގެ ގޮތުގައި ކަމަށްވާތީއެވެ.

މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ރާބިޔާ ޚާއްސަވީ ސަބަބަކީ މިއެވެ. ބ. އަތޮޅަށް ރާބިޔާ ހޯއްދަވައިދެއްވި ފަޚްރުވެރި ކާމިޔާބީއަށްޓަކައި އަދިވެސް އެއްފަހަރު ރާބިޔާއަށް އީވީން މަރުހަބާ ދަންނަވަމެވެ.

އީވީ : މިއީ އުއްމީދުކުރި ކަމެއްތޯ؟

ވަރަށް ކުރިން މިކަމަށް އުއްމީދުކުރިން. އެހެންނަމަވެސް ދިރިއުޅުން ކުރިއަށް ގެންދިޔައީ މިކަމަށް ނިޔަތް ގަނެގެން މިކަން ބޭނުން ވެގެން ނޫން.  އަޅުގަނޑުގެ މި މަސައްކަތް ގައުމީ ފެންވަރުގައި ބަލައިގަތީތީވެ މިއީ ދިވެހި އަންހެން ދަރިއެއްގެ ގޮތުން ފަޚްރުވެރިވާ ކަމެއް.

އެވޯޑު ލިބުމުން އިހުސާސް ކުރެވެނީ ކޮންކަހަލަ އުފަލެއްތޯ ؟ 

ވަރަށް އުފާވެފަ މިހިރީ. ހަމައެއާއެކު މަސައްކަތުގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއްވެސް މިއީ. ޝައްކަކާނުލާ ގަބޫލު ކުރަނީ ދިވެހި ކޮންމެ އަންހެނަކަށްވެސް އަޅުގަނޑުކަހަލަ ރާބިޔާއަކަށް ވެވިދާނެކަމަށް. ބޭނުންވަނީ ތެދުވެރިކަމާއެކު މަސައްކަތްކޮށްގެން ކުރިއަށް ދިއުން. ފިރިމީހާ ވަރި ކުރީމާ މާޔޫސްވެގެން ގޮތް ހުސްވުމަކީ އަމިއްލަ އަށް ލިބިގަނެވޭ މަލާމާތެއް. އެހެނީ ރޮއިގެން އޮހޭ ކަރުނައަކުން ގިސްލައިގެން އުފެދޭ ވޭނަކީ އެއްވެސް ކަމެއްގެ ފަރުވާއެއް ނޫން.

އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ މި އެވޯޑް ދެއްވީމާ، އެހެންވީމާ، ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެއޭ އަޅުގަނޑަށް ދެންނެވޭނީ. މިހާރު ލަކުޑީގެ ވިޔަފާރިވެސް އިރާދަކުރެއްވިއްޔާ ފެށިގެން މިދަނީ. ދެން ގެސްޓް ޝޮޕެއްގެ ވިޔަފާރިއާ ދިމާއަށް މިސްރާބު މިހިރީ. އުއްމީދަކީ އަދިވެސް އިތުރު ވިޔަފާރިތައް ފުޅާކުރުން.

ރާބިޔާގެ ކާމިޔާބީގައި އިތުރަށް ހިއްސާ ކުރަން ބޭނުންވަނީ ؟

ފިރިމީހާ. އޭގެ އިތުރުން މާޅޮހުގެރައްޔިތުން އަޅުގަނޑަށް ހުރިހާ ވަގުތެއްގައިވެސް ހުރިހާ ކަމެއްގަައި ލިބޭތީ އެކަން ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު ދަންނަވަން. ޚާއްސަކޮށް އަޅުގަނޑަށް އިނާމު ލިބުމުން މާޅޮހު ރައްޔިތުން އަޅުގަނޑަށް ރަތްދޫލައިގެ މަރްހަބާއެއް ކިއުމަކީ ހަނދާން ނެތޭނެ ކަމެއް ނޫން. ރައްޔިތުންގެ ފަރާތުން މިހާ ބޮޑު ސަޕޯޓެއް ލިބޭނެކަމަށް ހީއެއް ނުކުރަން. ވަރަށް ބޮޑު ސަޕްރައިޒަކަށް އަޅުގަނޑަށް ވީ.

އިނާމު ހަވާލުކުރެވިއިރު ރައީސްޔާމީން ، ރާބިޔާ ގާތު ކޮންމެވެސް ވާހަކަފުޅެއް ދެއްކެވިތަން ފެނިގެން ދިޔަ. ކީކޭތޯ ރައީސް ވިދާޅުވީ.؟

ރައީސް ވިދާޅުވީ “ރާބިޔާ ވިޔަފާރިއަށް ރާއްޖެއިން ބޭރަށް ބެންކޮކް ފަދަ ތަންތަނަށް ދަނީވެސް ހަމަ އެކަނި ހޭ؟ އަޅުގަނޑުދެންނެވިން އާދޭހޭ. ދެން ވިދާޅުވީ އެހެންވިއްޔާ އަދިވެސް އެއްފަހަރު ރާބިޔާއަށް ވަރަށްބޮޑަށް މަރުހަބާއޭ.

މި އެވޯޑު ލިބުމުން ދިވެހި އަންހެނުންނަށް ދޭން އޮތް މެސެޖަކީ ؟

އަންހެންބޭފުޅުން ދިރިއުޅުން ހަލާކުވީމާ ނާ އުއްމީދުނުވާށޭ. ގަދަ އަޅާ ތެދުވެރި ގޮތުގައި މަސައްކަތް ކުރަންވީ. މަސައްކަތް ކުރީމާ ކޮންމެ އަންހެނަކީވެސް އަޅުގަނޑު ކަހަލަ ހިތްވަރުގަދަ ކެރޭ ރާބިޔާ އެއް. އުއްމީދެއް އޮވެގެން ކުރިއަށް ދާނަމަ އަލިމަގެއް ފެންނާނެ. އެއީ ޔަގީން ކަމެއް . ބޭނުންވަނީ ހިތްވަރާ އަޒުމް.

އަދި އެއްވާހަކައެވެ. މިހާ ބުރަކޮށް އުޅޭއިރު އޭނާ ހުސް ވަގުތުވެސް ހޯދައެވެ. ހުސްވަގުތުތައް ހޭދަކުރަނީ ކަނޑުމަތީގައި ފަރުމަސްވެރިކަން ކުރުމުގައެވެ. އޭނާގެ ސަޕްލައި ދޯނީގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top