އޭދަފުށީގެ ތާރީހުން ސަފްހާއެއް: ރައީސް ނާސިރު އޭދަފުއްޓަށް ވަޑައިގަތުން

D11rRUOhxXx0MbS8qLgV.jpg

ރައީސް އިބްރާހީމް ނާސިރު ރަންނަބަޑެރިކިލެގެފާނު . ނުރަސްމީ ދަތުރުފުޅެއްގައި އޭދަފުއްޓަށް ވަޑައިގެންނެވި

އޭދަފުއްޓަށް ވަޑައިގަތީ ކުރިން އެންގެވުމަކާ ނުލައި

އޭދަފުށީގައި އަލަށް ބައިސްކޯފް ދެއްކެވި. 

ފިލްމުގެ ނަމަކީ ”ދިއްލީކާ ޓަގް“ 

އެއީ 1960 ވަނައަހަރެވެ. ބ.އަތޮޅުގެ އަތޮޅުވެރިކަން ކުރަނީ ދަރަވަންދޫގައެވެ. އަތޮޅުވެރިއަކީ އޭދަފުށީ ޔޫސުފް ކަލޭފާނެވެ. އެކަމަކު އެދުވަހު ކަލޭފާނު ހުންނެވީ އުފަންރަށް އޭދަފުށީގައެވެ.

ހެނދުނު ދިހައެއް ޖަހާ އެހާކަށްހާއިރު ޔޫސުފް ކަލޭފާނުގެ އަރިހުގައި އެވަގުތު ހުންނެވިި އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު ގާތުގައި އުތުރު ފަރާތު އަތިރިމައްޗަށް ގޮސް ކަނޑުމަތިން ހުދުކުލައިގެ އުޅަނދެއް ފެނޭތޯ ބަލައިލަން ފޮނުއްވިއެވެ. އިރުކޮޅަކުން އަބްދުއްރައްޒާގު އެނބުރިއައިސް އެފަދަ އުޅަނދެއް ނުފެންނަ ކަމަށް ދެންނެވިއެވެ. އިރުކޮޅެއްގެ ފަހުން އަނެއްކާވެސް އަތިރިމައްޗަށް ގޮސް ބެލުމަށް އަބްދުއްރައްޒާގަށް އެންގެވިއެވެ.

”އައިސް ދަންނަވައިފިން ހުދު ކުލައިގެ އުޅަނދެއް އެބަފެނެއޭ“

ކަލޭފާނު އަތިރިމައްޗަށް ވަޑައިގެން ބެއްލެވުމަށްފަހު ކަލޭފާނުގެ ރަސްމީ ކުޑަދޯނި ”ޕިޔާރާ” ތައްޔާރު ކުރުމަށް އަންގަވައިފިއެވެ.

”އެ ދޯންޏަށް އަލިބެ ހަސަން މޮހޮނދާއި ކެޔޮޅުއަލީ ލާފައި ފާލަމުގައި ކުނާ ބޮނޑިއެއް ބޭއްވުމަށް އެންގެވި “

އަލިބެ ހަސަން މޮހޮނދާއި ކެޔޮޅު އަލީއަކީ އޭރު އޭދަފުށީގައި ތިބި ޒުވާނުންގެ ތެރޭގައި ހިމެނޭ ވަރުގަދަ ދެ ކެޔޮޅުންނެވެ.

ކަނޑުން ފެނުނު ހުދު ކުލައިގެ ތިކި ބޮޑުވަމުން އައިސް ބޮޑު ބޯޓެއްގެ ސިފައަށް ބަދަލު ވެއްޖެއެވެ. އެއީ ސަރުކާރުގެ ރަސްމީ ޔޮޓް ”ސިލްވަރ ކްރެސްޓް“ އެވެ.

ސިލްވަރ ކްރެސްޓް ” އަށްފަހު ރައީސް ނާސިރު ބޭނުންކުރެއްވި ޔޮޓް ”ގޯލްޑަން ރޭ ””

ރައްޔިތުންނަށް މިއީ އާކަމެކެވެ. މަންޒަރު ބަލަން ފައި އިނދޭ ފުރައިން ފެށިގެން އަތިރި މައްޗަށް މީހުން ޖަމާވަމުން ދިޔައެވެ. އެހެން ނަމަވެސް ސިލްވަރ ކްރެސްޓް އޭދަފުށީ ބަނދަރަށް ނަގިލި ވައްޓާލީ ނުވަތަ އޭގައި ހުންނެވީ ސަރުކާރުގެ ކޮން އިއްޒަތްތެރި އެއްކަން އެކަކަށްވެސް ނޭގެ އެވެ.

”ޔޫސުފް ކަލޭފާނު ގޮވައިގެން ޕިޔާރާ ދޯނި، ބޯޓާ ކައިރިކުރި ތަނާ އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހައިބަތު ބޮޑު، އާދައިގެ މީހުންނަށްވުރެ އިސްކޮޅާއި ރޫފަ ރަނގަޅު، ވަރަށް ޒުވާން، ރާއްޖޭގެ ބޮޑު ވަޒީރު، އިބްރާހީމް ނާސިރު” އަބްދުއްރައްޒާގު ވިދާޅުވިއެވެ.

ޔޫސުފް ކަލޭފާނު ބޯޓަށް އަރުއްވާފައި ދޯނި ދިއުމަށް އެންގެވުމާއެކު އަންނަންވީމާ އަންގާލާނަމޭ ވިދާޅުވިއެވެ.

”ޕިޔާރާ“ ދެވަނަ ފަހަރު ބޯޓު ކައިރިއަށް ދިޔައީ އެބޯޓުގެ އިންޖިނޭރު މައިޒާން އުމަރު މަނިކުގެ އެދުމަށް ރޭގަނޑު ބައިސްކޯފް ދެއްކުމަށް ބޭނުންވާ ސާމާނު ބަލައެވެ.  އެއީ ނާސިރު ވިދާޅުވެގެން ކަމެއް ކަނޑައެޅިގެން ދަންނަވަން ނޭނގުނަސް ނާސިރަކީ ހާއްސަކޮށް ބައިސްކޯފް ދެއްކުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރި ބޭފުޅެކެވެ.

ބައިސްކޯފް ދައްކަން ބޭނުންވާ އާލާތްތައް ރަށަށް ބާލައިފިއެވެ. ކަރަންޓު ދޭން ގެނައި ޖެނެރޭޓަރު ބެހެއްޓީ މިހާރުގެ ޖީނައިން ފިހާރައިގެ އުތުރު ކަންމަތީގައެވެ. އެތަނުން ވައިރުތައް އަޅަމުން ގެނެސް ބޮޑުމަގުގައި ބަހައްޓާފައި ހުރި ބޮޑުސްކްރީން އާއި ހަމައަށެވެ. ސްކްރީން ބަހައްޓާފއިހުރީ ރޯޝަނީގޭގެ ކުރިމަތިން ކަހަލަ ގޮތަކަށް ބޮޑުމަގުގައެވެ.

ރައީސް އިބްރާހީމް ނާސިރު އޭދަފުއްޓަށް ފައިބާ ވަޑައިގެން ސީދާ ވަޑައިގަތީ ބައިސްކޯފް ދައްކަން ހަމަޖެހިފައިވާ ތަނަށެވެ. އޭރުގެ އެންމެ މަޝްހޫރު ހިޓް ފިލްމު ”ދިއްލީކާޓަގް” ދެއްކުމަށް ތައްޔާރުކޮށްފައި އޮތް ބޮޑުމަގުގެ އެ ސަރަހައްދުގައި ސިލްވަރ ކްރެސްޓް ގެ ބޭފުޅުންނާއި ރަށުގެ ކަމުވޮށިވެގެންވާ އެންމެންނަށް އެތަނުގައި ގޮނޑި ޖަހާފައި ހުއްޓެވެ. ނާސިރު ހުންނެވީ ކޮޅަށެވެ.

”ތިންގަޑި އިރުވަންދެން ހަމަ ކޮޅަށް ހުންނެވީ. އަރިހުގައި އަޅުގަނޑު ހުރިން ފެންތައްޓަކާ ދުފާ އެއްޗެތި އަޅާފައިވާ ތަބަކެއް ހިފައިގެން. އެހުރިހާ އިރު ބަސްފުޅެއްވެސް ވިދާޅުނުވެ ހަމަ ހުންނެވީ. ފިލްމު ނިމުމާއެކު ވަޑައިގެންފި ލޯންޗަށް.“

އެއީ ރޭގަނޑު ފަރިއްކޮޅަށެވެ.

އަނެއްދުވަހު ހެނދުނު ސިލްވަރ ކްރެސްޓް އޭދަފުށީ ބަނދަރުން ފުރައިގެން ދިޔައީ ސީދާ މާލެއަށެވެ. އެހެންކަމުން ރައީސް ނާސިރުގެ ބޮޑުވަޒީރުކަމާއި ރައީސް ކަމުގައި ހޭދަކުރެއްވި 20 އަހަރުގެ ތެރޭގައި އޭދަފުއްޓަށް ކުރެއްވި ހަމައެކަނި ދަތުރުފުޅަކީ ހަމައެކަނި ޔޫސުފްކަލޭފާނާއި ބައްދަލުކޮށްލައްވައި އޭދަފުށީ ރައްޔިތުންނަށް ހިންދީ ފިލްމެއް ދައްކާލެއްވުމަށް ކުރެއްވި ނުރަސްމީ ޒިޔާރަތެއް ކަމުގައި ބެލެވިދާނެއެވެ.

މައުލޫމާތު: އަބްދުއްރައްޒާގު މުހައްމަދު، އޯކިޑްވިލާ/ އޭދަފުށި

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top