28 އަހަރު ނަރުހެއްގެ ގޮތުގައި، ދުވަހަކުވެސް ވަކިވުމެއް ނެތް

DSCN5811-1024x768-1.jpg

ނަރުހެއްގެ ވާޖިބާމެދު ވިސްނާލިން ހެއްޔެވެ. އެއީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމެވެ. އެމީހުންގެ މެންޑޭޓަކީ ބަލި މީހާއަށް އުއްމީދު ގެނެސްދިނުމެވެ. ނާއުއްމީދުވެފައިވާ ހިތްތަކަށް ދިރުންގެނެސްދިނުމާއެކު ކެތްތެރިކަމާއެކު ދުނިޔެއާ ކުރިމަތިލާން ދަސްކޮށްދިނުމެވެ. އެއީ ވަޒީފާއެއްނޫނެވެ. ޚިދުމަތެކެވެ. އެ ޚިދުމަތަށް ލިބޭ މުސާރައަކީ އެހެން އެއްޗަކާ އަޅާކިޔައިގެންވާނެ އެއްޗެއް ނޫނެވެ. އެމީހުންގެ ވަޒީފާއަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރުން ކަމަށް ވާތީއެވެ. އިންސާނީ ނައުުޢު ދުޅަހެޔޮ ވެއްޓެއްގައި ތިބުމަށް ބޭނުންވާނެ އެންމެ މުހިއްމު ވަސީލަތަކީ ސިއްހަތު ސަލާމަތުން އޮތް އާބާދީއެއް ކަމަށް ވާއިރު މި އާބާދީގެ އެއް ބަހާ އަކީ ނަރުހުންކަމަށް ވާތީއެވެ.

ނަރުހުންގެ ވަޒީފާއަކީ އާޚިރަތުގެ ދަރުމައަށް ޓަކައިވެސް ހެޔޮކަމުގެ ތިލަފަތް ބަރުވާ އަޅުކަމަކަށް ވާއިރު މި ޚިދުމަތުގައި ދެމި ތިއްބެވި ކަނބަލުން އަޅުގަނޑުމެންގެ މުޖްތަމައުގައި ހިމެނެނީ ގަދަރުވެރިންގެ ގޮތުގައެވެ. އަތުން ބައިވަރު ހޭދައެއް ކުރިކަމުގައި ނުވިޔަސް ދަރުމަވެރިންގެ ގޮތުގައެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ މަންމައިން ތަކެއް ނުވަތަ ދައްތައިންގެ ގޮތުގައެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ.

މީހަކު ބަލި ވެއްޖެނަމަ އެންމެ ކައިރީގައި ހުރުމަށް އެދޭނީ މަންމައެވެ. އެއޯގާތެރިކަން އެހެން މީހަކަށް ދެވޭނެކަމަށް ގަބޫލު ނުކުރެވޭތީއެވެ. އެހެންނަމަވެސް ބަލިވެގެން ހޮސްޕިޓަލާ ހަމައަށް ހިގައްޖެނަމަ ދެން އެމީހަކަށް މަންމައެއްގެ ގޮތުގައި ފެންނާނީ ނަރުހެކެވެ. މާނައަކީ މަންމައެއްގެ އޯގާތެރިކަމާއެކު ބަލިމީހާއަށް ބޭނުންވާ ހުރިހާ ފަރުވާއެއް ދިނުމަކީ އުފަލަކަށް ހަދައިގެން އޭނާގެ ގާތުގައި ހުންނާނީ ނަރުހެކެވެ.

އޭދަފުށީ ރޯޒްމީޑް އާއިޝަތު ހުސެން (އައިސްތު ) އަކީ މިދެންނެވިފަދަ މަންމައެކެވެ.

1988 ވަނައަހަރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ނިންމައި އޭރު ބާއްވަމުންއައި ޖޭއެސްސީ އިމްތިހާނުން ފާސްވުމާއެކު ގްރޭޑް8 އަށް ދިއުމަށް އައިސްތުއަކަށް ހުރެހެއްނެތެވެ. އެހެންވެ މަޑުކޮށްލައިގެން ހުރީ އަންނަ އަހަރު ގްރޭޑް 8 އުފައްދާނެކަމަށެވެ. އެހެންނަމަވެސް އެއަހަރު ގްރޭޑް8 ނުއުފެއްދުމުގެ ސަބަބުން މާލެ ދާން ޖެހުނީ އިތުރަށް ކިޔެވުމަށެވެ.

މ.އުނިމާގެއަކީ އޭނާގެ ދެވަނަ ގެއެވެ. އެގޭ ނަޖްމާއަކީ ދެވަނަ މަންމައެވެ. މައިންބަފައިން ނެތްކަމުގެ އުނިކަން އިހްސާސް ނުކުރެވުނީ އެގެއިން އޭނާއަށް ލިބުނު މައި ކުލުނާ ދަރި ކުލުނުގެ މަތިވެރިކަމުންނެވެ. ކިޔެވުމަށް އިތުރު ބާރެއް ލިބުނީވެސް އެހެންވެގެންނެވެ. އެހެންނަމަވެސް ތައުލީމު މުޅިން ނުނިމިއުޅެނިކޮށް އާއިލާގެ ބާރުއެޅުމާއެކު އޭނާގެ ކެރިއަރުގެ ފުރަތަމަ ފިޔަވަޅަކަށްވީ ނަރސިން ދާއިރާއެވެ.

އައިތު އޭނާގެ މާލޭ މަންމަ މ.އުނިމާގޭ ނަޖްމާ އާއެކު. މިދާއިރާގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރކަމެއް ވެދެއްވި އެއްފަރާތަކީ ނަޖްމާ .

އުމުރުން ސޯޅަ އަހަރުގައި ނާރސްކޯސް ހެދުމަށްފަހު މާލޭގެ ސެންޓްރަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަން ފެށިއިރު އޭނާއަށް މި ވަދެވުނީ ކޮންތަނަކަށް ކަން އޭރަކު ނޭގެއެވެ. ކިހާވަރެއްގެ ކަމެއްކަން ވިސްނާކަށް އޭރަކު ބޭނުމެއްނުވިއެވެ. ނަރސް އެއްގެ ހުދު ޔުނީފޯމްގައި ހޮސްޕިޓަލުގައި މަސައްކަތް ކުރަންފެށިއިރު އެތަނުން ފެންނަ މަންޒަރުތަކުން ދިރިއުޅުމަކީ މިއީބާއޭ ކިތަންމެ ފަހަރަކު އަމިއްލަ ހިތާ ސުވާލު ކުރެވެއެވެ. ތިއޭޓަރަށް ވަންނައިރު ފެންނަނީ ބޮޑެތި އިންސާނުންގެ ބަނޑުކަފާލާތަނެވެ. ޒަޚަމްވެގެން އަންނަ މީހުންގެ ރޯއަޑާ އެކި ވައްތަރުގެ ބަލިތަކުގައި ފުރާނައާ ހަނގުރާމަކުރަމުން ދާ ބަލިމީހުންގެ ރުއިމާ ވޭނީ ހަޅޭކުގެ އަޑުން އޭނާގެ ޅަހިތަށްވެސް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. އޭނާގެ އާ ދުނިޔެއަށް އިންގިލާބެއް އައެވެ. ބަލި މީހުން އުޅޭ ހާލު ފެނިފައި އެޅަހިތުގައި ހަމްދަރްދީއާއި ލޯބި އުފެދެން ފެށީ އެހިސާބުންނެވެ.

“ވަރަށް ބިރުގަތް. ކޯސްހަދާ ނިމުނުތަނާ ގެންގޮސް ވެއްދީ ތިއޭޓަރަށް .އެތަނުން މި ފެންނަނީ ދުވަހަކުވެސް ލޮލުން ނުދެކޭ ބިރުވެރި މަންޒަރު ތަކެއް.” އައިސްތު އޭނާގެ ފުރަތަމަ ތަޖްރިބާ ކިޔައިދިނެވެ.

އެމަންޒަރުތައް އޭނާއަށް ދަސްކޮށްދިނީ އެހެންމީހުންނަށްޓަކާ ދުނިޔެ އުޅުމަށެވެ. އެހެންމީހުންނަށް ޚިދުމަތްކުރުމުގައި ފަހުނޭވާއާ ހަމައަށް ގާއިމްވެ ހުރުމަށެވެ. އޭނާގެ ދުނިޔެ ބަދަލުވީއެވެ. ބަލި މީހުންނާއެކު އުޅުމާ އެމީހުންނަށް ފަރުވާ ދިނުމާ އެމީހުން ހިނިތުން ކުރުވުމަކީ އުފަލެއްކަމަށް ދެކެވެން ފެށިއެވެ. އަދި ބައްޔާއި ވޭނުގައި މާޔޫސް ވެފައިވާ މީހުންނަށް ހިތްވަރު ދިނުމަކީ ދިރިއުޅުމުގެ އެންމެ އުފާވެރި ވާޖިބު ކަމުގައި ވީއެވެ.

އޭނާގެ ހުސް ހިތުގައި ލިޔެވިފައިވަނީ ޚިދުމަތެވެ. އެހެންކަމަކަށް ވިސްނާކަށް ބޭނުމެއްވެސް ނޫނެވެ. ބޭނުންވީ އިތުރަށް މި ރޮނގުން ކުރިއަށް ދިއުމަށެވެ. ދެވެންއޮތްހާ ހިސާބަކަށެވެ. އެހެންކަމުން ފުރަތަމަ އަމާޒަކީ ޑިޕްލޮމާ ހެދުން ކަމަށްވާތީ ދެއަހަރާބައިގެ އެ ކޯސް ނިންމާލީ އަމިއްލައަށެވެ. ޑިޕްލޮޕާ ނިންމުމަށްފަހުވެސް އިތުރު ޓްރޭނިންގއާއި ކުދި ކޯސްތަކުގައި އޭނާވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް އިތުރު ތަޖްރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން ވޯކްޝޮޕްތަކެއްގައިވެސް ބައިވެރިވެ އިލްމީ މުއްސަނދިކަން އިތުރުކުރައްވާފައެވެ.

12އަހަރު ސަރުކާރުގެ މައިހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުން ޚިދުމަތް ކުރެއްވުމަށް ފަހު އައިސްތު މާލެ ދޫކޮށްލައްވައި އަމިއްލަ ރަށަށް ބަދަލުވިގޮތަކީވެސް އެކަމުގައި އައިސްތު ނެންގެވި ޑިސިޝަން އަށް ސާބަސްދޭން ޖެހޭ ކަމެކެވެ.

“ލިބޭހާ ލާރި ހަމައެކަނި ދިރިއުޅުމުގެ ކުއްޔަށް ހޭދަކުރުމަކީ ކޮށްގެން ވާނެކަމެއް ނޫން އެހެން މަގެއް ފެންނަން އޮއްވާ. މާލެ ދޫކޮށްލީއެހެންވެ. ވައިފެން މީރު، ރަށުގައި އަރާމާއެކު ދިރިއުޅެވެން އޮއްވާ މާލެކަހަލަ ކާރޫބާރޫ ބޮޑު ރަށެއްގައި ދިރިއުޅުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ދެކިގެން ރަށަށް އައީ. ދެވަނަ ސަބަބަކީ އާއިލާ އާއި އަމިއްލަ ރަށަށް ޚިދުމަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ވާތީ.” މާލެއިން ރަށަށް ބަދަލުވި ގޮތް އައިސްތު ކިޔާ ދެއްވިއެވެ.

އައިސްތުއާއެކު ކޯސް ހެދި ބައެއް ކުދިން

އައިސްތުގެ އަސްލު ސޫރަ ފެންނަނީ މިހާރުވެސް އެގޮތުގައެވެ. އަބަދު ހިނިތުންވެލާފައިހުންނަ މޫނުމަތިން ދައްކައިދެނީ އޯގާތެރިކަމާއި ލޯބިވެތިކަމެވެ. ހޮސްޕިޓަލްގައާއި ބޭރުތެރޭގައިވެސް އައިސްތު ސިފަކުރެވިގެންދަނީ އޯގާތެރި ނަރުހެއްގެ ގޮތުގައެވެ.

“ހަގީގަތުގައި އަޅުގަނޑު އަޅުގަނޑަކަށް ހެދީ ނަރުހެއްގެ ވަޒީފާ. ކުލުނާއި އޯގާތެރިކަން ހުރިކަމަށް ފާހަގަކުރެވޭނަމަ އެއީވެސް ނަރުހެއްގެ ގޮތުގައި ހޭދަކުރެވުނު ދުވަސްތަކުގެ ތަޖްރިބާކަމަށްވެދާނެ.” 28 އަހަރު މި ދާއިރާގައި ޚިދުމަތް ކޮށްފައިވާ އައިސްތު ބުންޏެވެ.

މިދިގު ތާރީޚްގައި އެތައް ސަތޭކަ ބަލި މީހުންނަށް ޚިދުމަތް ކުރުމަށް ލިބުނުކަން އޭނާ ސިފަކުރަނީ އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ޝަރަފުގެ ގޮތުގައެވެ. އަދި މި ދާއިރާގައި 28 އަހަރު ހޭދަކުރެވުނު އިރު އެންމެ އުފާވާކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މިއީ އިންސާނިއްޔަތަށް ކުރެވޭ ޚިދުމަތެއްކަމުގައިވާތީއެވެ.

“އެޑްމިޓް ކޮށްފައި އޮތް ބަލިމީހަކު ގަދަވެގެން ހޮސްޕިޓަލުން ނުކުމެގެންދާއިރު އެއީ އަޅުގަނޑު ޚިދުމަތް ކޮށްދިން ބަލި މީހަކު ކަމަށް ވާނަމަ އޭނާގެ މޫނުމަތިން ފެންނަ އުފާވެރިކަން އަޅުގަނޑަށް ވެސް އިހްސާސް ކުރެވޭ. އޭނާ ހޮސްޕިޓަލުން ނުކުމެގެން އެދަނީ އާދިރިއުޅުމެއް ލިބުނު ކަމުގެ އުފަލާއެކު. އަޅުގަނޑަށް އިހްސާސްކުރެވެނީ އޭނާއަށް އާ ދިރިއުޅުމެއް ހޯދައިދިނުމުގައި އަޅުގަނޑުގެ ހިއްސާ ވެސް އެކުލެވިފައިވާ ކަން.”

“އުފަލަކީ މިއީ ނޫންތޯ.” އައިސްތު ބުނެލިއެވެ.

އެހެންވިއްޔާ މި ދާއިރާ ދޫކޮށް ދިއުމުގެ ޚިޔާލު ގެންގުޅުއްވާ ހެއްޔެވެ؟

“ވަކި ވުމުގެ ޚިޔާލެއް ނެތް. އެކަމަކު ބައެއްފަހަރު ދިމާވާ ޗެލެންޖަރސް އާއެކު ކުރިއަށް ދާއިރު ވަރަށް ޕްރެޝަރއަށް ދޭ. ހިތަށް އަރާ ކެނޑެން ވީއޭ. ނަމަވެސް އިޖްތިމާއީ މަސައްކަތެއް ކުރަން ބޭނުންވާތީވެ ބޮޑަށް ހަމަ ހިފެހެއްޓޭތޯ މި ބަލަނީ.”

ބ.އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ރެޖިސްޓަޑް ނަރސް ގެމަގާމުގައި ހުންނެވި އައިސްތުއަކީ މިހާރު ހަމައެކަނި ނަރުހެއް ނޫނެވެ އޭނާއަކީ ޒިންމާދާރު މައެކެވެ. އިޖްތިމާއީ ދާއިރާގައިވެސް ނިކަން ގަދަ އަޑެކެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ ޕީޓީއޭގެ ނާއިބު ރައީސް އެވެ. މިމަގާމުގައި ހުރެގެން އޭނާވަނީ އެ އެސޯސިއޭޝަންއަށް ގިނަ ކާމިޔާބުތަކެއް ހޯދާދީފައެވެ. އެގޮތުން ހިންގުނު ތަފާތު އެކްޓިވިޓީސްތަކުގައި އޭނާގެ އަމަލީ ބައިވެރިވުން އެހެން މެންބަރުން ފާހަގަކުރަނީ ނަމޫނާއެއްގެ ގޮތުގައެވެ. އަންހެނަކަށްވެހުރެ އޭދަފުށީގައި ތިއްބެވި މަދު ސްވިމިންގް އިންސްޓަރަކްޓަރުންގެ ތެރޭގައި އައިސްތު ހިމެނުމަކީވެސް ކުޑަފަހުރެއް ނޫނެވެ.

އައިސްތުގެ ކުޑަކުޑަ “ދުނިޔެ”

އައިސްތުއަކީ މައެކެވެ. ތިންދަރިންގެ މަންމައެކެވެ. ޒިންމާދާރު އަނތްބެކެވެ. ފިރިމީހާގެ ވިޔަފާރީގައި ބައިވެރިވެ ރާއްޖެއިން ބޭރަށްވެސް ދަތުރު ކުރާތަން ފެނެއެވެ. މި ހުރިހާ ކަމެއް މެނޭޖްކުރަނީ ކިހިނެއް ހެއްޔެވެ.

“އަޅުގަނޑަށް މާބޮޑު ބުރައެއް އިހްސާސްނުކުރެވެނީ ފިރިމީހާ ފަޒީލްގެ ބައިވެރިވުން ބޮޑުކަމުން. އޭނާގެ އެއްބާރުލުން ހުރިހާ ކަމެއްގައިވެސް ވަރަށް ބޮޑަށް ލިބޭ. އެހެންނޫންނަމަ އަޅުގަނޑު ޖެހޭނީ ދެވަނަ ވިސްނުމަކަށް ދާން. ހަމައެއާއެކު އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަކީވެސް އަޅުގަނޑު މިހާ ހިސާބަށް އައުމުގައި އެންމެ ބޮޑަސް އެހީތެރި ވިފަރާތް. އެކަން އަޅުގަނޑު ޝުކުރުވެރިކަމާާއެކު ފާހަގަ ކުރަން.”

ކާމިޔާބު އަންހެންެއްގެ ގޮތުގައި ދިރިއުޅުމުގެ ބޮޑު ބައި ވޭތުވެގެން ދާއިރު އައިސްތު އިތުރަށް ބުނީ ވަޒީފާގެ ސަބަބުން ދިރިއުޅުމަށް ނުބައި އަސަރެއްކުރާނަމަ އިސް ކުރާނީ ދިރިއުޅުން ކަމުގައެވެ.

އައިސްތުއާ ބ.އަތޮޅު ހޮސްޕިޓަލާ ދެމެދު މިހާރު އޮތީ ހިތާ ހިތުގެ ގުޅުމެވެ. އެތަނަށް ލިބޭ ކޮންމެ ކުރިއެރުމަކީ އޭނާގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކުރިއެރުމެކެވެ. އެއުފަލުގައި އެންމެ ފުރަތަމަ އަތް ޖަހާ މީހާ ކަމަށް އޭނާ ވާނެއެވެ. ހަމައެއާއެކު އޭނާގެ ޓީމު އޮތީ އެތަނުގައެވެ. އެއީ އޭނާއާއެކު މަސައްކަތްކުރާ އޭނާއަށް އަމިއްލަގޮތުންނާއި ރަސްމީ ގޮތުން އެންމެ ގާތުގައި ތިބި “އާއިލާ “އެވެ. އެއާއިލާގެ އެހީތެރިކަމާ ހިތްހެޔޮކަމަކީ އިބާރާތްތަކަކުންް އެކަނި ސިފަކުރެވޭނެކަމެއް ނޫންކަމަށް ބުނަމުން އެފަރާތްތަކަށް މިއަދުގެ މުނާސަބަތުގައި ހެޔޮއެދުމާއި ތަހުނިޔާ ރައްދު ކުރެއްވިއެވެ.

28 އަހަރުގެ މި ވަޒީފާއަކީ އޭނާގެ ދިރިއުޅުމުގެ ބައެކެވެ. ވަޒީފާގެ މި ދަރުމަވެތި ދިރިއުޅުމާ ވަކިވާކަށް ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އެކަމަކު ވަޒީފާގައި މިހާ ގިނަ ދުވަސްވީއިރު ތަނަށް ކިތަންމެ ބޮޑު ކުރިއެރުމެއް އައިކަމަށްވިޔަސް އަދިވެސް އޭނާގެ ކަން ބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެކަމެއް އިވީއާ ހިއްސާ ކުރެއްވިއެވެ.

“ވާގޮތަކީ ބަލި މީހަކު ގޮވައިގެން އިތުރުފަރުވާއަށް މިދަނީ މާލެއަށް. ބައެއްފަހަރު ގަދަ ކަނޑު ހުރަސް ކޮށްފައި. އެފަދަ ދަތުރުތަކުގައި އަޅުގަނޑުމެންނަށް އުޅަނދުގައި ކޮޅަށް ނުތިބެވޭ. މާލެއާ ހަމައަށް ދާއިރު މަރުނުވާނެކަމުގެ ޔަގީންކަމެއް ނޯވޭ. އެހެންވީމާ ވަރަށް އާއްމު ބަލިތަކަށް ވެސް އަދިވެސް ދާން މިޖެހެނީ މާލެއަށް. އޭގެ ބަދަލުގައި ތަނުން ފަރުވާ ދެވޭ ދުވަހަކަށް މި އިންތިޒާރު ކުރަނީ . ”

އޭނާގެ އެއިންތިޒާރަކީ އަހަރެންމެން އެންމެންގެވެސް އިންތިޒާރެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top