އޭދަފުށީގެ ތާރީހުން ތަންކޮޅެއް. ޣަނީ އާއެކު

ފައިނަލް.jpg

އަބްދުލްޢަނީ ޔޫސުފް--އީވީ ފޮޓޯ

(ގައްްޔޫމް ނަސީރު ) އޭދަފުށި މަންޒިލް، އަބްދުލްޣަނީ ޔޫސުފް އުފަންވީ އޭދަފުށީގެ ދެކުނުން ފެންނަން މިއޮތް މާއްޑޫގައެވެ. އިބްތިދާއީ ތައުލީމު ފެއްޓެވީ ރަށުންނެވެ. އުމުރުން 13 އަހަރުގައި އޭދަފުށީ މަދްރަސަތުލް ބަހިއްޔާއިން ތައުލީމު ހާސިލްު ކުރުމުގެ ނަސީބު ލިބުނީ ބ.އަތޮޅު ކޮމެޓީގެ ފަރާތުން އަތޮޅުގެ ކޮންމެ ރަށަކުން މަދުވެގެން ދެކުދިންނަށް ކޮމެޓީގެ ހަރަދުގައި ކިޔަވައިދިނުމަށް ކުދިން ނެގި އިރު މާއްޑުން ނެގި ދެކުދިންގެ ތެރޭގައި ހިމެނިގެންނެވެ. މާއްޑުއަކީ ކުޑަ ރަށެއް ވީމާ އެރަށުން ނެގީ ދެކުދިންނެވެ. ޣަނީއާއެކު މާތިލަ، މުހައްމަދު ޚަލީލެވެ. އެކުދިން ތިބޭ ގޭގެއަށް އަތޮޅު ކޮމެޓީން މަހަކު 30ރުފިޔާ ދެއްވައެވެ.

”އެއީ އެދުވަސްވަރާ އަޅާ ބަލާއިރު ވަރަށް ބޮޑު އެއްޗެއް” ޣަނީ ވިދާޅުވިއެވެ.

އޭދަފުށީގައި ޣަނީ ހުންނެވީ ބޮކަރުމާގޭގައި އެގޭ އިބްރާހީމް އަހްމަދުގެ ބެލެނިވެރި ކަމުގައެވެ. ބަހިއްޔާގެ ނާޒިރަކީ އަލްއުސްތާޡް މުހައްމަދު ލުތުފީއެވެ.

މަދްރަސަތުލް ބަހިއްޔާ

”ބަހިއްޔާއަކީ އޭރު ރާއްޖެތެރޭގައި ހުރި އެއްވަނަ ސްކޫލް. އެކަމުގައި ޝައްކެއް ނެތް. ވާދަކުރެވޭ ފެންވަރެއްގައި ދެން ހުންނަނީ ނައިފަރު މަދްރަސަތުލް އިފްތިތާހު.“ބަހިއްޔާގެ ތައާރަފުގައި ޣަނީ ވިދާޅުވީ މިހެންނެވެ.

ބަހިއްޔާގައި ކިޔަވައި ދެއްވަނީ އޭދަފުށީގެ އިލްމުވެރިންނާއި ބ.އަތޮޅާއި މާލެއިން އަދި އެއަށްވުރެ ދުރުން އިލްމުވެރިން ގެނެސްގެންނެވެ. ޝުކުރުގެ ހައްގުވެރިޔާއަކީ އޭދަފުށީ ޔޫސުފް ކަލޭފާނެވެ.

”12 މާއްދާ ކިޔަވައިދެއްވާ. ވަރަށް ފިޓް ޝެޑިއުލެއް އޮންނަނީ. ފަތިހު ފަތިސް ނަމާދަށް ހޭލާ ގޮތަށް ރޭގަނޑު 10 ޖަހަން ދެން ސްކޫލްގެ އެކި ކަންކަމުގައި އުޅެން ޖެހެނީ“

ދުވަހުގެ ޓައިމްޓޭބަލް ޣަނީ ކިޔައިދެއްވިއެވެ.

”ފަތިސް ނަމާދަށް ދިއުން މަޖްބޫރު. ނަމާދުން ނިމޭ ގޮތަށް ކަސްރަތު ރަނގަބީލާ އެކު ކަސްރަތަށް ބޯޅަ ދަނޑަށް. ކަސްރަތު ނިމިގެން އަތޮލުގެއަށް ދާއިރު ކޮންމެ ކުއްޖަކަށް ނެސްޕްރޭ ކިރުތައްޓެއް ލިބޭނެ. ދެން ދާންޖެހޭނީ މޫދަށް. 7:30ގައި ސްކޫލަށް ދާ ރަނގަބީލާއެކު ސްކޫލަށް ދާގޮތަށް 15 މިނިޓްގެ ބްރޭކަކާއެކު މެންދުރު 12 އާއި ހަމައަށް. އަނެއްކާ މެންދުރު ފަހު 1:30 އިން 3 ޖެހުމާ ހަމައަށް.“

ހަވީރު ހަތަރަކުން ފެށިގެން 5:30 އާއި ގައި އަނެއްކާވެސް ކަސްރަތެވެ. ރޭގަނޑު އަށަކުން 10 އާ ހަމައަށް ސްކޫލަށް ދާން ޖެހެނީ ފިލާވަޅުތައް ދަސްކުރާށެވެ.

”އެއީ ބަހިއްޔާގެ ރަންޒަމާން. ހަމައެކަނި ކިޔަވައި ދިނުމެއް ނޫން އޮންނަނީ. ތަރުބަވީ ތައުލީމަށް ވަރަށް ބޮޑަށް އިސްކަން ދެއްވި. އޭގެ ނަތީޖާއަކީ އެދުވަސްވަރު ބަހިއްޔާގެ ހިޔާވަހި ކަމުގެ ދަށުން ނުކުތް ކޮންމެ ކުއްޖެއްގެވެސް ގޮތެއް ހުންނާނެ. ރިވެތި އަޚްލާގަކާއެކު މީހުންގެ އިހްތިރާމް ލިބިގެން ދިޔަ ބައެއް އެއީ.“ ޣަނީ ވިދާޅުވި އެވެ.

މަދަރުސާގައި 12 މާއްދާ ކިޔަވައިދެއްވައެވެ. އޭގެ ތެރޭގައި އިނގިރޭސި، ހިސާބު، ދީނިއްޔާތު، ޤުރުއާން، ތަޖްވީދު، ދިވެހި، އަރަބި ތާނަ ލިޔުން، ޖިއޮގްރަފީ، ތާރީޚް، އާއްމު މައުލޫމާތުގެ އިތުރުން ވަކި މާއްދާއެއްގެ ގޮތުގައި އަޚްލާގު ކިޔަވައިދެއްވި އެވެ. މާއްދާތައް ކިޔަވައިދެއްވީ އުސްތާޒް މުހައްމަދު ލުތުފީ، ކެލާ އަލިމަނިކު، ވާދޫ ޝައިޚް އިބްރާހީމް އަފީފު، ކުޑަރިކިލު ތުއްތުމަނިކު، ދޮންފަނު މުހައްމަދު ޔޫސުފް ފަދަ މުދައްރިސުންނެވެ.

1967ގައި ގާނޫނަށް ގެނައި ބަދަލާއެކު ވަގުތީ ގޮތުން ބަހިއްޔާ އުވާލިއިރު ކުޑަކުޑަ ކުށެއް ކޮށްގެން ވިޔަސް މަދަރުސީ ހަޔާތުގައި އަދަބެއް ނުލިބި ހުންނާނީ މަދު ކުއްޖެއްކަން ފާހަގަކުރައްވައި އެ ކުދިންގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

”ދުވަހަކުވެސް އަދަބެއް ނުލިބެ. ލުތުފީ ގެންގުޅުއްވި އެއްތެޔޮ ބުރިއަކުން ނުޖަހަ. އެއަށްވުރެ ރަނގަޅަށް އުޅެވުނީމާ ކަމަށް ދެކެނީ.“ މަދަރުސީ ދައުރުގެ އެންމެ އުފާވެރި ހަނދާންތައް ޣަނީ އާކުރެއްވި އެވެ.

ސްކޫލް އުވާލުމާ ގުޅިގެން ޣަނީ އާއެކު އެއްކްލާހުގައި ކިޔެވި ހިޔަލީގޭ އަބްދުލްހަލީމް، ދުންފިނިގޭ އަބްދުލްއަޒީޒް އަބޫބަކުރު، ކާމިލްޕޫނީމާގޭ މުހައްމަދު ހަސަން، ސަނަދު ނަގަން މާލެއަށް ދިއުމުން އެކުދިން ފަދައިން މާލެއަށް ގޮސް ސަނަދު ނަގަން އޭނާ ބޭނުން ވިއެވެ. އެކަމަށް ހުރަސް އެޅީ ފައިސާގެ ދަތި ކަމެވެ. ”އަޅުގަނޑުގެ އަތުގައި ނެތީ އެވަރުގެ ތަނަވަސް ކަން. އެކަމަކު މަސައްކަތް ކޮށްގެން ފައިސާ ލިބޭނެ މަގުތައް އޮތް. އޭދަފުއްޓަށް ބަދަލު ކުރާ ރަށްރަށުގެ މީހުންނަށް ގޭގެ އިމާރާތް ކުރުމުގެ މަސައްކަތް އޭރު ބާރަށް ހިނގާ. އެކަމުގައި ބައިވެރިވީ.“

”އަޅުގަނޑު އުޅުނީ ވަކަރު ކޮށަން އުޅުނު މީހެއްގެ ގާތުގައި އޭގެ ކޮޅުގައި ހިފައިގެން އެމީހާއަށް އެހީތެރިވުމަށް. އެ މަސައްކަތުން ލިބުނު 36 ރުފިޔާ ހިފައިގެން މާލެ ދިއުމަށް ގަސްދު ކޮށް އޭދަފުއްޓަށް އައީ“

ޔޫސުފް ކަލޭފާނު

ޔޫސުފް ކަލޭފާނުގެ އޯގާތެރިކަމާ ރަށާއި އަތޮޅުދެކެ ވާ ލޯބި ވަޒަން ކުރެވުނު ފުރަތަމަ ތަޖްރިބާ ކިޔައިދެއްވި އެވެ. ”ސަނަދު ނަގަން މާލެ ދާންވެގެން އެދުވަހު ހަވީރު ރަށުން އޭދަފުއްޓަށް އައީ އެރޭ އޭދަފުށީ ކުޑަބެ ހަސަން (ނައިބު ހަސަން )ގެ ބައްތެެލި (އީގަލް) މާލެ ފުރާތީ. އޭދަފުއްޓަށް އައިސް ބޮޑުމަގުން އަތިރިމައްޗަށް ނުކުމެ ހުއްޓާ ޔޫސުފް ކަލޭފާނަށް ފެނިވަޑައިގެންފި. ހަބަރުތައް އައްސަވައި ޖީބުން 20ރުފިޔާ ނަންގަވާފައި ދެއްވި. ވިދާޅުވި. ސަނަދު ނަގައި ނިމިގެން ރަށަށް (ޚިދުމަތްކުރަން )އެނބުރި އަންނަން ވާނެއޭ. “

އެއީ ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ޔޫސުފް ކަލޭފާނު ރާވާފައި އޮތް ދުރު ރާސްތާގެ ޕްލޭނެކެވެ. ކިޔަވައިގެން ތިބި މޮޅު ދަރިން ރަށަށް ގެނައުމެވެ. ރަށުގެ ކޮންމެ ދަރިއަކީވެސް އަމިއްލަ ދަރިން ކަމަށް ދެކިގެންނެވެ. އެހެންނަމަވެސް ޣަނީ މާލެއަށް ބަދަލުވިތަނާ ދުވަސް ތަކެއްނުވެ ކަލޭފާނު އަވަހާރަވުމުން ރަށަށް އައުމުގެ ފިކުރު ދޫކޮށްލެއްވީއެވެ.

ޔޫސުފް ކަލޭފާނުގެ އެއްވެސް ދަރިއަކު އޭދަފުށީ މަދަރުސާ އަކުން ނުކިޔަވައެވެ. ބަހިއްޔާ އަށް މޮޅެތި ޓީޗަރުން ގެނެސް އެތަން އެ ހިންގަނީ އޭނާގެ ދަރިން ކިޔަވާ ސްކޫލް ކަމަށް ވާތީއޭ ބުނުމުގެ ޖާގައެއް ނެތެވެ. އެކަމަކު އޭނާ ބޭނުންވީ ރާއްޖޭގެ އެތަން މިތަނުނާއި ބިދޭސީ ޓީޗަރުން ގެނެސް ރަށާ މާލެއާ ތައުލީމީގޮތުން ހުރި ފަރަގު ނައްތާލައްވައި އެންމެ ފަގީރު މީހާގެ ދަރިއަށްވެސް އޭނާގެ ދަރިން ފަދައިން ކިޔަވައިދެއްވާށެވެ.

އެންމެ ދުރު ހަނދާން

ޢަނީގެ އެންމެ ދުރު ހަނދާނަކީ މާއްޑޫގައި ބާއްވާ ބޮޑުމާލޫދުގެ ހަރަކާތެވެ.

އަހަރަކު އެއްފަހަރު ކޮންމެ ރަށެއްގައިވެސް އެންމެން އެއްވެގެން ދީނީ ރަސްމިއްޔާތެއްގެ ގޮތުގައި އަވައްޓެރި ރަށްރަށަށް ދައުވަތު ދީގެން ބާއްވާ ބޮޑުމާލޫދު ކިއުން މާއްޑުގައިވެސް އޮންނަ ކަމަށް ޣަނީ ވިދާޅުވިއެވެ.

”މާއްޑުއަކީ ކުޑަ ރަށަކަށް ވާތީ އެރަސްމިއްޔާތަށް ދައުވަތު ދެނީ އޭދަފުއްޓާއި މާޅޮހުގެ އިތުރުން ހިތާދުއަށް. އޭދަފުށި މީހުން ކިޔާނެ މުޅި އަތޮޅަށް. “

މި ރަސްމިއްޔާތު އާއްމުގޮތެއްގައި ރެއަކާއި ދުވާލަށް ދެމިގެން ދެއެވެ. ބައެއް ރަށްރަށުގައި ދެރޭ ދެ ދުވާލަށް ވެސް ދިގު ދެމިގެން ދެއެވެ.

• އޭރުގެ އޭދަފުށީގެ ދިރިއުޅުން

އޭރު ޣަނީ ދުށް އޭދަފުއްޓަކީ އޮޑިދޯނި ފަހަރު ގިނަ، ހެސްކިޔާފައި މަސްބާނާތީވެ ތިޔާގި ރަށެކެވެ. އެކަކު އަނެކެއްގެ ހާލު ބަލައި އެކުވެރި މުޖަތަމައެއް ދިރިއުޅޭ އެންމެންވެސް އުފަލުގައި އުޅުނު ބައެކެވެ.

”އެއީ 1963 ހާތަނުގަ. އުމުރުން 13 ނޫނީ 14. އަޅުގަނޑުމެން އެންމެންނަކީ އެކުވެރިކަމާ އެއްބައިވަންތަ ބައެއް. ބޮޑެތި މީހުންނަށް ކަމޭ ހިތުމާއި އިހްތިރާމް ކުރަން. ވަރަށް ގިނައިން މަސްބާނާ. އެންމެންވެސް އުޅުނީ އުފަލުން.“ އެދުވަސްވަރުގެ އޭދަފުށި ޣަނީ ސިފަކޮށްދެއްވިއެވެ.

• އޭދަފުއްޓަށް މީހުން ބަދަލުކުރުން

ހުކުރުހަމަވާ 40 މީހުން ނެތް ރަށްރަށުގެ މީހުން ބަދަލު ކުރަން ނިންމެވީ ގާނޫނަކުން ފާސް ކުރެވިގެންނެވެ. މާއްޑޫ ރައްޔިތުން އޭދަފުއްޓަށް ބަދަލު ކުރަން ހަމަޖެހިގެން ދިޔައީވެސް އެގާނޫނުގެ ދަށުންނެވެ. އެހެންނަމަވެސް މާއްޑޫ ރައްޔިތުން އޭދަފުއްޓަށް ބަދަލު ކުރަން ހަމަޖެހިގެން ދިޔަ ޚަބަރަކީ މާއްޑޫ ރައްޔިތުންނަށް ލިބުނު ހިތާމަވެރިި ޚަބަރެކެވެ. ބަދަލުނުވާން ވެގެން ބައެއް މީހުން މައްސަލަ ޖެއްސި އެވެ. އެކަން އަނބުރާ ގެނައުމަށް މާއްޑުގެ ވެރިންނާއި ބައެއް ޒުވާނުން އެކުލެވޭ ވަފްދަކާއެކު ޔޫސުފް ކަލޭފާނާ ބައްދަލުވެސް ކުރެއްވިއެވެ. އެކަމަކު އޭރަކު އެއީ ވާނެކަމެއް ނޫނެވެ. ޔޫސުފް ކަލޭފާނާއި ރައީސް ނާސިރަކީ އެއް ޚިޔާލުގެ ހަމަ އެކައްޗެއް ކިޔާ ދެބޭފުޅުން ކަމަށް ވާތީއެވެ.

”އަޅުގަނޑަށް އެއީ ހިތާމަވެރި ހަބަރަކަށް ނުވި. ކުޑައިރުން ފެށިގެން އުޅުނު ރަށް ވީމާ އޭދަފުއްޓަށް ލޯބި ހުރޭ. އަނެއްކާ ކިޔަވަން އުޅުނު ތަން. ނަމަވެސް ވަތަނީ ގޮތުން ބަލާއިރު ރަށުން ބަދަލު ވުމަކީ ވަރަށް ދެރަކަމެއް.“އިންޓީރިއާ ޑިޒައިން އާއި ލަވަ ހެއްދެވުމުގެ ފަންނުގައިވެސް އަރާ ހުންނެވި ޣަނީ ވިދާޅުވިއެވެ.

އޭދަފުއްޓަށް ބަދަލު ކުރިތާ ކުރީކޮޅު މާއްޑޫ ރައްޔިތުންގެ އިހްސާސް ހުރި ގޮތެއް ޣަނީއަކަށް ނޭނގެ އެވެ. އޭރު ހުންނެވީ މާލޭގަ އެވެ.

”މީހުން ބަދަލުކުރީ 1968 ގައި. އޭގެ ފަސް އަހަރު ފަހުން ރަށަށް އައީ. އަމިއްލަ ގެ ހުންނަތަން ވެސް އޮޅުން ފިލުވީ އެހެން މީހުން ގާތު އަހައިގެން .“

ޣަނީއެކޭ އެއްފަދައިން މާއްޑޫން އޭދަފުއްޓަށް ބަދަލުވި އެންމެންވެސް ފަހުން އުފާކުރިއެެވެ. އޭނާ ވިދާޅުވި ފަދައިން ކޮންމެ ގޮތެއްވިޔަސް އެއީ ލިބުނު ކުރިއެރުމަކަށް ވީތީއެވެ.

”އާބާދީ ކުދި ރަށްރަށުން ބޮޑެތި ރަށްރަށަށް ބަދަލުވުމަކީ އެރަށްރަށަސް ތަރައްގީއާއި ކުރިއެރުން ލިބޭނެ ހަމައެކަނި ގޮތް. އެކަމުގެ އެންމެރީތި މިސާލުވެސް ފެންނަން އޮތީ އޭދަފުއްޓަށް ބަދަލުވި ތިން ރަށުގެ ރައްޔިތުންނަށް ލިބިފައިވާ އިންތިހާ ދަރަޖައިގެ ކުރިއެރުމާ ތަރައްގީން. “ތިންރަށުން މީހުން ބަދަލުކުރިތާ 50 އަހަރު ފާހަގަކުރަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ކިޔާފައިވާ ލަވަތައް ހެއްދެވި ޝާއިރު، އަބްދުލްޣަނީ ވިދާޅުވިއެވެ.

 

 

 

 

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top