އަންނަމަހުގެ ނުވަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕް ބ. އަތޮޅު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފެހެންދޫ ޓީމަށް އިތުރު ކުޅުންތެރިން ގެނެސް ޕްރެކްޓިސް ފަށައިފިއެވެ.
ބ. އަތޮޅުން މިނިވަން ޗެންޕިއަންޝިޕްގައި މިއަހަރު ވާދަކުރަނީ އޭދަފުއްޓާ ފެހެންދޫއެވެ. އޭދަފުށިން މިދިޔަ ހަފްތާވަނީ ޕްރެކްޓިސް ފަށައިފައެވެ.
ފެހެންދޫ ޓީމުން ބުނީ މިމުބާރާތުގެ އަތޮޅުބުރަށް ޓީމް ވަރުގަދަކުރުމަށްޓަކައި އަވައްޓެރި ގޮއިދޫ ޓީމުގެ އެންމެ ތަޖުރިބާކާރު ދެ ފޯވާޑުން ކަމުގައިވާ އާދަމް ނިޒާމް (ކިތުނާ) އަދި އިބްރާހީމް މާޖިދު (މާޖީ) އެޓީމަށް ގެނެސްފައިވާކަމަށެވެ. މިދެކުޅުންތެރިންނަކީ މިދިޔަ 3 އަހަރުވެސް މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށީ ޓީމަށް ކުޅުން ކުޅުންތެރިންނެވެ. ފެހެންދޫ ޓީމުން ބުނީ މިދެކުޅުންތެރިންގެ އިތުރުންވެސް ގޮއިދޫންނާއި، އަތޮޅުގެ ރަށްރަށުން މޮޅެތި ކުޅުންތެރިން ޓީމްގައި ހިމަނާފައިވާކަމަށެވެ.

ކިތުނާ (މެދުގައި) އަދި މާޖީ (ވާތްފަރާތުގައި) ގޮއިދޫގެ އެހެން ކުޅޫންތެރިއަކާއެކު. ފެހެންދޫ ޓީމްގައި ގޮއިދޫގެ ގިނަ ކުޅޫންތެރިންތަކެއްވަނީ ހިމަނާފައި / ފޮޓޯ: ކިތުނާ
ފެހެންދޫ ޓީމްގެ މެނޭޖަރ އަދި ކައުންސިލްގެ ރައީސް އާދަމް ނަސީމް ވިދާޅުވީ އެޓީމުން އޭދަފުއްޓާއެކު ކުޅޭ ދެމެޗުވެސް ކާމިޔާބުކޮށް އަތޮޅުގެ ޗެންޕިއަންކަން ހޯދުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ. އޭނާ ބުނީ ޓީމަށް ފުރަތަމަ ޑިވިޜަންގެ މޮޅު ކޯޗެއް ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
“ވަރަށް ބޮޑަށް އުއްމީދު އެބައޮތް އޭދަފުށި ބަލިކޮށް އަތޮޅު ޗެންޕިއަންކަން ހޯދޭނެކަމުގެ. އެއަޒުމުގައި މަސައްކަތް ކުރަމުން މިދަނީ” މޫސަ ވިދާޅުވިއެވެ.
ފެހެންދޫ ޓީމް ޕްރެކްޓިސް ފެށިއިރު އިއްޔެ އޭދަފުށީ ފުޓްބޯޅަ ޓީމްވަނީ އޭދަފުށީގައި ކިހާދޫ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިމެޗް 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭދަފުށީ ޓީމެވެ.
2015 ވަނަ އަހަރު އެފްއޭއެމުން ފެށި މިނިވަން ޗެންޕިއަންޝިޕް ފުރަތަމަ މުބާރާތުގައި ބ. އަތޮޅުން ވާދަކޮށފައިވަނީ ހިތާދޫއާ އޭދަފުއްޓެވެ. އެއަހަރު އަތޮޅު ޗެންޕިއަންކަން ހޯދި އޭދަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރިއެވެ. 2016 ވަނަ އަހަރު ބ. އަތޮޅު ވާދަކުރީ އޭދަފުށި އެކަންޏެވެ. އެއަހަރު އޭދަފުށި މުބާރާތުގެ ޗެންޕިއަންކަން ހޯދިއެވެ. 2017 ވަނަ އަހަރު ބ. އަތޮޅުން މިމުބާރާތުގައި ވާދަކުރީ އޭދަފުއްޓާ ދަރަވަންދޫއެވެ. އެއަހަރުވެސް އަތޮޅު ޗެންޕިއަނުންގެ ގޮތުގައި އޭދަފުށި މުބާރާތުގެ ފައިނަލް ރައުންޑަށް ދަތުރުކުރިއެވެ.