ލޯރެންސްގެ ވަދާއީ ހަފްލާ : ކަރުނައިން ލޯތައް ތެންމާލައިފި

76607509_3321935094499684_4571144890112540672_o.jpg

ލޯރެންސްގެ ވަދާއީ ހަފްލާގައި ލޯރެންސް. ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލެއްވި ،-- ފޮޓޯ :ބއތމ

ވާހަކަ ދައްކަން ފެށިތާ ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ އަރުތެރެ ބެދުނީއެވެ. ޝުކުރު އަދާކުރާނެ ލަފްޒުތަކެއް ދުލާހަމައަށް ނައިސްގެންނެވެ. ދައްކަންވެފައި ހުރި ވާހަކަތައްވެސް ގިނަކަމުންނެވެ. “އިއްޔެގައި އެކީއުޅުނު މިތުރުނާ އަޒީޒުނާ” ވަކިވާންޖެހުމުގެ ފުން ހިތާމައާއެކު އެވާހަކަ ދެއްކުމަށް އަޑުވެސް ނުކުޅެދުނީއެވެ. އެވާހަކަތައް ކިޔައިދޭން ޖެހުނީ ބަސްނުމޮށެވޭ ކަރުނައިގެ ބަހުރުވައިންނެވެ. އެކަރުނަތައް ލޯރެންސްގެ ލޮލުން އޮހިގަތީ ވަރަށް ގިނަ ވާހަކަތަކަކާ އެކުގައެވެ. އެންމެ ފަހުން ހަފްލާގެ ބައިވެރިންނަށްވެސް ކެތް ނުކުރެވިގެން ލޯތައް ތެމެމުން ދިޔައެވެ. އެތަކެއް އަހަރު އެއެންމެންނާ އެކު އެންމެ ގާތުގައި އުޅުނު މިތުރު ސްރީލަންކާގެ ލޯރެންސް ، ބ.އަތޮޅު ތައުލީމީ މަރުކަޒުން ވަކިވެ ރާއްޖެއިންވެސް ފުރައިގެން ދާތީވެ އެހިތާމައިގަ އެވެ.

ވަޒީފާއިން ރިޓަޔަރ ވުމަކީ ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭނެ ހަގީގަތެކެވެ. ލޯރެންސްގެ މައްސަލައަކީ އެއެއް ނޫނެވެ. މައްސަލައަކީ އޭނާގެ ގެއްލުނު ދުނިޔެއާ ދިރިއުޅުމުގެ ހަގީގީ އުފަލާއި ހިތްހަމަޖެހުން ހޯދައިދިން ރާއްޖެއާ، ދެގޮތެއްނުވެ އެހީތެރިވުމުގައި ދެމިތިބި އެކުވެރިންނާ ވަކިވެގެން ދާން ޖެހުމެވެ.

އޭނާ ރާއްޖެއައީ އަވައްޓެރި ސްރީލަންކާގައި 25 އަހަރަށް ދިގު ދެމިގެންދިޔަ އަހުލީ ހަނގުރާމައިން ފިލާށެވެ. ގެދޮރާ މުދަލާއެކު ހުރިހާ އެއްޗެއް ލޫޓުވާލެވިގެންވާ ހާލު ހުސް އަތާ އެވެ. އަނބިމީހާއާއި ހަމައެކަނި ހުރި ދަރިފުޅުވެސް ދޫކޮށްލާފައެވެ. އެކަމަކު ހިތްވަރުގަދަ މިޒުވާނާ ރާއްޖެއަށް މިސްރާބު ޖެހީ ރާއްޖެއަކީ އޭނާގެ މުސްތަގްބަލްކަން އެނގިގެން ނޫނެވެ. ތަގްދީރު އޭނާ މިތަނަށް ގެނައީއެވެ. އެކަމަކު ނަސީބު ހިނިތުންވެލީއެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއިން ފުރުސަތު ލިބުނީއެވެ. އެފުރުސަތުގެ ބޭނުން ހިފައިގެން ރާއްޖެއަށާ ސަރުކާރަށް ޚިދުމަތް ކުރުމުގައި 25 އަހަރު ހޭދަވެފައިވާއިރު އުމުރުން ވެސް 65 ވީއެވެ. މިހާރު އޭނާގެ ދިރިއުޅުން ފުރިހަމަވެއްޖެއެވެ. ދުނިޔެއިން ބޭނުންވާ ހުރިހާ އެއްޗެއް ލިބިއްޖެއެވެ. ހުސްއަތާ އެނބުރި ރާއްޖެއަށް އައި ލޯރެންސް އެނބުރި ގައުމަށް އެދަނީ ގެއްލުނު ހުރިހާ އެއްޗެއް ލިބި އަތްމަތި ބަރުކޮށްގެން ކާމިޔާބު އިންސާނެއްގެ ގޮތުގައެވެ.

އިއްޔެއަކީ އޭނާ ގެއެއްގެ ގޮތުގައި ދެކެމުން އައި ބ.އަތޮޅު ތައުލީމީ މަރުކަޒާއި، އޭނާގެ އާއިލާގެ ގޮތުގައި ދެކެމުން އައި ޓީޗަރުންނާއި ދަރިންގެ ގޮތުގައި ދެކެމުން އައި ދަރިވަރުންނާއެކު ހޭދަކުރި އެންމެ ފަހު ދުވަހެވެ. އޭނާގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްކޫލްގައި ބޭއްވި ވަދާއީ ހަފްލާއަށްފަހު މާދަމާއަކީ މިރަށުގައި އޭނާ ހޭދަކުރާނެ އެންމެ ފަހު ދުވަހެވެ.

25 އަހަރަކި ދިގު މުއްދަތެކެވެ. މި މުއްދަތުގައި އޭނާވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ރަނގަޅު ޒުވާނުންތަކެއް އުފައްދާފައެވެ. އޭގެ ތެރެއިން ދެފަހަރެއްގެ މަތިން ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އިރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ލޯރެންސާ ބެހޭ ގޮތުން ފުރަތަމަވެސް ވިދާޅުވީ އެއީ ފުރިހަމަ ޓީޗަރެއްކަމުގައެވެ. ހަވާލު ކުރެވޭ ކޮންމެކަމެއް ވަގުތުން ވަގުތަށް ނިންމުމުގައި އެއީ ނަމޫނާއެއްކަމުގައެވެ. ވަރަށް ގިނަ ވަގުތު ސްކޫލްގައި ހޭދަކުރާނެ ކަމަށާ ސްކޫލަކީ އޭނާގެ ގެ ކަމަށެވެ. “އޭނާއަކީ ސްކޫލްދެކެ ވަރަށް ލޯބިވާ މީހެއް. މޮޅު ޓީޗަރެއް. ދަރިވަރުން ދެކެ ލޯބިވާ، ދަރިވަރުންވެސް ވަރަސް ލޯބިވާ  ޓީޗަރެކޭ ބުނެވޭނީ. ” ރަފީއު ވިދާޅުވިއެވެ.

 

ލޯރެންސާއެކު ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަކު ބުނީ ލޯރެންސް ފާހަގަ ކުރެވެނީ ވަކި ފަރާތަށް ނުޖެހި ހުރިހާ އެންމެނާވެސް ރަނގަޅު ގުޅުމެއް ބާއްވަމުން އައި ހިތް ހެޔޮކަން މީހެއްގެ ގޮތުގައެވެ. “މިސިފައިގެ ސަބަބުން ހުރިހާ ޓީޗަރުންވެސް ލޯރެންސާ މެދު ދެކެނީ އެއީ ޓީޗަރުންގެ ބެލެނިވެރިޔާގެ ގޮތުގައި”

ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން ލޯރެންސް ބުނަން ބޭނުވަނީ މިހެންނެވެ.

“އަހަރެމެންގެ އާއިލާ ރާއްޖޭގައި ހޭދަކުރީ ވަރަށް ހިތް ހަމަޖެހިގެން. ވަރަށް އުފަލުން. އަބަދުވެސް ރާއްޖެ މިސްވާނެ. ދިރިއުޅުމުގައި ކުރެވުނު ހުރިހާ މަޖަލަކާއި އުފަލެއް ގުޅިފައި އޮތީ ރާއްޖެއާ. އަހަރެން މަސައްކަތް ކުރި ރާއްޖޭގެ އުތުރާއި ދެކުންގެ ކޮންމެ ރަށަކުންވެސް ބެހެއްޓި އަމިއްލަ އެދުމެއްނެތް ހިތްހެޔޮކަމާ ލޯބި އެއީ އަހަރެންގެ ހެޔޮ ނަސީބު. އެކަމަށްޓަކާ ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގޭ ”

އަބަދުވެސް ރާއްޖެ މިސްވާނެއޭ ލޯރެންސް ބުނި އިރު އަހަރެމެންވެސް ލޯރެންސް މިސްވާނެއެވެ. ހަނދާން ކުރާނެއެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އޭނާ ހޭދަކުރެއްވި ދުވަސްވަރު އޭނާގެ ގާތުން ދަސްވެނިމުނު ހުރިހާ ދަރިވަރުންވެސް ލޯރެންސްގެ ހަނދާންތައް އާކުރާނެއެވެ. ބައްޕައަކު ގެއްލިގެން ދިއުމެކޭ އެއްފަދައިން އެ ހަނދާންތައް ޒަމާންތަކަކަށް ދެމިގެން ދާނެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top