އޯޑީގެ އަދަދު ބޮޑު ކޮށްފިނަމަ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ: އެމްއެމްއޭ

file_po3i4s.jpg

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ (ސަރުކާރު) އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރި ނަމަވެސް، މިހާރު ދީފައިވާ އަދަދަށްވުރެ އޯވަޑްރޯ ކުރާ އަދަދު ބޮޑު ކޮށްފިނަމަ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ނުވަތަ އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލަ ބަލާ މަޖިލީހުގެ ވަގުތީ ކޮމިޓީގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އޯޑީ ފެސިލިޓީގެ އަދަދު ބޮޑު ކުރުމަކީ އެ އިދާރާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އަދަދު ބޮޑުކޮށްފި ނަމަ އިގްތިސާދީގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އިތުރަށް ވިދާޅުވީ އޯޑީ ފެސިލިޓީގެ އަދަދު ބޮޑު ކުރުމަކީ އެކްސްޗޭންޖު ރޭޓު ހިފެހެއްޓުމަށް ވެސް އެކަން ނުކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން، ދައުލަތުގެ ހަރަދު ހޯދުމުގައި އަގުބޮޑުވެގެން ދިއުމަކީ ވެސް ދިމާވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ސަރުކާރުން ރީޕޭ ކުރުމުގެ ކަންތައް ކުރިއަށްގެންދާ އިރު، ކޮންމެ ހަ މަހަކުން އެކަން ރިވިއު ކުރާގޮތަށް އޮތުން މުހިއްމު ކަމަށެވެ. އަދި ރީޕޭ ކުރުމަށް އާމްދަނީ ހޯދާނެ ގޮތްތައް ހިމެނޭ ޕްލޭނެއް އޮތުން މުހިއްމު ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭ އިން ވަނީ އޯޑީ ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ފާސް ކުރުމުގެ ކުރިން އެ މުއްދަތުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކޭނެ ޕްލޭނެއް ހޯދުމަށް މަޖިލީހަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ މުއްދަތުގައި ކަންކަން ބެލޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ހުރިތޯ ބަލަން ޖެހޭނެ ކަމަށް އިމާދު ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އެކަމާބެހޭ ގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ހާޒިރުކުރިއެވެ.

އޯޑީގެ މުއްދަތު އިތުރުކޮށްދިނުމަށް މިމަހު 26 ގެ ކުރިން މަޖިލީހުން ގޮތެއް ނިންމަން ޖެހެއެވެ. އެއީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top