
ރިވެޓްމަންޓް ޖެހުމަށްބޭނުންވާ ވެހިކަލްތައް ގެނައި ކޮޅުވެއްޓި އޭދަފުށި ކަނޑުއޮޅިން މިއަދު ހުރަސްކުރަނީ. ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަރަށްއަވަހަށް ފެށޭނެކަމަށް ކައުންސިލުން ބުނޭ. /އީވީ ފޮޓޯ: ޕްރިންސް ނަވާ
އޭދަފުށިން ހިއްކާފައިވާ ބިމުގެ ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ވެހިކަލްތައް އޭދަފުއްޓަށް ގެނެސްފިއެވެ.
މިއަދު މެންދުރުފަހު 1:30ގައި އައި ކޮޅުވެއްޓީގައި ގެނައި ވެހިކަލްތަކުގެތެރޭގައި 2 އެކްސްކަވޭޓަރާ، 2 ލޮރީ ހިމެނެއެވެ. އޭދަފުށީ ކައުންސިލުން ބުނީ އެތަކެތި ބޭލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާ، މިއަދު ތަކެތި ބާލާނިމޭނެކަމަށެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ވެހިކަލްތައް މިއަދު ގެނައިނަމަވެސް މަސައްކަތް ފަށާނީ ހިލަބާޖް އޭދަފުއްޓަށް އައުމުންކަމަށެވެ. އޭނާ ވިދާޅުވީ ދެދުވަހެއްގެތެރޭގައި ހިލަބާޖު އޭދަފުއްޓަށް އަންނާނެކަމަށް ހަބަރު ލިބެމުންދާކަމަށެވެ.
މެއިމަހު ބިންހިއްކައި ނިންމި އޭދަފުށީގެ ހިއްކި ސަރަހައްދު ވަށައިގެން ޖިއޯބޭގާ، ހިލަޖެހުމުގެ މަސައްކަތް ފެށުމަށް މިދިޔަ މާރޗްމަހު 1 ބާޖުހިލަ އޭދަފުއްޓަށް ވަނީ ޖަމާކޮށްފައެވެ. ކައުންސިލް އިދާރާއިން ބުނީ މިފަހަރު މިއަންނަ ބާޖުން ރިވެޓްމަންޓްޖަހާ ޓީމް އަންނަން ހަމެޖެހިފައިވާކަމަށާ، އެހެންކަމުން މިމަސައްކަތް ލަސްނުވެ ފެށޭވަރު ވާނޭކަމަށެވެ.
ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން 25.9 ހެކްޓަރު ބިން ހިއްކައި ރިވެޓްމަންޓް ޖެހުމަށް 125 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ނެދަލެންޑްގެ ބޮސްކާލިސް އިންޓަނޭޝަނަލްއާއެވެ.