ބޫސްޓާ ޑޯޒް ޖެހޭ އުމުރުގެ އެންމެން އަވަހަށް ތިންވަނަ ޑޯޒް ޖެހުމަށް އިލްތިމާސް ކުރައްވައިފި

big_VxCjaHDU3VLLUKxtDhL8hra42.jpg

ރައީސް ސޯލިހު ވެކްސިން ޖައްސަވަނީ--ފޮޓޯ :އަވަސް

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ބޫސްޓާ ޑޯޒް ޖެހޭ އުމުރުގެ އެންމެން ވީހާ ވެސް އަވަހަށް ތިން ވަނަ ޑޯޒް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓް، “އޮމިކްރޯން” ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެން ފަށާފައިވާއިރު، އެކަމާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އާ ވޭރިއަންޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ.

އާ ވޭރިއަންޓް، “އޮމިކްރޯން” ފެތުރެން ފެށުމާ ގުޅިގެން، ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިންވެސް ވަނީ ބުނެފައެވެ.

އާ ވެރިއަންޓާ ގުޅިގެން ރާއްޖެއިން މިހާތަނަށް ފިޔަވަޅެއް އަޅައިފައިނުވާއިރު، އެޗްއީއޯސީގެ މީޑިއާ އޮފިޝަލް އަދި ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވީ ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެކަމަކު ރާއްޖެއިން މިހާތަނަށް އެފަދަ ފިޔަވަޅެއް ނާޅަ އެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދެމުން އަންނަ ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން އެއާޕޯޓްގެ ޕްރޮންޓްލައިން ސްޓާފުނަށް ވެސް ބޫސްޓާ ޑޯޒް ދޭން ފެށޭނެ ކަމަށެވެ.

“ސިއްހީ ހިދުމަތްތެރިން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއާޕޯޓް ފްރޮންޓްލައިން ސްޓާފުންނަށް ބޫސްޓާ ޝޮޓްތައް މި ހަފުތާގައި ފަށާނެ، އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ބޫސްޓާ ޕްރޮގްރާމް ފަށާނީ ޑިސެމްބަރު މަހުގެ މެދުތެރޭގަ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބޫސްޓާ ޝޮޓު ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ އެންމެން ވެސް އެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން ބޯޑަރު ބަންދުކުރަމުން އަންނައިރު އަވައްޓެރި ސްރީލަންކާއިން ވެސް ވަނީ އެފްރިކާގެ ގިނަ ގައުމުތަކުން އެގައުމަށް މީހުން އެތެރެވުން މަނާކޮށްފައެވެ.

އޮމިކްރޯންގެ ނަމުން ނަން ދީފައިވާ ވޭރިއަންޓު ފެނިފައިވަނީ ސައުތު އެފްރިކާއިންނެވެ. ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު ރިޕޯޓުކުރެވުނު ވޭރިއަންޓު، ހޮންކޮންގާއި ބެލްޖިއަމް ފަދަ ގައުމުތަކުން ވެސް ވަނީ މިހާރު ފެނިފައެވެ.

މި ވޭރިއަންޓަކީ އެފްރިކާ ގައުމުތަކުގައި ވެކްސިން ޖެހި މީހުންގެ އާބާދީ މަދުވުމުގެ ސަބަބުން ފެތުރެން ފެށި ވޭރިއަންޓެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ. އަދި މިއީ މިހާތަނަށް ފެތުރޭ އެންމެ ނުރައްކާތެރި ވޭރިއަންޓަށް ވުމުގެ ބިރު އޮތްކަމަށް ވެސް ސައިންސް ވެރިން ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top