އެއީ އޭނާގެ އޮފީސްދާއިރާގައި އޭނާއަށް މުޚާތަބްކުރެވޭ ނަމެވެ. އޭނާދެކެ ލޯބިން ކިޔާ ނަމަކަށް ވެދާނެއެވެ. އެކަމަކު އެއީ އަހަރެމެން އެންމެންނާވެސް ގާތް އެކުވެރިކަމެއް ބާއްވަމުން ގެންދަވާ އޭދަފުށީ ކިނބިގަސްދޮށުގެ އިބްރާހީމްއަބޫބަކުރެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ ހިިތްހެޔޮ މިޒާޖެއްގެ ވެރި އިބްރާހީމް އަބޫބަކުރު މި ރިޕޯޓްގެ ބަތަލުގެ މަގާމަށް އައީ ދާދިފަހުން އޭނާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެން އޭދަފުށީ ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތެއްގެ ސަބަބުންނެވެ. އޭނާވަނީ އޭދަފުށީ ރައްޔިތުންގެ ތެރެއިން މޫދަށްއެރެން ބޭނުންްވާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ދެކުނުފަރާތުގެ މޫދާ ވީ ހިސާބުގައި ސިޑިބަރިއެއް ހަފައިދީފައެވެ. ވަށައިގެން ބޮޑުހިލަ ޖަހާފައިވާާތީއާއެކު މޫދާ ހިލަތަކާ ދެމެދު ފުދޭވަރެއްގެ އުސްމިނެއް ހުންނާތީ އެކަމުގެ ސަބަބުން ހިލަތައް ގިރާކޮށްގެން މޫދަށް އެރުމަކީ އުނދަގޫކަމެއް ކަމުގައިވާތީއެވެ.
“އަސްލު އެއީ އަޅުގަނޑުގެ މަސައްކަތެއް ނޫން. މިއީ މި ރަށުގައި މިފަދަ ތަނެއް ހުރުމަށް ބޭނުންވާކަން އެނގި އެކަމަށް އިސްނެގި ތިން ހަތަރު މީހެއްގެ މަސައްކަތް. އަޅުގަނޑަކީ މިކަމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަމުގައި އަޅުގަނޑު ގަބޫލު ކުރަނީ. އަޅުގަނޑަށް މި ކަމުގައި ލިބޭ އެންމެ ބޮޑު އުފަލަކީ އެ މީހުންގެ އެހީތެރިކަމާ އަދި އެހެން ގިނަ ބައެއްގެ އެހީތެރިކަމާވެސް އެކުގާ މި މަސައްކަތް ކޮށް ނިންމާލެވުނުކަން. ” މަސައްކަތާ ބެހޭ ގޮތުން އިބްރާހީމް ބުނީ މިހެންނެވެ.
އިބްރާހީމް އިތުރަށް ބުނީ މިމަސައްކަތަކީ ސިއްހީ ސަބަބުތަކާ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން މޫދަށް އެރެން ބޭނުންވާ އެތައްބަޔަކަށް ކޮށްދެވުނު ބޮޑު މަސައްކަތެއް ކަމަށާ މި މަސައްކަތް އެމީހުންނަށް ކޮށްދިނުމުން ވަަރަށް އުފާވެއްޖެ ކަމުގައެވެ.
“އުއްމީދު ކުރިން ރަށު ކައުންސިލުންވެސް މޫދަށް އެރެން ޚާއްސަ ތަނެއް ހަދައިދޭނެކަމަށް. އެތައް ބަޔަކު ކައުންސިލުގައި އެކަމަށް އެދުނުވެސްމެ. އެކަމަކު އެކަމެއް ނުކޮށްދެވުނު. އެހެންވީމާ ކޮންމެވެސް ބަޔަކު މިކަމަށް އިސްނަގަންވެސް ޖެހޭނެތާ ! “މިމަސައްކަތާ ބެހޭގޮތުން އިބްރާހީމް ބުންޏެވެ.
އިބްރާހީމްގެ މަސައްކަތް މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. އޭނާ ބުނީ ދެން އޭނާ އެންމެ އަވަހަ މި ދާއިރާއިން ކުރާނެ މަސައްކަތަކީ މޫދަށް އެރި ނިމިގެން އައިސް ކޮންމެ މީހަކުވެސް ލޮނުފިލުވާލަން ބޭނުންވާނެތީވެ އެތަނުގައި ވަޅެއް ހެދުންކަމުގައެވެ. “އަޅުގަނޑުމެންގެ ޓީމްގައި މިހާރު މަޝްވަރާ ކުރެވެމުން ދަނީ މިދެންނެވި ވަޅު ހެދުމާ ބެހޭގޮތުން.” އިބްރާހީމް ބުންޏެވެ.
އޭދަފުށި ‘ފެނަކަ”އިގާ މަސައްކަތް ކުރާ އިބްރާހީމް ބުނީ ކުރިއަށް އޮތްތަނުގައި އޭނާ ފެންނާނީ އޭދަފުށީ ރައްޔިތުންނަށް ބޭނުންވާ މިކަހަލަ އިޖްތިމާއީ މަސައްކަތުގައި ހަރަކާތްތެރިވެ އުޅޭ ތަނެވެ. އެއީ ކޮންމެވެސް ބަޔަކު އިސްނަގަން ޖެހިއްޖެ ކަމެއް ކަމަށާއި އެގޮތުން ގިނަ ކަންތައްތަކެއް މިރަށަށް ބޭނުންވެފައިވާ ކަމުގައެވެ. އަދި އެކަންތައް ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމުގައި މެދުވެރިއެއްގެ ބައިކުޅުމާއެކު އަމަލީގޮތުންވެސް އެކަންތަކުގައި ބައިވެރިވާނެކަމުގައެވެ. އެއީ ކޮންކަހަލަ ކަންތައްތަކެއްތޯ އެހުމުން ބުނީ އޭނާ ކުރާކަންތައް އިޝްތިހާރު ކުރަން ބޭނުންނުވާކަމުގައާއި އެކަން ދައްކާނީ އަންނަން އޮތް ދުވަސްތަކުގައި އޭނާގެ އަމަލުންނެވެ.