މަގުހެދުމުގެ އަމަލީ މަސައްކަތް އަދި ނުފަށާ. ނިންމަން އެއްބަސްވި މުއްދަތު ފާއިތުވެއްޖެ

20160807_093001.jpg

އެމްއާރްޑީސީ އިން ތައްޔާރު ކުރަމުން ގެންދާ ސައިޓް. ފޮޓޯ : އީވީ

އޭދަފުށިގެ 15 މަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ ) އާއި ހަވާލުކޮށްްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހުއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭރުގެ އެމްއާރްޑީސީގެ އެމްޑީ.އިބްރާހީމް ނަޒީމް ޔަގީން ކަމާއެކު ވިދާޅުވެފައިވަނީ  މުއްދަތުގެ ނިޔަލަށް މަސައްކަތް ނިންމާނޭ ކަމުގައެވެ.  އެމުއްދަތު ފަހަނަޅައި ހިނގައްޖެއެވެ. މަސައްކަތް އަދި ހަމަގައިމުވެސް ފަށާފައެއް ނުވެއެވެ.

އެހެންނަމަވެސް އޭދަފުށީގެ މަގުތަކުގައި ތާރުއެޅުމާ ގުޅޭ ގޮތުން އޭދަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މިމަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ  ” އޭދަފުށީގެ މަގުތަކުގައި ނަރުދަމާގެ ނިޒާމްގެ ހޮޅިލައިނާއި، ކަރަންޓް ކޭބަލްތަކާއި ދިރާގުން ގޭގެއަށް ޚިދުމަތްދޭ ވަޅުލާފައިވާ ކޭބަލްތަކާއި، ކޭބަލް ޓީވީ ދޫކުރާ އަމިއްލަ ފަރާތްތަކުން ވަޅުލާފައިވާ ކޭބަލްތައް ވަކި ތަރުތީބަކަކަށް ބަދަލުކުރައްވަމުން ގެންދަވާކަމަށެވެ.”

މިޚަބަރު ވެގެން ދިޔައީ އޭދަފުށިގެ ރައްޔިތުންނަށް ލިބުނު ހައިރާން ކުރަނިވި އުފާވެރި ޚަބަރަކަށެވެ.  އަދި ސޯޝަލް މީޑިއާ ހަމަ ވަގުތުން ކެކިއަރައިގެން ދިޔަ ޚަބަރަކަށެވެ. ޚާއްސަކޮށް ފޭސްބުކްގައި މި ހަބަރު ޝެއަރު ކުރަމުން ގެންދިޔައެވެ. ތަފާތު ޝުއޫރުތައް ފާޅުކުރަމުން ގެންދިޔައެވެ. ޚަބަރުގެ ތެދުދޮގު ކަމާމެދު ބަހުސް ކުރެވެމުން ދިޔައެވެ. ނިއުމާ އެހެން ވިދާޅުވުމާއި ގުޅިގެން އެކަމުގެ މައުލޫމާތު ހޯދުމަށް އޭދަފުށީ ވޮއިސްއަށް ވެސް އެތައްބަޔަކު ގުޅަމުުން ގެންދިޔައެވެ.

ނިއުމާ ވިދާޅުވެފައިވާ ފަދައިން ކޭބަލްތައް ވަޅުލުމުގެ އެއްވެސް ކަހަލަ އަމަލެއް އޭދަފުށީގެ އެއްވެސް ދިމާއަކުން ފެނިފައި ނުވާތީ އެވިދާޅުވާ ކޭބަލްތައް ވަޅުލުމުގެ މަސައްކަތް ހިނގަމުންދަނީ ރަށުގެ ކޮން ހިސާބެއްގައިތޯ ނުވަތަ ކޮން ދިމާލެއްގައިތޯ ސާފުކޮށްލުމަށް އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް އާއި ގުޅާލުމުން ވިދާޅުވީ މަގު ހެދުމާބެހޭ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދާކަން  އެނގިވަޑައިގެން ފައި ނުވާކަމުގައެވެ.  އޭނާ ވިދާޅުވީ މިވަގުތު އެމްއާރްޑީސީއިން މިރަށުގައި ކުރަމުން ގެންދާ މަސައްކަތަކީ އެމީހުންގެ ސައިޓެއް ހެދުމުގެ ކަންތަކެވެ. އިތުރު ކަމެއް ކުރާކަން އެނގިވަޑައި ނުގަންނަވާ ކަމުގައެވެ.

އޭދަފުށި ވޮއިސްގެ ފަރާތުން އެމްއާރްޑީސީ އިން އޭދަފުށީގެ މަގުތައް ހެދުމަށް ތައްޔާރުވުމުގެ ގޮތުން ހަދަމުން ގެންދާ ސައިޓަށް ގޮސް ބަލައިލި އިރު ދިހަވަރަކަށް ބަންގާޅިން ސައިޓްގައި ހަރަކާތްތެރިވަމުން ދަނީ އިއްޔެ އިއްްޔެ ގެނައި ހައިމާކެއް ދޮވުމުގެ މަސައްކަތުގައެވެ. ސައިޓާ އެވަގުތު ހަވާލުވެގެން ހުރި ހަމައެކަނި ދިވެހި މުވައްޒަފު ގާތުން މި ކަމުގެ މައުލޫމާތު އަހާލުމުން ސާފުވީ މަގު ހެދުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭގޭ ކަމާއި މަސައްކަތަށް ބޭނުންވާ މެޝިންތަކާއި މުވައްޒަފުންވެސް އަދި ނާންނަ ކަމުގައެވެ. އޭނާ ބުނީ މި މަސައްކަތަށް ބޭނުންވާ މެޝިނާ މީހުންގެ ތެރެއިން މާދަމާވެސް އިތުރު ތިން ދިވެހީން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމުގައެވެ.

މަސއްކަތަށް ބޭނުންވާ ހައިމާކެއް އޭދަފުށްޓަށް ބޭލުމަށް ކޮޅުވެއްޓި ބަނދަރާ ކައިރި ކުރަނީ .ފޮޓޯ : އީވީ

މަސއްކަތަށް ބޭނުންވާ ހައިމާކެއް އޭދަފުށްޓަށް ބޭލުމަށް ކޮޅުވެއްޓި ބަނދަރާ ކައިރި ކުރަނީ .ފޮޓޯ : އީވީ

ސައިޓްގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު އޭދަފުށީގެ ބޮޑެތިމަގުތައް އޮއްވަޅުގަނޑަކަށްވެ އެކަމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ އޭދަފުށީ ރައްޔިތުންނަށް އޮތް އުފާވެރި ޚަބަރަކީ މި މަސައްކަތް ފެށުމަށް އެމްއާރްޑީސީ ތައްޔާރުވަމުންދާކަމުގެ އުފާވެރި ޚަބަރެވެ. އެހެންނަމަވެސް އޭދަފުށީގެ މަގުހެދުމުގެ މަޝްރޫއު އަދި ނުފެށެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު