ޑޮލަރުގެ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރަން އަންގައިފި

MMA.jpg

ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ކުރާ ހުރިހާ މުއާމަލާތެއް ދިވެހި ފައިސާއިން ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބޭންކްތަކަށް އަންގައިފިއެވެ.

އެމްއެމްއޭއިން މިގޮތަށް ނިންމާފައިވައިރު، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

އެމްއެމްއޭއިން ބޭންކުތަކަށް އަންގާފައިވަނީ ރާއްޖޭގައި ނަގާފައިވާ ވިސާ ކާޑުތަކަށް ރާއްޖޭގެ އެތެރޭގެ ހުރިހާ ޓްރާންސެކްޝަންތަކެއް ހިންގަން ޖެހެނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވިސާ ކާޑުން ހިންގާ ފައިސާގެ މުއާމަލާތްތައް ވެސް ހިންގަން ވާނީވެސް ދިވެހި ރުފިޔާއިން ކަމަށް އެމްއެމްއޭއިން އަންގާފައި ވެއެވެ. މިއާއެކު ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލޭގައި ހިންގާ ބައެއް ރެސްޓޯރެންޓްތަކުގައި ވެސް ރާއްޖޭގައި ދޫކޮށްފައިވާ ވިސާ ކާޑަކުން ދެން ޑޮލަރުން ފައިސާއެއް ނުދެއްކޭނެއެވެ.

ކޯވިޑް-19އާއި އެކު ރާއްޖެއަށް ވަނީ ޑޮލަރުގެ ދަތިކަން ދިމާވެފައެވެ. އަދި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ގޮސްފައިވާއިރު، ސަރުކާރުން ވަނީ ޑޮލަރު ހިފެހެއްޓުމަށް އެކި ފިޔަވަޅުތައް އަޅަންފަށާފައެވެ.

ދިވެހިރާއްޖެއަށް ބޭރުފައިސާ ލިބުމުގެ މައިގަނޑު ދޮރާއްޓަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު އަސަރެއްކޮށްފައެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށްވުރެ މައްޗަށް ދިޔަ ނަމަވެސް އެ އަދަދު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފައެވެ.

ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މީގެ ކުރިންވެސް ފިޔަވަޅުތަކެއް އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top