ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބިދޭސީއެއް ކަމަށާއި، ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ %47 އަކީ ބިދޭސީ ފިރިހެނުން ކަމަށް، ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ އާބާދީގެ ދުވަހާއި ގުޅުވައިގެން ސްޓެޓްސް މޯލްޑިވްސް އިން އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އަންދާޒާއަކީ 590،079 އެވެ. އޭގެ ތެރޭގައި ހިމެނެނީ 374،168 ފިރިހެނުންނާއި، 215،911 އަންހެނުންނެވެ. އެއީ 394،054 ދިވެހިންނާއި، 196،024 ބިދޭސީންނެވެ.
އެ ތަފާސްހިސާބުތަކުގައި ބުނީ މަސައްކަތް ކުރާ އުމުރުގެ ފުރާގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުން ގިނަ ކަމަށެވެ. އަދި މާލެގައި ދިރިއުޅޭ އާބާދީގައި މަސައްކަތް އުމުރުފުރާގެ މީހުން ގިނައިރު، މި އުމުރުގެ ބިދޭސީންވެސް ގިނައެވެ.
އަދި އިދާރީ ރަށްރަށުގައި ދިރިއުޅޭ އާބާދީގެ 29-20 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން މަދެވެ. އަަދި ރިސޯޓްތަކާއި ސިނާއީ ރަށްރަށުގައި ގިނައީ 20-44 އަހަރާއި ދެމެދުގެ މީހުން ކަމަށާއި، އެތަންތަނުގައިވެސް ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީން ފިރިހެނުން ގިނަ ކަމަށް ބުނެފައި ވެއެވެ.
ދިވެހީންގެ އާބާދީއަށް އެކަނި ބަލާއިރު، ފިރިހެނުންގެ އާބާދީއަކީ 200،162 މީހުންނެވެ. އެއީ ދިވެހި އާބާދީގެ 51 ޕަސެންޓެވެ. އަދި އަންހެނުންގެ އާބާދީއަކީ 193،392 މީހުންނެވެ. އެއީ 49 ޕަސެންޓެވެ. ދިވެހީންގެ ތެރޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ ނިސްބަތް ކުޑަތަންކޮޅެއް އިތުރުކަން މި އަދަދުތަކުން ފާހަގަކުރެވެއެވެ.
ނަމަވެސް، ބިދޭސީންގެ އާބާދީއަށް ބަލާއިރު ޖިންސުގެ ނިސްބަތުގައި ވަރަށް ބޮޑު ފަރަގެއް ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 174،005 އެވެ. މިއީ ބިދޭސީ އާބާދީގެ 89 ޕަސެންޓެވެ. ބިދޭސީ އަންހެނުންގެ އާބާދީއަކީ އެންމެ 22،019 އެވެ. އެއީ 10 ޕަސެންޓެވެ.
މަސައްކަތްކުރާ އުމުރުފުރާއަށް ބަލާއިރު، ދިވެހި ފިރިހެނުންނަށް ވުރެ ރާއްޖޭގައި އުޅޭ ބިދޭސީ ފިރިހެނުންގެ އަދަދު ގިނަކަން ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި އެންމެ ގިނައީ އުމުރުން 20 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މިފަދަ ރަށްރަށުގައި ވެސް ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީ ފިރިހެނުންގެ ނިސްބަތް މާ ބޮޑަށް އިތުރުކަން ވަނީ ހާމަވެފައެވެ





