ބ. ކެންދޫ އިންޖީނުގޭގެ މަސައްކަތް މިހާރު ހުއްޓިފައި ހުރީ ފައިސާ ނެތިގެން ކަމަށް މިނިސްޓާ އޮފް ކްލައިމެޓްޗޭންޖް އެންޑް އެނާޖީ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތޯރިގު މިހެން ވިދާޅުވީ ކުރީ ސަރުކާރުން ފެނަކަ މެދުވެރިކޮށް ކެންދޫގައި އިމާރާތް ކުރަން ފަށާފައިވާ އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައިވާތީ، އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ދެވޭނެ ތާރީޚަކީ ކޮބައިތޯ އޮޅުން ފިލުވުމަށް އެ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ތޯރިގު ވިދާޅުވީ، ކެންދޫ އާ އިންޖީނުގޭގެ މަައްސަލައަކީ ފެނަކައިގެ ޚަރަދުގައި ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އެ މަސައްކަތް ސީސައިޑް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ 11 ޖުލައި 2021 ގައި ހަވާލުކުރީ 1 މެއި 2022 ގައި ޕްރޮޖެކްޓް ނިންމާ ގޮތަށް ކަމަށާއި މަސައްކަތުގެ އަގަކީ 8.7 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ، އެ ރަށު އިންޖީނުގެ އެޅުމަށް ކަނޑައެޅި ބިމަށް ބަދަލުތަކެއް އައުމާއި އެ ތަނުގެ ތިމާވެއްޓާބެހޭ ރިޕޯޓް އިސްލާހުކޮށް ބަދަލުގެނައުމާއި އެ ކަންކަމުގެ ސަބަބުން މަޝްރޫއުގެ ސްކޯޕަށް ބަދަލުއައިސް ބީއޯކިއުއަށް ބަދަލުތަކެއް ގެންނަން ޖެހުމުން ސައިޓުގައި އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުނީ 20 ޑިސެމްބަރު 2022 ގައި ކަމަށެވެ. އެކަމާ ގުޅިގެން މަސައްކަތް ނިންމުމަށް އެކި ފަހަރުމަތިން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަކު އެ މުއްދަތަށްވެސް މަސައްކަތް ނުނިމި އޭގެ ފަހުންވެސް އެކި ފަހަރުމަތިން މުއްދަތު އިތުރުކުރުމަށް އެ ފަރާތުން އެދުނު ކަމަށާއި އެންމެ ފަހުން 11 ނޮވެމްބަރު 2023 ގައި 30 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅި ނަމަވެސް އެ ފަހަރު މުއްދަތު އިތުރު ނުކޮށްދޭން ނިންމާފައިވާ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެހާހަމައަށް ދިޔައިރު ނިމިފައިވަނީ އެ ޕްރޮޖެކްޓްގެ 55 ޕަސެންޓް މަސައްކަތް ކަމަށެވެ. އަދި ކޮންޓްރެކްޓަށް ގެނައި ވޭރިއޭޝަންތަކުގެ ޖުމުލައަށް އިތުރު 1.5 މިލިއަން ރުފިޔާ އަރާފައިވާއިރު އެކަމާއި ގުޅިގެން މިހާރު ކޮންޓްރެކްޓްގެ އަގު 10.5 މިލިއަނަށް ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެެރެއިން 3.5 މިލިއަން ރުފިޔާ ކޮންޓްރެކްޓާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވި ގޮތުގައި މި ވަގުތު އެ އިންޖީޏުގޭގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ އެކަމަށް ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން ބާކީ ހުރި މަސައްކަތް ނިންމުމަށް ހިނގާނެ ޚަރަދު އަންދާޒާކޮށް ފައިސާ ހަމަޖެހުމުން ހަ މަސް ދުވަހުގެ ތެރޭގައި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.