ނ އަތޮޅުގައި މިދިޔަ ހަފުތާގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތަށް ނަގާ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.
އެ އިއުލާނުގައި ވާގޮތުން އެންމެ މަތިންވެސް ފެރީ ދަތުރަކަށް ދައްކަންޖެހެނީ 180 ރުފިޔާއެވެ.
ނ. އަތޮޅުގައި ފެރީގެ ޚިދުމަތަށް ބޭނުން ކުރަނީ 50 މީހުންގެ ޖާގައިގެ ދެ އުޅަނދެވެ.
ފެރީގެ ޚިދުމަތާ އެކު ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް މިހާރު ވަނީ ގުޅާލެވިފަ އެވެ. ހަފުތާގެ ހުރިހާ ދުވަހަކު ޚިދުމަތް ލިބޭއިރު އަދި ދަތުރުތައް ކުރާނީ މައިގަނޑު ތިން ރޫޓަކުންނެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ފެރީ ދަތުރުތައް ހަމަޖެހިފައިވަނީ ހިލެއެވެ. މީގެ ބޭނުމަކީ ޝެޑިއުލް ދަތުރުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް އެމްޓީސީސީން ބުނެއެވެ.
އާރްޓީއެލްގެ ފެރީގެ ޚިދުމަތް ނ. އަތޮޅުގައި އިފުތިތާހުކުރުމަށްފަހު އާންމުކޮށް ދަތުރުތައް ފެށީ 26 ގަ އެވެ. މިހާރު ހިލޭ ދަތުރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައިވާ އިރު، އަގު ނަގަން ފަށާނީ އަންނަ މަހުގެ 2 އިން ފެށިގެންނެވެ. އަގުު ނަގަން ފެށުމުން ކައުންސިލް މެދުވެރިކޮށް ފެރީ ޖާގަ ދިނުން ހުއްޓާލައި ޓިކެޓް ގަންނަން ލިބޭނީ އެކަމަށް ޚާއްސަ އާރްޓީއެލް އެޕުންނެވެ.
ނ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމާ އެކު ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު މިހާރު މިވަނީ ފެރީ ނިޒާމަކުން ގުޅާލެވިފަ އެވެ.
ނ. އަތޮޅާއި ޖެހިގެން އޮތް ރ. އަތޮޅުގައި ކުރިއަށް އޮގަސްޓް މަހު އަދި ރ. އަތޮޅާއި ޖެހިގެން އޮތް ބ. އަތޮޅުގައި މިއަހަރުގެ ސެޕްޓެމްބަރު އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.