ގޮއިދޫން ދަނޑުވެރިކަމަށް ބިން ދޫކުރުން މަޑުޖައްސާލައިފި

22046447_1834632113215328_4074569914596014287_n.jpg

ގޮއިދޫ ދަނޑަކުން ކަނޑާފައިވާ ކަރާތަކެއް. މިއަހަރު އެރަށުން ދަނޑުވެރިކަމަށް އިތުރު ބިން ދޫނުކުރަން ވަނީ ނިންމާފައި / ފޮޓޯ: ގޮއިދޫ ކައުންސިލް އިދާރާ

ބ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ މީހުން ދިރިއުޅޭ ރަށްކަމުގައިވާ ގޮއިދޫއިން މިއަހަރު ދަނޑުވެރިކަމަށް އިތުރުބިން ދޫކުރުން މަޑުޖައްސާލާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފި

މިއަހަރުގެ ރަމަޟާންމަހަށް ގޮއިދޫގެ ދަނޑުވެރިން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ގޮއިދޫ ކައުންސިލާ ސުވާލުކޮށްލުމުން ބުނީ ދަނޑުބިން އިތުރަށް ދޫނުކުރަން ނިންމީ ދަނޑު ދޫކުރުމުގެ އާޕްލޭނެއް އެކުލަވާލަމުންދާތީ ކަމަށެވެ. އެހެންނަމަވެސް ކައުންސިލުން ބުނީ ކުރިން ދޫކުރި ދަނޑުތަކުން ރަމަޟާންމަހަށް ވަރަށް ފޯރީގައި ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

ކައުންސިލްގެ އިންޕޮމޭޝަން އޮފިސަރ އަހްމަދު ނިޔާޒު ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހުވެސް މުޅިއަތޮޅަށް ބޭނުންވާވަރަށްވުރެ ގިނައިން މޭވާއާ، ތަރުކާރީގެ ބާވަތްތައް ދަނޑުތަކުން ނެރޭނެކަމަށާ، ހާއްސަގޮތެއްގައި ކަރާ މާކެޓަށް ނެރެވޭވަރު އިތުރުވާނެކަމަށެވެ.

“ދަނޑު ދޫކުރުން މަޑުޖައްސާލީ ވަގުތީގޮތުން އާޕްލޭންގެ ދަށުން ދެން ދަނޑުދޫކުރާނީ. އެހެންނަމަވެސް މިހާރުވެސް 76 ދަނޑެއް އަޅުގަނޑުމެން ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނާނީ. އެދަނޑުތައް މިހާރުވެސް އެދަނީ ރޯދައަށް ވަރަށް ފޯރީގައި ތައްޔާރުވަމުން. ކަރާ މައިގަނޑު އެއްޗަކަށް ރޯދަމަހު އޮންނާނީ.” ނިޔާޒު ވިދާޅުވިއެވެ.

ގޮއިދޫން ދޫކޮށްފައިވާ ދަނޑެއްގައި ކަރާ ހައްދާފައި / ފޮޓޯ: ގޮއިދޫ ކައުންސިލް

ނިޔާޒު ވިދާޅުވީ މިވަގުތު އެރަށުން ދަނޑުވެރިކަމަށް 15000 އަކަފޫޓްގެ 76 ދަނޑު ދޫކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ފަރާތްތަކުން ދަނޑަށް އެދެމުންދާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ނިޔާޒު ވިދާޅުވީ ދަނޑު ދޫކުރުމުގެ އާޕްލޭންގެ ދަށުން ދަނޑު ދެން ދޫކުރަން ފަށާނީ މިއަހަރު ފަހުކޮޅުކަމަށް ބެލެވޭ ކަމަށެވެ.

800އެއްހާ މީހުންގެ އާބާދިއެއް އޮންނަ ގޮއިދުއަކީ ޒަމާނުންސުރެވެސް ބ. އަތޮޅުގައި ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. އަދި ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެރަށުގެ ދަނޑުތައް ތިޔާގިވާކަން ފާހަގަކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top