ސަލްސާއިން އޭދަފުށީ ފުޓްބޯޅަ ޓީމަށް 10000ރ ގެ އަގުހުރި ޓްރެއިނިންގ ކިޓެއް ދީފި

DSCN1746.jpg

މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އޭދަފުށީ ފުޓްބޯޅަ ޓީމަށް ސަލްސާ އިންވެސްޓްމަންޓްގެ ފަރާތުން ޓްރެއިނިންގ ކިޓެއް ހަދިޔާކޮށްފިއެވެ.

މިކިޓް އިއްޔެ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި އޮތް ކުޑަރަސްމިއްޔާތެއްގައި ޓީމްގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި ހަވާލުކޮށްދެއްވީ ސަލްސާގެ އޮފިޝަލެއްކަމުގައިވާ އަލީ ޝަފީގެވެ. އަލީ ޝަފީޤް ވިދާޅުވީ މިއީ ސަލްސާގެ ސީއެސްއާރު ފްރޮގްރާމްގެ ދަށުން ހާއްސަކޮށް އޭދަފުށީ ފުޓްބޯޅައަށް ވެދިން އެހީއެއްކަމަށާ، އޭދަފުށިގެ ފުޓްބޯޅަ ކުރިއެރުވުމަށް މިފަދަ އެހީތަށް އަބަދުވެސް ފޯރުކޮށްދެވޭތޯ ބަލާނެކަމަށެވެ. އޭނާ ވިދާޅުވީ މިޓްރެއިނިންގ ކިޓަކީ 10000ރގެ އަގުހުރި ފެންވަރު ރަނގަޅު ކިޓެއްކަމަށެވެ.

“ސަލްސާާއާއި އޭދަފުށި ފުޓްބޯޅައަކީ ވަކިނުކުރެވޭނެ އެއްޗެއް. މިއަހަރު އެކަންޏެއްނޫން. ކޮންމެ އަހަރަކުވެސް އޭދަފުށި ފުޓްބޯޅައަށް މިދަނީ ވަރަށް ބޮޑެތި އެހީތަށް ފޯރުކޮށްދެމުން. ހަމައެކަނި ސީނިއަރ ޓީމަކަށްވެސް ނޫން. ވެޓަރަންސް ޓީމާ، ސްކޫލް ފުޓްބޯޅަ ޓީމަށްވެސް މިދަނީ ދެވެންއޮތް އެހީއެއް ދެމުން” ޝަފީޤް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ސަލްސާއިން އޭދަފުށި ފުޓްބޯޅަ ކުރިއެރުވުމަށް ވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ސަލްސާއިން އެދޭ ކަންކަމުގައި އޭދަފުށީ ކައުންސިލުން އަބަދުވެސް ޝުކުރުވެރިކަމާއެކު މަރުހަބާ ކިޔާނެކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

ޓްރެއިންގް ކިޓްގައި ސަލްސާއިން އިއްޔެ ހަވާލުކުރީ 30 ކުޅުންތެރިއެއްގެ ޖާޒީއާއި ސޯޓު އަދި 8 އޮފިޝަލް ޖާޒީއާއި، ސޯޓުކަމަށް އޭދަފުށި ކައުންސިލުން ބުންޏެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް އިއްޔެ ފެށިއިރު ޓީމްގެ ކޯޗެއްގެ ގޮތުން ވަގުތީގޮތުން މަސައްކަތް ކުރަމުން އަންނަނީ ޓީމްގެ މެނޭޖަރ އަބްދުލްމަޖީދު ހަސަންއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top