ޕީޓީއޭ: އޭދަފުށީ އަންހެނުންގެ ގުޅުން ބަދަހިކޮށްދިން ބޮޑު ބާރު

28308213_10155662774748402_1427194507_n.jpg

އެއީ ބ.އަތޮޅު ތައުލީމި މަރުކަޒުގެ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަން ( ޕީޓީއޭ )އެވެ. އެނަން ބޭނުން ކުރިނަމަވެސް ހަގީގަތަކީ އޭދަފުށީގެ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ މުރާލިކަމާއި އެއްބައެއްވަންތަ ކަން ގާއިމުކޮށްދިން ޖަމާއަތަކީ އެއީއެވެ. ކަނބަލުންގެ ހިތްވަރާއި އޭދަފުށީ އަންހެނުންގެ އަސްލު ބުންވަރު ދައްކައިދީ އޭދަފުށީގެ ތަރައްގީއާއި ތައުލީމުގެ ނާރެހަކީ ޕީޓީއޭ ކަމުގައި ގަބޫލު ކުރާ މީހުންގެ އަދަދު މި ފަސްގަނޑުގައި ގިނައެވެ.

90 އިންސައްތަ އަންހެނުން ހަރަކާތްތެރިވާ މި ޖަމާއަތަކީ ސްކޫލްގެ ޕީޓީއޭ ފަންޑު މުއްސަނދި ކުރުމުގެ އިތުރުން ސްކޫލާ ބެލެނިވެރިންނާ ދަރިވަރުން ގުޅުވައިދޭ އެއް ވާސިތާވެސް މެއެވެ. މި ޖަމިއްޔާ ނުވަތަ އެސޯސިއޭޝަން ހަރަކާތްތެރިވާ ގޮތަށް ބަލާއިރު އެއިރެއްގައި ހުންނަ ޕްރިންސިޕަލް އަކީ މި ޖަމިއްޔާގެ ރައީސްކަމަށް ވާއިރު ނައިބު ރައީސްއަކީ ބެލެނިވެރިންގެ ވޯޓުން ހޮވާ މީހެކެވެ. ސްކޫލްގެ ކުރު މާޒީއަށް ބަލާއިރު މި މަގާމް އަދާކޮށްފައިވަނީ މުޅިންވެސް ކަނބަލުންނެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ބ.އަތޮޅު ތައުލީމި މަރުކަޒުގެ ޕީޓީއޭ އަކީ ދަރިވަރުންގެ ރަސްމީ ތައުލީމާއި ތަރުބަވީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމާއެކު އިތުރު ހަރަކާތްތައް ހިންގުމުގައި ދީލަތި ކަމާއެކު އެހީތެރިވަމުން އަންނަ އޭދަފުށީގެ ތައުލީމުގެ އިންޖީނެވެ.

ޕީޓީއޭގެ ހަރަކާތްތަކަށް ބަލާއިރު ފެންނަމުން ދަނީ އަހަރުން އަހަރަށް ކާމިޔާބު ފިޔަވަޅު ތަކެއް ކުރިއަށް އަޅަމުން އަންނަ ތަނެވެ. ސްކޫލްގެ މެނޭޖްމަންޓާ ބިނާކުރަނިވި ގުޅުމެއް ގާއިމް ވެފައިވާއިރު މި ޖަމިއްޔާ ވަނީ ސްކޫލްއަށް ބޭނުންވާ ގިނަ ގުނަ ޚިދުމަތް ތަކެއްވެސް ކޮށްދީފައެވެ. އުފާވެރި ޚަބަރަކީ ސްކޫލާ ގުޅިގެން ހިންގާ ހަރަކާތްތަކުން ފަންޑަށް ހޯދާ ފައިސާއިން ދަރިވަރުންގެ ތަރުބަވީ ތައުލީމާއި ކުދިންގެ އަޚްލާގަށް އަމަޒުކޮށްގެން ހިންގޭ ހަރަކާތްތަކާ ސްކޫލުން ބޭރުގައި ފާހަގަކުރާ އެކި އެކި މުނާސަބަތުތަކަށް ސްކޫލް ބޭނުންވާ އަދަދަކަށް ދީލަތި ކަމާއެކު އެހީތެރިވެފައިވާކަމެވެ.

މައިގަނޑު ގޮތެއްގައި ފަންޑަށް ފައިސާ ހޯދަނީ މަސައްކަތް ދުވަސް ފާހަގަ ކުރުމާއި ޑިނަރނައިޓް ތަކާއި ފުޑްފެއަރ ކަހަލަ މުޅި ރައްޔިތުން ބައިވެރިވުން އޮންނަ ކަންކަން ކޮށްގެންނެވެ. މި ފަދަ ކޮންމެ އިވެންޓެއް ބާއްވަނީ ރޭވުންތެރިކަމާއެކު ކަމަށް ވާތީވެ ފަންޑަށް ބޭނުންވާ ވަރަށް ފައިސާ ހޯދައެވެ. ޕީޓީއޭއަށް ސާބަސް ދޭން ޖެހެނީ އެހެންވެގެންނެވެ. ހަނދާންކުރަންޖެހޭ އަނެއް ކަމަކީ އެފަދަ ކޮންމެ އިވެންޓެއް އެއީ  ރައްޔިތުން  އިންތިޒާރު ކުރެވޭ މުހިއްމު މުނާސަބަތަކަށް ވަނީ ކޮލިޓީ ހުރި އުފެއްދުމަކަށް ވުމެވެ. ކަމެއް ކޮށްލުމުގެގޮތުން ކުރެވޭ ކަމަކަށްވުރެ ބޮޑަށް ޕީޓީއޭ އިން މަސައްކަތް ކޮށްފަ ހުރީ އެންމެ މަތީ ދަރަޖައިގާ އެކަން ކުރުމަށެވެ.

މިސާލަކަށް ޑިނަރ ނައިޓެއް ފާހަގަ ކުރާއިރު ޑިނަރނައިޓަށް ޓިކެޓް ގަންނަނީ ފަންޑަށް ކުރެވޭ ޚައިރާތަކަށް ވާތީ އެކަންޏެއް ނޫނެވެ. އެޑިނަރ ނައިޓްގެ ރަހަތަކާ ޑެކަރޭޝަން އަދި މުޅި މާހައުލުވެސް ހިތްފަސޭހަ ވެފައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ވީއައިޕީ ވާތީއެވެ. މާނައަކީ ކެއުން ތައްޔާރު ކުރުމުގައި އިސްކަން ދީފައި ހުންނަނީ ކޮންމެ މީހަކަށްވެސް މީރުކޮށް ކާލެވޭނެ ހުރިހާ އެއްޗެއް ހިމަނައިގެންނެވެ. ކޮންމެ ކޮންމެ އެއްޗެއް ނުކެވޭނެ މީހުންނާއި ބަލި މީހުން ވެސް އަންނާނެ ކަމަށް ބަލައިގެންނެވެ. ގެއްލެމުން އުވެމުންދާ ދިވެހި ރަހަތަކާއެކު ހުޅަނގާއި އިރުމަތީ ކެއުމުގެ އިތުރުން ސިއްހީ ގޮތުން ފައިދާހުރި ބާވަތްތައްވެސް ހިމަނައިގެންނެވެ. މިހުރިހާ ކަމަކަށް ބަލާއިރު ބުނެވޭނީ ޕީޓީއޭގެ ޑިނަރނައިޓް އެންމެ ވައްތަރުވާނީ ބޭރުގެ އިއްޒަތް ތެރިއެއްގެ ޝަރަފުގައި ސަރުކާރުން ބާއްވާ ރަސްމީ ޖާފަތަކަށެވެ.

ފުޑްފެއަރވެސް ހަމަ މި ގިންތީގައި ފާހަގަ ކުރެވެއެވެ. އެއީ ފުޑްފެއަރ އެއްކަމުގައި ވިޔަސް އެ މަންޒަރު އެއްބަޔަކު ސިފަ ކުރާނީ އާއިލީ ހަވީރެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ބުނާނީ އެއީ ވަރަށް އެކުވެރި މާހައުލެއް ކަމަށާއި އެކަކު އަނެކަކު ފެނިދެނިވެ އެކުވެރިކަމާއެކު ވާހަކަ ދައްކާލެވޭ ހިތް ފަސޭހަ މައިޒާނެއް ކަމުގައެވެ. ފުޑްފެއަރ އިންވެސް އެންމެ އަޅައިގަންނަ ކަމަކަށް އެއް އެންގަލުން ބަލާއިރު ފެންނާނީ ދިވެހި ކާބަފައިކަނބަލުން އީދު ދުވަސްދުވަހާއި އެކި އެކި މުނާސަބަތުތަކަށް ތައްޔާރު ކުރި މީރު ހެދިކާތައް ފެންނަ މައުރަޒެއްގެ ގޮތުގައެވެ. މިހާރުގެ ކުދިންނަށް ރަހަބަލާލުމުގެ ފުރުސަތުވެސް މި ތަނުން ނޫނީ ލިބެން ނުހުންނަ ކަށިކޭލު ފޯއާއި ކަށިކެޔޮ ބަތްޕެނާއި އެކި ވައްތަރުގެ މީރު އަސާރަ ތަކުގެ އިތުރުން ބޮޑު މައުލޫދާ އެކު އުވިގެން ދިޔަ މީރު ރަހަތަކެވެ.

މި ހުރިހާ ކަމެއް އެއްކޮށްލުމުން ދެން ފެންނަ ބޮޑު މަންޒަރު އަދި މާ ރީއްޗެވެ. އަާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުން ބަދަހިވެ އެއް ތަނަކުން ބައްދަލުވެ ޖާފަތް ކުރެވި އިޖްތިމާއީ ގުޅުންތައް ތާޒާ ވަމުން އަންނަ ކަމުގެ އުޚުއްވަތްތެރި ސިފަތަކެވެ.

ޕީޓީއެ ގެ ފަރާތުން ބޭއްވި ފުޑްފެއަރ އެއް.

މި އުފާވެރި މަންޒަރަކީ މިއަދުގެ ސިޔާސީ މަސްރަހާއި އަޅުގަނޑުމެންނާ ބީރައްޓެހި ޑިމޮކްރަސީ ގެނެސްދިން ބަދަލެއް ކަމަކަށް ގަބޫލު ކުރާ ހިތެއް ނުވެއެވެ. މި ބަދަލަކީ ޖަމިއްޔާ އާއި ސްކޫލްގެ މެނޭޖްމަންޓާ ރައްޔިތުންނާ މެދު ރަނގަޅު ގުޅުމެއް ވެސް ގާއިމް ކުރެވިފައިއޮތުމުން އައި ބަދަލެކެވެ. އެހެނީ ޚިޔާލު ތަފާތުވިޔަސް ގަބޫލު ކުރާ ފިކުރު ތަފާތުވިޔަސް ޕީޓީއޭގެ ސަބަބުން ސްކޫލްގެ ބެލެނިވެރިން އެއް އަމާޒަކަށް އެއްއޮޑިއެއްގައި ދަތުރުކުރާ ބަޔަކަށް ވެއްޖެކަމީ ގައިމު ކަމެކެވެ. ސްކޫލްގެ ކަމަކަށް ގޮވާލައިފިނަމަ އެމީހުންތިބެނީ ހޭވައްލާ ތައްޔާރުގައެވެ. ކޮންމެ އިވެންޓެއް ނިމެނީ އަނެއްކާވެސް އިތުރު ކާމިޔާބު ތަކަކާއެކު އެކުވެރިކަމާ އިޖްތިމާއީ ރޫހު އެތައް ގުނައެއް އިތުރުވެގެންނެވެ.

ސްކޫލް މިވަގުތު ހިންގަވަމުން ގެންދަވާ ޕްރިންސިޕަލް އަދި ޕީޓީއޭގެ ރައީސް އަހްމަދު ރަފީއު ޕީޓީއޭ ސިފަ ކުރައްވަނީ ސްކޫލްގެ ފުރާނައިގެ ގޮތުގައެވެ.

“ސްކޫލްގެ އިތުރު ހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ޕީޓީއޭގެ ދައުރު ބޮޑު. އެކި އެކި މުބާރާތް ތަކުގައި ވާދަކުރެވެމުން ދާއިރު ޕީޓީއޭގެ އެހީތެރިކަމާނުލައި ކާމިޔާބުކުރުން ވާނީ ދަތިކަމަކަށް،.” ރަފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޓީއޭ ރަނގަޅަށް ފަންކްޝަން ކުރާ ނަމަ އެތަފާތު ސްކޫލް ތެރެއިން ފެންނަކަމަށާއި ޕީޓީއޭ ރަނގަޅު ގޮތުގައި ހަރަކާތް ތެރިވުމަކީ ސްކޫލަށް އިތުރު ދިރުމެއް ގެނެސްދޭ ކަމެއް ކަމުގައެވެ.

” ޕީޓީއޭގެ ކަންތައްތައް ރޭވުމާ ހިންގުމަކީ ސްކޫލާ ސީދާ ގުޅުން ހުރި ކަމަކަށް ނުވިޔަސް ޕީޓީއޭ އަކީ ސްކޫލްގެ ކަންކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ސްކޫލް ގެ ގުނަވަނެއް ”   ޕީޓީއޭ އަށް ތާރީފު ކުރަމުން ރަފީއު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ވަރަށް އަވަހަށް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ސްކޫލް ފުޓްބޯޅަ ޓީމް މާލެ ފުރާނެ ކަމަށާއި މި މުބާރާތަށް ޕީޓީއޭގެ އެހީތެރިކަމަށް ނޭދުނު ކަމަށް ވިޔަސް އަންނަ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތަށް ޕީޓީއޭގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީން ކަން ބޮޑު ކަމުގައެވެ.

މިދުވަސްވަރަކީ ޕީޓީއޭގެ ހިންގާކޮމިޓިއަށް ބާރުބޮޑު ދުވަސް ކޮޅެކެވެ. ސްކޫލްގެ 40ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ޕީޓީއޭ ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.  އަހަރީ ދުވަހުގެ ތައްޔާރީ ތަކާ ބެހޭ ގޮތުން މި ދައުރުގެ ނާއިބު ރައީސް ނާޒްނީން ޔޫސުފް ވިދާޅުވީ ސްކޫލަށް 40 އަހަރު ފުރޭ މުނާސަބާ ވަރަށް ބޮޑަށް ކުލަ ގަދަކުރަން ޕީޓީއޭ ބޭނުންވާކަމަށާއި މިހާރު ތައްޔާރީތައް ސްކޫލާ ގުޅިގެން ބާރަށް އެބަ ދާކަމުގައެވެ.

“އަޅުގަނޑުމެން ގަސްދުކުރަން ވަރަށް ކުލަގަދަކޮށް މި މުނާސަބާ ފާހަގަ ކުރަން. އެގޮތުން ބެލެނިވެރިން ބައިވެރިވާ މުބާރާތް ތަކެއް އަހަރީދުވަހާ ގުޅިގެން އެބަ އިންތިޒާމުކުރަން .އޭގެ ތެރޭގައި ބޯކިބާ އެޅުމުގެ މުބާރާތަކާއި ދެޖިންސް ވަކިން ބާއްވާ ފެތުމުގެ މުބާރާތެއްގެ އިތުރުން ނެޓްބޯޅަ މުބާރާތެއްވެސް ބާއްވާނެ. ” ނާއިބު ރައީސާ ވިދާޅުވިއެވެ.

ނާޒް ވިދާޅުވީ މި ނޫން އިތުރު ކަންކަންވެސް ކުރަން ރޭވެމުން ދާކަމުގައެވެ.

ނާޒް ވިދާޅުވީ ޕޓީއޭ އަކީ މުޅި އޭދަފުށި ތަމްސީލް ކުރާ ޖަމާއަތަކަށް ވެފައި މި ޖަމާއަތް ކާމިޔާބު ކަމާއެކު މިހާ ހިސާބަށް އައިސްފައިވަނީ އޭދަފުށީ އަންހެނުންގެ އެއްބައިވަންތަކަމުން ކަމަށެވެ. ސްކޫލްގެ ނުވަތަ ޕީޓީއޭގެ ކަމަކަށް ގޮވާލެވޭ ކޮންމެ ފަހަރަކު އެދެއްވާ ތަރުހީބަކީ އެކަން ޝުކުރު ވެރިކަމާއެކު ބަލައިގަންނަ ކަމެއް. “ކުރިން ސްކޫލް ބޯޑްގެ ޗެއަރޕާސަން ކަންވެސް ކުރައްވާފައިވާ މިދައުރުގެ ނާއިބު ރައީސް، ނާޒް ވިދާޅުވިއެވެ.

ނާޒް ވިދާޅުވީ މި އަހަރުވެސް ޕީޓީއޭއިން ގިނަ ހަރަކާތް ތަކެއް ހިންގާނެ ކަމަށެވެ. ” އެހެން ނަމަވެސް އަދި ކަލަންޑަރު ހަމަނުޖެހޭތީވެ ތަފްސީލަކަށް ދިއުން ތަންކޮޅެއް އުނދަގޫ. ” ނާޒް ވިދާޅުވިއެވެ.

ނާޒް ވަނީ ޕީޓީއޭ ހިންގުމުގެ ތަޖްރިބާ މީގެ ކުރިން ވެސް ހޯއްދަވާފައެވެ. އެހެންކަމުން މިދައުރުވެގެންދާނީ ކުރީގެ ދައުރުތަކަށްވުރެ ބޮޑެތި ކާމިޔާބުތަކެއް ހޯދާނެ އަހަރެއް ކަމުގައި ބަލަމާ ހިނގާށެވެ.

އޭނާއަށް އެހީތެރިވުމަށް އޮތް ހިންގާ ކޮމިޓީގައި ކުރީ އަހަރުގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ހިމެނިފައިވާތީ އެ މެންބަރުންގެ މުއްސަދި ތަޖްރިބާ އާއެކު ގިނަ ކަންތައްތަކެއް ކުރެވިދާނެ ފަދަ ގާބީލް ޓީމެއް ކަމަށް ބެލެވިދާނެއެވެ.

ފަހު ބަހެއްގެ ގޮތުން އޭނާ ވިދާޅުވިއެވެ. ” ބޭނުންވަނީ ސްކޫލް ދަރިވަރުން ސްކޫލް ދޫކޮށްލާފައި ނުކުންނައިރު އެކުދިންގެ ތައުލީމާ އެއްވަރަށް ތަރުބަވީ ތައުލީމުވެސް ލިބިފައިވާ އަގުހުރި ދަރިންތަކަކަށް ހެދުން. ”

ޕީޓީއޭގެ އެންމެ މުހިއްމު އަމާޒަކީ އެއީކަމަށް ނާޒް ވިދާޅިވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top