މަގުހެދުމުގެ މަސައްކަތެއް ނުހުއްޓޭ. އަންނަހަފްތާގައި ހޮޅިތައް ލިބޭނެ: ސައިޓް މެނޭޖަރ

DSCN0616.jpg

އޭދަފުށިގެ ބޮޑެތި މަގުތަކުގައި ތާރު އަލައިގެން ހެދުމުގެ އަމަލީމަސައްކަތް ފަށާފައިވަނީ އޮކްޓޯބަރ 30ގައި .

އޭދަފުށީގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާފައިވާ މަޝްރޫއު މެދުނުކެނޑި ކުރިއަށް ދާކަމަށް މިމަސައްކަތް ކުރަމުން ގެންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ ) ގެ އޭދަފުށީ ސައިޓްގެ މެނޭޖަރ އަހްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.

މަގުހެދުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް ރަށުތެރޭގައި ދެކެވޭވާހަކަ ދޮގުކުރައްވަމުން ބަޝީރު ވިދާޅުވީ މީގެ ދެތިން ދުވަސްކުރިން އެންމެ ދުވަހަކު މަސައްކަތް މެދު ކެނޑުނުކަމަށާއި އެއީ މެޝިނަކަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމުގައެވެ. އެހެންނަމަވެސް އެކަން ހަމަ އެދުވަހު ހައްލުކޮށް އަނެއްދުވަހު މަސައްކަތް ފަށާފައިިވާކަމަށް އޭނާ ވިދާޅުވިއެވެ.

” މަގުތަކުގައި ވަޅުލާ ކާނުތައް މިވަގުތު ހުސްވެފައި ހުރުމުގެ ސަބަބުން މިހާރު ކުރެވެމުންދަނީ އަލަށް ހަދާ މަގުތަކުގެ މެދުގައި ހައްދާފައިހުރި ގަސްތައް ކެނޑުންފަދަ މަސައްކަތް. އަޅުގަނޑުމެން މި ރެޑީވަނީ ކާނުތައް އަންނަންވާއިރަށް ވަގުތުން ކާނުތައް ވަޅުލުމުގެ މަސައްކަތް ފެށުމަށް. އަންނަހަފްތާގައި ކާނުތަކާއެކު ކާނުތަކާ ގުޅާ ހޮޅިތައްވެސް އަންނާނެ. އޭރުން ކާނުތަކާއެކު ހޮޅިތަކާ އަދި މަގުތަކުގައި ވަޅުލާފައިވާ ކޭބަލްތައްވެސް އަލުން ރީ ޑިޒައިން އާ އެއްކޮށް ވަޅުލެވެމުން ދާނެ. ” މަސައްކަތްކުރިއަށް ދާގޮތާބެހޭ މައުލޫމާތު އީވީއަށް ދެމުން ބަޝީރު ވިދާޅުވިއެވެ.

އޭދަފުށީގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގައި ތާރުއަޅައިގެން ހަދާ 15މަގު އެއް އަހަރުދުވަހުގެ ތެރޭގައި ހަދާ ނިންމާގޮތަށް ހައުސިންމިނިސްޓްރީއާއި އެކު އެމްއާރްޑީސީ ސޮއިކޮށްފައިވަނީ ޖޫން 2015 ގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު