ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށިތާ ފަސްއަހަރުވުމުގެ މުނާސަބާގައި ރޭ ދަރުބާރުގޭގައި ބޭއްވި ލާމަރުކަޒީ ދުވަހުގެ ޖަލްސާގައި ކޮންމެ އަތޮޅަކުން ހިންގުންތެރިކަމަށް ހޮވުނު ކައުންސިލްތަކުގެ ތެރެއިން ބ. އަތޮޅުން ހޮވިފައިވަނީ އޭދަފުށީ ކައުންސިލެވެ.
އޭދަފުށީ ކައުންސިލަށް މަރްހަބާއެވެ. ވަރަށް އުފާވެރި އިހްސާސެކެވެ. ރަށަށްލިބުނު ޝަރަފެކެވެ. އެކަމަކު މި ޝަރަފާ މި އުފާވެރި އިހްސާސްތަކާއެކު މިއީ ކައުންސިލަށް ލިބުނު ކުއްލި ހައިރާންކަމަކަށް ނުވާނެބާއެވެ؟ ކަންހިނގާ ނުހިގާގޮތް ބަލައި ވިސްނާ ފިކުރުކުރާ މީހުންނަށް ލިބުނު ޝޮކަކަށް ނުވާނެބާއެވެ. އެންމެ ހިންގުންތެރި ދިހަ ކައުންސިލަށް ދޭ “ކަންގަތިއެވޯޑް” ނުލިބުނުކަމުގައިވިޔަސް އަތޮޅުތަކުގެ ކެޓަގަރީން ބ. އަތޮޅުން އެންމެ ރަނގަޅަށް ހިންގިފައިވާ ރަށަކަށް އޭދަފުށި ވެއްޖެތާއެވެ.
އޭގެ މާނައަކީ ބ. އަތޮޅުގެ އެހެންރަށްރަށުގެ ކައުންސިލްތައް އޮތީ އޭދަފުށްޓަށްވުރެ ދަށުގައެވެ.
އެންމެ ހިންގުންތެރި ކައުންސިލްގެ މަގާމަށް ބ. އަތޮޅުން އޭދަފުށި ހޮވުމުގެ މާނައަކީ އަތޮޅުގެ އެހެންރަށް ރަށަށްވުރެ އޭދަފުށީގެ ހިންގުން ރަނގަޅުވުމެވެ. ތަރައްގީގެ ކަންކަމުގައި ކޮށްފައިވާ ކަންކަން ގިނަވުމެވެ. ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާވުމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަތޮޅުން އެންމެ ރަނގަޅު ރަށަކަށް އޭދަފުށި ވެގެން ދިއުމެވެ.
އެކަމަކު ކަންތައް ހިނގާދިޔައީ މިހެންބާއެވެ. އަތޮޅުގެ އެހެން ރަށްރަށާ އަޅާ ބަލާއިރު އޭދަފުށި އޮތީ ހަގީގަތުގައިވެސް އެހެން ރަށަރަށަށް ގޮންޖަހާލެވޭ މަގާމެއްގައި ބާއެވެ. ޔަގީންކޮފައި ބުނަން ކެރިދާނެއެވެ. އަތޮޅުގެ ރަށްރަށް ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގާފައިވަނީ އޭދަފުށްޓަށްވުރެ މާބޮޑުތަން ރަނގަޅަށެވެ. ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދީފިއެވެ. ރައްޔިތުންގެ ލޯބި ހޯދައިފިއެވެ. ކުލައަކަށް ބެލުމެއްނެތި ވާޖިބާ ޚިދުމަތަށް ބަލައިގެން މަސައްކަތްކޮށް އެރަށްރަށް ވަނީ އޭދަފުޢްޓަށްވުރެ މާކުރީގައެވެ. އެކަން ލޯކަލް ގަވަރންމަންޓް އޮތޯރީޓީން ފާހަގަކޮށް އެކައުންސިލް ތަކަށް އެލްޖީއޭގެ ރައީސް ހިތްވަރުދެއްވާފައިވެސް އެބަހުއްޓެވެ.
އޭދަފުށި ކައުންސިލުގެ މި ދައުރުގައި ރައްޔިތުންނާ ގުޅުންހުރި އެއްވެސް ކަމެއް ކުރެވިފައިވާނަމަ އެކަމުގައިވެސް ރައްޔިތުންގެ ކަންބޮޑުވުމާއި ޝައްކު އިންތިހާ ދަރަޖައަށް އެބައޮތެވެ. މިދެންނެވީ މީހެއްގެ ބިމެއްގައި އިމާރާތެއް އެޅިވާހަކައާއި ފެރީޓާމިނަލްގެ ވާހަކައެވެ.
ނުކުރެވި ހުރި ކަންތައް ނުވަތަ އެކަންކަން ނުކުރުމުން ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އިޖްތިމާއީ އަދާލަތާއި އެކުވެރިކަން ނެތިގެންދިއުމުގެ ބިރު މިއަދުވަނީ އިހްސާސްކުރަންޖެހިފައެވެ. މިދެންނެވީ ހަމަހަމަކަމާއެކު އެންމެންނަށް އެއްހަމައެއްގައި ކަންތައްތައް ނުކުރާ ވާހަކައެވެ.
ކުޑަކުޑަ އެހެން މިސާލެކެވެ. ލާމަރުކަޒީ ގާނޫނުގެ 110ވަނަ މާއްދާ ބުނާ ގޮތުން ކައުންސިލްގެ ފަރާތުން ކޮންމެ އަހަރަކު ފެބްރުއަރީމަސް ހުސްވުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ކައުންސިލްގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް އަދި އަހަރުދުވަހު ކުރަން ރާވާފައި ހުރިކަންތައްތަކާ ވޭތުވެދިޔަ އަހަރު ކުރެވުނު ކަންތައްތަކުގެ ރިޕޯޓް ހުށަހަޅަން ޖެހެއެވެ. އެކަމަކު ފެބްރުއަރީމަސް ހުސްވިއިރުވެސް އަދި ރައްޔިތުންނާ ބައްދަލުކުރެވިފައެއް ނުވެއެވެ. މިދިޔަ އަހަރުވެސް މި ރިޕޯޓްތައް ހުށަހެޅުމަށް ރައްޔިތުންނާ ބައްދަލުކޮށްފައިވަނީ މުއްދަތުފާއިތުވެ އެތައް ދުވަހެއްވެދިޔަ ފަހުންނެވެ.
އެންމެ ރަނގަޅެވެ. އޭދަފުށި އަތޮޅުން އެއްވަނައަށް އައުމަށް ކުރި މަސައްކަތެއްވެސް އޮންނަންވާނެއެވެ. ރައްޔިތުންނަށް ކޮށްދެވުނު ކަމެއްވެސް ނުވަތަ ކަންތައްތަކެއްވެސް އޮންނަންވާނެއެވެ. ނޫނީ ލާމަރުކަޒީ ގާނޫނުބުނާ ގޮތަށް ރައްޔިތުންނާގުޅުން ހުރި ކަންކަމާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަމަށް އަމަލުކުރެވިފައިވަނީ ކިހާ މިންވަރަކަށްކަންވެސް ބަލައިލާން ޖެހޭނެތާއެވެ.
ނޭނގިގެން މިއުޅެނީ އެކަންތަކެވެ.
ޔަގީންވާކަމަކީ ލާމަރުކަޒީ ނިޒާމު ތައާރަފްވެ އޭދަފުށީ ކައުންސިލުގެ އަތްމައްޗަށް ރަށް ދިއުމުން ރަށުގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ހިނގައްޖެކަމެވެ. މިއީ މިނިޒާމުގެ މައްސަލައެއްނޫނެވެ. މިއީ އަޅުގަނޑުމެންގެ މައްސަލައެކެވެ. ލާއިގުނޫން ނުވަތަ ޒިންމާދާރުކަމެއްނެތް ޒިންމާ ނަގަން ނޭނގޭ ބައެއްގެ މައްޗަށް ރަށް ހިންގަން ހަވާލުކުރުމުން ލިބުނު ލަނޑެކެވެ.
މިއަދުގެ ހަގީގަތަކީ ރައްޔިތުންނާ ވެރިންނަކީ ކިރާ ހަކުރު ފަދައިން ގުޅިފައިވާންޖެހޭ ބައެއްކަމުގައި ވިޔަސް ތެލާ ފެން ފަދައިން ގުޅުމެއްނެތް ދޭއްޗަކަށް ވުމެވެ. މިކަން މިގޮތަށް މެދުވެރިވީ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުންގެ ފެންވަރަށް ނުބަލައި އޭގައި ސިޔާސީ ކުލަޖެއްސުމުންނެވެ.
މި ހުރިހާ ކަމެއް ހުރުމާއެކުވެސް އޭދަފުށި ކައުންސިލް މިވަނީ އަތޮޅުން އެންމެ ރަނގަޅަށް މަސައްކަތްކުރި ކައުންސިލްގެ ގޮތުގައި ހޮވިފައެވެ. ދެން އުފެދޭ ސުވާލަކީ އެލްޖީއޭއިން ކައުންސިލްތަކުގެ ޕާފޯމަންސް ، ރޭންކް ކޮށްފައިވަނީ އެކައުންސިލަކުން ދީފައިވާ ހަމައެކަނި މައުލޫމާތަށް ބަލައިގެން ކަމުގައިވާނަމަ އޭގައި ތެދު ހުރީ ކިހާވަރަކަށް ތޯއެވެ. އެކަން ބެލުމަށް އޮތް ފަސޭހަ މަގެއްކަމުގައިވާ އަތޮޅު ކައުންސިލް މެދުވެރި އަކަށް ނުހަދައި ސީދާ ރަށު ކައުންސިލުންދޭ މައުލޫމާތުގެ މައްޗަށް ބުރަވުމަކީ އެންމެ އިންސާފުވެރި ގޮތްބާއެވެ. ލޯކަލް ކައުންސިލްގެ މި ނަތީޖާތަކާމެދު ހިތްހަމަނުޖެހިގެން މިއަދު ސޯޝަލް މީޑިއާގައިވެސް އެކަމާ ބަހުސްކުރެވެމުން އެބަދެއެވެ.
އޭދަފުށީ ކައުންސިލަށް މަރްހަބާ ދަންނަވަމެވެ. ތިޔަ ލިބުނު ކާމިޔާބަކީ ކައުންސިލް ހަރަކާތްތެރި ވުމަށް ލިބުނު އާ ބާރެއްކަމުގައި ދެކެމުއެވެ. އެބާރުގެ ބޭނުންކޮށްގެން އަންނަ އަހަރު މުޅި ރާއްޖެއިން ހޮވާލެވޭ އެންމެ ރަނގަޅު ކައުންސިލްގެ ގޮތުގައިވެ “ކަންގަތިއެވޯޑް” އެއީ އަމާޒުކަމުގައި ހައްދަވާށެވެ.
ކިޔުންތެރިންގެ ޚިޔާލު