ބ. އަތޮޅުގެ 3 ޒުވާނުން 101 ކިލޯގެ ބޮޑު ކަންނެއްޔެއް ބާނައިފި އެވެ.
އާންމުކޮށް އަތޮޅުގެ އެތެރެވަރިން ފެންނަ ވަރަށްވުރެ މާ ބޮޑު މި ކަންނެލި ޓްރޮލް ކޮށްގެން ބޭނުމަށް ގާތްގަޑަކަށް ސާޅީހަކަށް މިނެޓު ހޭދަވި ކަމަށް އެ ޒުވާނުން މައުލޫމާތު ދިނެވެ. އެމީހުން ބުނާ ގޮތުގައި މިހާ ބޮޑެތި ކަންނެލި އާންމުކޮށް ބާނަނީ އަތޮޅުން ބޭރުން 40 ނުވަތަ 60 މޭލު ދުރުންނެވެ. ނަމަވެސް މި ދުވަސްވަރަކީ ބ. އަތޮޅަށް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދުވަސްވަރަކަށް ވުމާއެކު، އަތޮޅުގެ ކައިރި ސަރަހައްދު ތަކުން ވެސް މިފަދަ ބޮޑެތި މަސް ފެންނަމުންދާ ކަމަށް މަސްވެރިން މައުލޫމާތު ދެއެވެ.
މިއަހަރަކީ ބ. އަތޮޅުގައި ކަންނެލި މޫސުން އާދަޔާ ހިލާފަށް ދިގުލައިގެން ގޮސްފައިވާ އަހަރެކެވެ. އާންމުކޮށް މި މޫސުމުގައި ކަންނެލި އެންމެ ގިނައިން ބާނަނީ ގޮއިދޫ ކައިރިނެވެ. މިއާއިއެކު، އެ އަތޮޅުގެ ޒުވާނުން މި ދުވަސްވަރު ކުރަމުންދާ މަސްވެރިކަމުގައި ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.
މީގެ ކުރިން ބ. ފެހެންދޫގެ ޒުވާނުން ތަކެއްވެސް ވަނީ މި ބަރުދަނުގެ ކަންނެއްޔެއް ބާނައިފައެވެ. މިއީ މި ދުވަސްވަރު ބ. އަތޮޅުގެ ޒުވާނުން ބޭނި މިފަދަ ދެވަނަ ބޮޑު ކަންނެއްޔެވެ.







