ރައްޔިތުންގެ އަޑު: ބޭންކް ޚިދްމަތަށް ކިޔޫ ހަދައިގެން އަވީގައި ތިބުންނޫންގޮތެއް ނެތީތޯ؟

IMG_20170202_111312.jpg

ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގެ ޚިދްމަތަށް ގޮސްތިބި ބަޔަކު އެބްރާންޗްގެ ބޭރުގައި މަޑުކޮށްލައިގެން / އީވީ ފޮޓޯ: ޕްރިންސް ނަވާ

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭދަފުށީ ބްރާންޗަށެވެ.

ސުވާލު: ބ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަތޮޅަކަށް ވާތީ، ތިޔަބޭންކުން ޚިދްމަތް ހޯދަން އަންނަ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ. ނަމަވެސް ބޭންކްގެ ހިދްމަތް އިތުރަށް ފުޅާކުރުމަށް އިތުރު މަސައްކަތެއް ކުރާތަނެއް ނުފެނޭ. ޚާއްސަގޮތެއްގައި ތިޔަ ބޭންކުގެ ޚިދްމަތަށް ދާމީހުން އިމާރާތުން ބޭރުގައި އަވީގައި ކިއު ހަދައިގެންނާއި، ބޮޑިވެގެން ތިބޭތަން ފެނެއެވެ. އެކަން ހައްލުކުރުމަށް އެއްވެސް ކަމެއް ކުރިޔަށް ރާވާފައިވޭތޯ؟

ޖަވާބު: ބ. އޭދަފުއްޓަށް ބޭންކްގެ ފަރާތުން ދެމުންގެންދާ އަހައްމިއްޔަތު މިބޭންކުގެ ފަރާތުން ބ. އޭދަފުށި ބްރާންޗް ޒަމާނީ ފެންވަރުގެ އާ އިމާރާތަކަށް ބަދަލުކޮށް 24 ގަޑިއިރު ޚިދްމަތްދެވޭ ސެލްފް ސާވިސް ބޭންކިންގެ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ އިންވެސްޓްމެންޓުންވެސް ހާމަވެގެންދާނެއެވެ. މީގެ އިތުރުން މިބޭންކްގެ ޚިދްމަތް އަތޮޅުގައި ފުޅާކުރުމުގެ ގޮތުން މިއަހަރުގެ 2 ވަނަ ކުއާޓާގައި، 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމުގެ ހިދްމަތްދެވޭ އޭޓީއެމްއެއް ބ. ދަރަވަންދޫ އެއާޕޯޓްގައި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ބ. ދަރަވަންދޫ ރައްޔިތުންގެ އިތުރުން ބ. ދަރަވަންދޫއިން އޭދަފުއްޓާއި، އަތޮޅުގެ އެހެނިހެން ރަށްތަކަށް ދަތުރުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުން ބްރާންޗްގެ ޚިދްމަތް ހޯދުމަށް އެއްވަގުތެއްގައި އައުމުން ޚާއްސަގޮތެއްގައި މަހުގެ މުސާރަދެވޭ ދުވަސްވަރު ބްރާންޗްގައި ޚިދްމަތް ހޯދާމީހުންގެ ކިއު ދިގުވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް މިފަދަ ދުވަތަކުގައި ދެވޭ ޚިދްމަތަށް ބުރޫ އެރިޔަ ނުދިނުމުގެ ގޮތުން ބޭންކްގެ ފަރާތުން ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދަމެވެ. އެގޮތުން އެދުވަސްތަކުގައި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ އަދަދު މަދުކުރުމާއި، އަތޮޅުގެ އެހެންރަށްތަކަށް ކުރާ ދޯނި ބޭންކިން ދަތުރުތައްވެސް މިދުވަސްތަކާ ދިމާކޮށް މަޑުޖައްސާލުން ހިމެނެއެވެ. އަދި މިގޮތަށް ކަސްޓަމަރުން ގިނަވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ބައެއްފަހަރު ދިމާވާ ދަތިތަކަށް އިތުރު ބުރައެއް ލިބިގެންދަނީ މިވަގުތު ޚިދުމަތް ދެމުންގެންދާ ބްރާންޗްގެ ޖާގައިގެ ދަތިކަމުގެ ސަބަބުންކަމުގައި ވެދާނެއެވެ. މިހާރު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު އިމާރާތަކީ އެއިމާރާތް ޑިޒައިންކޮށް ކުރެހިއިރު މިކަންކަމަށް ސަމާލުކަން ދެވިގެން ޑިޒައިން ކުރެވިފައިވާ އިމާރާތެއްކަން ފާހަގަކުރަމެވެ. އައު އިމާރާތުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ކޮންޓްރެކްޓް ކުރުމާ ހަމައަށް އާދެވިފައެވެ. އަދި ސެލްފް ސާވިސް ބޭންކިންގެ ހިދްމަތް ދެވެން ފެށުމުގެ ސަބަބުން ކަސްޓަމަރުން ބޭނުންވަގުތަކު ކިއުގައި މަޑުނުކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދްމަތް ލިބިގެންދާނޭ ވާހަކަވެސް މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ޖަވާބުދެއްވީ: ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ޝަރީފް.

ރައްޔިތުންގެ އަޑު މި ކޮލަމަށް ސުވާލެއް ފޮނުއްވަން ބޭނުންފުޅުނަމަ މެއިލް ކުރައްވާނީ: [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top