މަގުތައް ހެދުމުގެ މަސައްކަތް ލަސްވަނީ ވެހިކަލްއާއި، މުވައްޒަފުން މަދުކަމުން – ސައިޓް މެނޭޖަރ

DSC_2199.jpg

އޭދަފުށީ މަގުހެދުމުގެ މަސައްކަތް ކުރަނީ. މަސައްކަތުގެ ސްޕީޑް ދަށްވެފައިވަނީ ވެހިކަލްއާއި، މީހުން މަދުކަމުންކަމަށް އެމްއާރުޑިސީ ސައިޓް އޮފީހުން ބުނޭ / އީވީ ފޮޓޯ: ސައިނޯސާ ރާއީ

އޭދަފުށީގެ މަގުތަކުގައި ތާރުއެޅުމަށް ކުރަމުންދާ މަސައްކަތުގެ ސްޕީޑް ދަށްވެފައިވަނީ މަސައްކަތަށް އެކަށީގެންވާ ވެހިކަލާއި، މުވައްޒަފުން ނެތުމުގެ ސަބަބުންކަމަށް އެމްއާރުޑީސީ އޭދަފުށީ ސައިޓް މެނޭޖަރ ވިދާޅުވެއްޖެއެވެ.

އެމްއާރުޑީސީ ސައިޓް މެނޭޖަރ އަހްމަދު ބަޝީރު އީވީއަށް ބުރާސްފަތިދުވަހު ވިދާޅުވީ މަސައްކަތް އަވަސް ސްޕީޑްގައި ކުރިޔަށްގެންދަށް އެއޮފީހުން ބޭނުންވާ ކަމަށާ، ނަމަވެސް މިވަގުތު އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިނެތްކަމަށެވެ. އޭނާ ވިދާޅުވީ މަގު ކޮނުމަށް ބޭނުންކުރާ ހައިމާކެއް ނެތުމުން މަގުތައް ކޮންނަމުންދަނީ އުދައްޔާ ފަކީރާ ބޭނުން ކޮށްގެންކަމަށާ، ލޭބަރުންގެ އަދަދުވެސް މާމަދީ ކަމަށެވެ.

“ކުރިން ތިބި 10 ލޭބަރުން. މިހާރު އެތިބީ 7، އެމީހުން ލައްވާ މަގުތައް މިކޮނުވަނީ. ދެން ވިސްނާބައްލަވާ މަސައްކަތުގެ ސްޕީޑް ހުންނާނެވަރު. ހައިމާކެއް އޮންނަނަމަ މާބޮޑަށްވެސް އަވަސް ވީސް. އެކަމަށް މަސައްކަތްވެސް ކުރަން. އެކަމަކު އަދިވެސް ހެޑްއޮފީހުން އެކަން ހަމަނުޖެހިގެން މިދަނީ” ބަޝީރު ވިދާޅުވިއެވެ.

އެމްއާރުޑިސީ އޭދަފުށީ ސައިޓް މެނޭޖަރ އީވީއަށް އިންޓަވައު ދެނީ / އީވީ ފައިލް ފޮޓޯ

މަގުހެދުމުގެ މަސައްކަތުގައި އޭދަފުށީގައި މިހާރު ކުރިޔަށްދަނީ ރަށުގެ އެންމެބޮޑުމަގު ރޯޝަނީ މަގުގައި ފެންހިންދާއާ، ހޮޅި ވަޅުލުމުގެ މަސައްކަތެވެ. ބަޝީރު ވިދާޅުވީ ރޯޝަނީމަގު ކޮނުމުގައިވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށާ، އެކަންކަމާހުރެވެސް މަސައްކަތް ކުރިއަށް ގެންދިއުމަށް ބްރެކް ޖެހޭގޮތްވާކަމަށެވެ.

“މިހާރު މިވާގޮތަކީ ކުރިން ރަށުގެ ގޭގެއިން ބޭނުންކުރި ނަޖިސް ޖަންކްޝަންތައް އެބަހުރޭ ވަރަށްގިނަ ހިސާބުތަކުގައި. ދެން އެކަހަލަ ބޮޑެތި ޖަންކްޝަންތައްވެސް ކޮންނަމުންދާއިރު ސީދާ ނަގަން މިޖެހެނީ. ވަރަށް ގޮންޖެހުން ބޮޑުކަމެއް އެއީވެސް. އެކަމަށްވެސް އެތައް ވަގުތެއް އެބަ ހޭދަކުރެވޭ”

ބަޝީރު ވިދާޅުވީ މިމައްސަލަތައް ހައްލުކޮށް މަސައްކަތް އަވަސްކުރުމަށް އޭދަފުށީ ސައިޓް އޮފީހުން މަސައްކަތް ކުރާކަމަށާ، ހެޑްއޮފީހުންވެސް މިކަންކަން ބައްލަވަމުންދާކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ އެސްލޯނު ހޮޅިއާ، ޖަންކްޝަންފަދަ ތަކެތި މަދުނުވާވަރަށް ސައިޓަށް ޖަމާކުރެވިފައިވާކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

އޭދަފުށީގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހެދުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގެ 15މަގު އެއް އަހަރުދުވަހުގެ ތެރޭގައި ހަދާ ނިންމާގޮތަށް ހައުސިން މިނިސްޓްރީއާއި އެކު އެމްއާރްޑީސީ ސޮއިކޮށްފައިވަނީ ޖޫން 2015 ގައެވެ. އެއްއަހަރު ނިމުނުފަހުން މިމަސައްކަތް އެމްއާރުޑީސީން ފެށީ 30 ސެޕްޓެމްބަރ 2016 ދުވަހުއެވެ. މިދިޔަ ނޮވެމްބަރ މަހު އެމްއާރުޑީސީގެ އޭރުގެ އެމްޑީ އަބްދުއްރައްޒާގް ހަލީމް ވިދާޅުވެފައިވަނީ އޭދަފުށްޓާއެކު މަގު ހެދުމުގެ މަސައްކަތް ފަށާފައިވާ 10 ރަށުގެ މަސައްކަތްވެސް މިއަހަރު މާރޗްމަހުގެ ނިޔަލަށް މުޅިން ނިމޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top