ގަދަ މީހުން: އަބްދުލް ބާސިތުގެ ރަންއަޑު

DSCN1971.jpg

ބާސިތު އޭދަފުށީ ވޮއިސް އަށް އިންޓަވިއު ދެނީ. ފޮޓޯ: އަބްދުލްޤައްޔޫމް - އޭދަފުށީ ވޮއިސް

ގައްޔޫމްނަސީރު

ބާސިތުގެ އަޑަކީ ޖާދޫއެކެވެ. އެއަޑު އިވުމުން ހިތުގެ އެންމެ ހިމަ ނާރުތަކާވެސް ކުޅެލައެވެ. ކީރިތި ޤުރުއާން ކިޔެވުމުގައި އެހުންނަ ފަސާހާތް ތެރިކަމާއި ބަލާޣާތްތެރި ކަން ހިތަށް ވަދެ އެހިތަށް ހަމަޖެހުން ގެނެސްދޭނެ އަޑަށް ވުރެ އަހާލަން ބޭނުން އެހެން އަޑެއް އޮންނާނެ ހެއްޔެވެ.

އިޝާ ނަމާދަށް އެރޭ ދެވުނީ ޖަމާއަތް ފެށި ތަނާއެވެ. އޭދަފުށީ ބޮޑު މިސްކިތެވެ. ނަމާދު ކުރަނީ ނުދަންނަ ބީރައްޓެހި އަޑެއްގެ ވެރިއެކެވެ. ހިތްގައިމު ރީތި އަޑެކެވެ. އެއަށް ވުރެ ރީތިވީ އޭނާ ކިޔަވަމުން ދާ ރާގެވެ. އެރާގުން ކީރިތި ޤުރްއާނުގެ ބަލާޣާތްތެރި ކަމާއި ބަސްތައް ގެތި އެމުނިފައިވާ ފުރިހަމަކަމާއި ކުޅަދުންވަންތަ ކަން ހާމަކޮށްދެމުން ދިޔައެވެ.

ހިތަށް އެރިއެވެ. އޭދަފުށީގައި ހާދަހާ ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ ޤާރީން އެބަތިއްބެވެ. ނަމަވެސް މި ޤާރީން ކޮބައި ހެއްޔެވެ. ބޮޑެތިވަމުން އަންނަ ދަރިންނަށް މި ގޮތަށް ކިޔަވަން ދަސްކޮށް ނުދެނީ ކީއްވެގެން ހެއްޔެވެ. ކޮން ބައެއްގެ އިހުމާލެއް ހެއްޔެވެ.

ނަމާދުކޮށް ނިމިގެން މިސްކިތުން ނުކުމެގެން ދިޔައިރުވެސް މި ސުވާލު ހިތުތެރޭގައި އެނބުރެއެވެ.

އެއީ އޭދަފުށީ މީހެއް ނޫނެވެ. އޭދަފުށީ މީހަކާ އިނދެގެން އޭދަފުށީގައި ދިރިއުޅޭ ފ. ދަރަނބޫދޫ އަބްދުލް ބާސިތު އިބްރާހީމެވެ. ސާނަވީ ތައުލީމު ނިންމީ އޭދަފުށީގައި ހުންނަ ބ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ވަޒީފާ އަދާކުރަނީ ރިސޯޓެއްގައެވެ. އެހެންވެ އެއަޑު ނީވެނީއެވެ.

ގޮނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް ކަމަށް ބުނެ އުޅެއެވެ. ފޮއްޓެއްގައި ކިތަންމެ ވަރަކަށް ފޮރުވައިގެން އުޅުނަސް ގޮމަކަސްތޫރި ވަސް ސިއްރެއް ނުވާނެއެ ބުނެ އުޅެ އުސޫލުން ބާސިތަށް ވެސް ދިމާވީ އެގޮތެވެ.

”ﷲ އަށް ހަމްދު ކުރަން. މީގެ އަށެއްކަ އަހަރު ކުރީގެ ރޯދަމަހެއް އެއީ. ވަޒީފާ އަދާކުރަނީ ސޮނެވާގައި. މިރަށު ބޮޑު މިސްކިތުގެ ސައުންޑް ސިސްޓަމްގައި މައްސަލަ ޖެހިގެން އެކަން ހައްލު ކުރުމަށް ސޮނެވާއިން އައި ޓެކްނީޝަން ގެ އެހީތެރިއަކަށް އައިސް މައިކް ޓެސްޓް ކުރުމުގެ ތެރޭގައި އަޑު އިވިގެން ދިޔައީ. “ ސޮނެވާފުށީގެ ސްޓޯރ ކީޕަރުގެ ވަޒީފާގައި ހުރި ބާސިތު ބުންޏެވެ.

އެއަޑު އެދުވަހު އޭނާގެ އެންމެ ގާތުގައި ހުންނެވި ރަށު ކައުންސިލުގެ ރައީސަށް މާބޮޑަށް ކަމުދިޔައީއެވެ.

”ދުވަސް ކޮޅެއްގެ ފަހުން ކުޑަ މިސްކިތުގެ އިމާމު ޗުއްޓީ ނެގުމާ ގުޅިގެން މިސްކިތާ ހަވާލުވީ ކައުންސިލްގެ ރައީސް. ދެން އޭރުގަ އޭނަ ވަރަށް ގިނައިން ގުޅައިގެން ގެންދާނެ ނަމާދު ކުރަން. އެހެންވެ އެދުވަސްވަރު މީހުންނަށް އަޅުގަނޑު ފާހަގަވީ. އޭގެފަހުން ބޮޑަށް މިކަމުގެތެރެއަށް ނިކުމެވުނީ. އެކަން އަޅުގަނޑު ފާހަގަކޮށް އޭރުގެ ރައީސް ތޮލާ އަށް މިފުރުސަތުގަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.“ އަނބިމީހާ އާއި ދެދަރިންނާއެކު އޭދަފުށީގައި ދިރިއުޅުއްވާ ބާސިތު ހާމަކުރެއްވި އެވެ.

ބާސިތު އޭދަފުށީ ވޮއިސް އަށް އިންޓަވއު ދެނީ / ފޮޓޯ: އަބްދުލްޤައްޔޫމް – އޭދަފުށީ ވޮއިސް

ގަބުލު ނުކުރެވޭނެ ހަގީގަތަކީ ތަޖުވީިދުގެ ހަމަތަކާއި ރީތި ރާގުރާގަށް ކީރިތި ޤުރްއާން ކިޔެވުމަށް ފަރިތަ ބާސިތު، މި އިލްމު އުނގެނުނީ އެއްވެސް މީހެއްގެ ގާތަކުން ނޫނެވެ. ދެން ކިހިނެއް ހެއްޔެވެ؟

”އަސްލު އެއީ އާއިލީ ވާރުތަ ވުމެކޭ ބުނެވޭނީ. އެއްވެސް ޓްރޭނިންގ އެއް ނުހަދަން. ބޮޑަށް ބުނެވޭނީ ގޭތެރެއިން ދަސްވި ކަމެއް ކަމަށް.“ ވަރަށް ކުޑައިރު ރަށުގެ މިސްކިތުގައި އިމާމުވެ ނަމާދުކޮށް ގްރޭޑް 5 ގައި އުޅުނުއިރު މިސްކިތުގައި އިމާމްވެ ތަރާވީހު ނަމާދުވެސް ކޮށްފައިވާ ބާސިތު ބުންޏެވެ.

ކޮންމެ ރެއަކު ފަތިސް ނަމާދު ކޮށްގެން ޤުރްއާން ކިޔަވަން އިނުމަކީ އެންމެ ކުޑައިރުން ފެށިގެން އޭނާގެ އާދަ އެވެ. ފަތިހު 5:30 އިން 6 އަށް އަލްޤާރީ ޚުޞަރީގެ ކިޔެވުން އަޑުއަހައެވެ.

”ހަގީގަތަށް ބުނަންޏާ މީގަ ބޮޑެތި މަސައްކަތްތަކެއް ކޮށްދިނީ އަޅުގަނޑުގެ މަންމަ އާއި ބޭބެ. ކޮންމެ ދުވަަކު ފަތިސް ނަމާދަށް ނަގައި ނަމާދުކޮށްގެން ނިމިގެން ގެއަށް އަންނަ އިރު އަޅުގަނޑުގެ މަންމަ ހުންނާނީ ފުޅިބައްތި ތައްޔާރުކޮށްފަ. އޭރުގަ އެގަޑީގަ ކަރަންޓް ނުހުންނާތީ ކިިޔަވަން ތިބެނީ ފުޅިބައްތި ދިއްލައިގެން. އެހުރިހާ ބުރައެއް އުފުލައި އެހީތެރިވެދިނީ މަންމަ. އެހެންވެ މަންމަ އަށް ވަރަބޮޑަށް ޝުކުރިއްޔާ.“ 39އަހަރުގެބާސިތު މި ދާއިރާއަށް ވަދެވުނުގޮތް ކިޔައިދެއްވި އެވެ.

”ސްކޫލްގައި ކިޔަވައިދިނުމާ މުބާރާތްތަކަށް ތައްޔާރުކޮށްދީ ފަތިސްގަޑީގަ ކޮންމެ ދުވަހަކު ސްކޫލްގެ ހުރިހާ ކުދިން އެއްތަނަކަށް ގެންގޮސް ޤާރީ ޚުޞަރީގެ އަޑުދަށުން ކިިޔުއްވައި އެހީތެރިވެދިނީ ބޭބެ. އެހެންވީމަ މީގަ ބޮޑު ޝުކުރެއް ހައްގުވަނީ އަޅުގަނޑުގެ ބޭބެ އަށް.“ އޭނާއިތުރުކޮށްލެއްވި އެވެ.

 

އޭގެ އިތުރުން ބޯޓު ދަތުރު ކުރަން އުޅުނު ތިއްތިބޭގެ އެހީތެރިކަން ބާސިތު ފާހަގަ ކުރި އެވެ.

”ތިއްތިބޭ ގެނެސް ދެއްވާނެ މިސްރުގެ މަޝްހޫރު ގާރީން ކަމަށްވާ އަލްޤާރީ ބާސިތު، އަލްޤާރީ ޚުޞަރީ ފަދަ ކީރިތި ޤުރުއާން އެންމެ ރީތިކޮށް ކިޔެވުމަށް މަޝްހޫރު އިލްމުވެރިން ކިޔަވާފައި ހުންނަ ހުންނަ ޓޭޕް (އޭރު ގެންގުޅެނީ ޓޭޕް). އެއެއްޗެތި އަބަދު ކަހަލަ ގޮތަކަށް އަޑުއަހަނީ. “

އޭގެ އެތައް އަހަރެއް ފަހުން އޭދަފުށީގައި ހިންގި ގާރީ ކޯސް 1 ފުރިހަމަކުރި އެވެ. ގައުމީ މުބާރާތުގައި ވެސް ތިން އަހަރު ވާދަކުރި އެވެ. އޭނާގެ އަތޮޅުން ވެސް އަބަދުވެސް ގުރުއާންގެ ދާއިރާ އެއްވަނަ ދެވަނައިގާ ހިފަހެއްޓިއެވެ.

ގައުމީ މުބާރާތުގައި ވެސް ތިން އަހަރު ވާދަކުރި އެވެ. އޭނާގެ އަތޮޅުން ވެސް އޭރުގަ އަބަދުވެސް ގުރުއާން މުބާރާތްތަކުން އެއްވަނަ ދެވަނައިގާ ހިފެހެއްޓިއެވެ.

ބާސިތުގެ އާއިލާއަކީ ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށް ރަށު ފެންވަރުގައި މަޝްހޫރު ބައެކެވެ.

މި ވަގުތު ސަލްމާން މިސްކިތުގެ ބަންގި ގޮވަން ނުވަތަ މުވައްޒިން އަކަށް ހުރީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އެއްބަޑު އެއްބަފާ އެންމެ ބޮޑު، ބޭބެ އަކީ ރަށުގެ މިސްކިތުގެ އިމާމެވެ. ފުދޭވަރަކަށްް ޤުރްއާން އިލްމު އުނގެނިގެން ހުންނެވި މި ބޭބެ، އޭގެ ކުރިން ސްކޫލް ޓީޗަރަކަށް ހުންނަވައިގެން ރަށުގެ ވަރަށް ގިނަ ކުދިންނަށް ޤުރުއާން ކިޔަވައިދެއްވިއެވެ.

އާއިލާގެ ގިނަ މީހުން އުޅެނީ އެ ދާއިރާގައެވެ. އޭނާއަކީވެސް އެ އިލްމުގެ އަހުލުވެރިއެކެވެ. އެކަމަކު ބާސިތު ފެންނަނީ  ޓޫރިޒަމް ދާއިރާއިންނެވެ. ކީއްވެގެން ހެއްޔެވެ.

”އިއްތިފާގެއް މިއީ. ގަސްދުކުރި ދާއިރާއެއް ނޫން މިއީ. ބޭނުންވީ ޤުރްއާންގެ ދާއިރާއިން ކުރިއަށް ދާން. އެކަމަކު ފުރުސަތު ގެއްލުނީ. މަންމަމެން ބޭނުންވީ އިގިރޭސި ތައުލީމަށް ދާން. އެހެންވެ މާލެ ފޮނުވީ. ދެން ފުރުސަތު ނުލިބުނީ.

އެކަމަކު އަދިވެސް އޭނާ ހުރީ އިމާމް ކަމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމް ގައެވެ. އުއްމީދަކީ މިރަށުގައި އަލަށް އިމާރާތް ކުރަމުން އެގެންދާ މުހައްމަދު އަލީ މިސްކިތުގެ އިމާމަކަށް ވުމެވެ.

”އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް އެއީ އެމިސްކިތުގެ އިމާމްކަން ކޮށްލުން. ރިސޯޓު ދާއިރާގައިވެސް އުޅެވިއްޖެ. ހިތް އޮންނަނީ އިމާމްކަމުގެ ދާއިރާއިން ކުރިއަށް ދާން. ވަރަށްކުރާ ހިތްވާ ކަމެއް އިމާމްކަން ކޮށްލުމަކީ.“

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top