ޓެކްސް ފައިސާއިން ބައެއް، ކައުންސިލްތަކަށް ދެނީ

muizzzz-1140x570-1.jpeg

ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދެއްވުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފީއަލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން، ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ބައެއް ކައުންސިލްތަކަށް ދިނުމުން ރައްޔިތުންގެ ފައިދާއަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށެވެ.

”އެންމެ ބޮޑު އެއް ކަމަކީ ދައުލަތަށް މި ލިބޭ އާމްދަނީ، ޓޫރިޒަމް ޓެކްސްއާއި އަދި އެހެނިހެން ޓެކްސްތައް އެބަ ލިބޭ. މީގެ ތެރެއިން އިންސައްތައެއް ޓެކްސްގެ ގާނޫނާ، ކަމާގުޅޭ އެހެން ގާނޫނުތައް އިސްލާހުކޮށްގެން ކައުންސިލްތަކަށް ސީދާ ޖަމާކޮށްދިނުން. އޭރުން ވެސް އެ ކައުންސިލްތަކަށް ރަށުގެ ތަރައްގީއަށް ކުރެވޭނެ ވަރަށް ބައިވަރު ކަންކަން ހުންނާނެ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅުރަށްތައް ދޫކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން ފުދުންތެރި ކޮށްދީ މުއްސަނދި ކޮށްދިނުމަށް ކަމަށެވެ.

ކައުންސިލްތައް ބާރުވެރިކުރުވުމާއި މާލީ މިނިވަންކަން ހޯއްދަވައިދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ސިޔާސަތަކީ ޓޫރިޒަމްގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ ސިނާއަތްތަކުން ލިބޭ އާމްދަނީއިން ބައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވުން ކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top