ބ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

large_171317195449l27a.jpg

ނ، ރ އަދި ބ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފަށުމަށް އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން ބ އަތޮޅާއި އެކު ރ. އަތޮޅާއި ނ.އަތޮޅުގައި ފެރީގެ ޚިދުމަތް ފަށަން މިއަދު ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެެއްވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ މަރްޔަމް ޝަހާނާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތަކީ މިހާރު ވެސް ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ދެމުން އަންނަ ޚިދުމަތެއް ކަމަށެެވެ.

“އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން ވެސް، ރައީސް ހަމަ ވަރަށް ބޮޑަށް ވައުދު ވެވަޑައިގެންފައި އޮތީ، ހިނގަމުންދިޔަ އެއްވެސް ރައްޔިތުންނާ ގުޅުންހުރި ޕްރޮޖެކްޓެއް ހުއްޓުމަކަށް ނާންނާނެ ކަމަށް. އަދި، އެ ޕްރޮޖެކްޓުތައް ރަނގަޅުކޮށްގެން އިތުރަށް ކުރިއަށް ގެންދާނެ ވާހަކަ. އޭގެ މިސާލެއް މިއަދު ފެނިގެން މި ދިޔައީ،” އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް އޮތީ ހަ ޒޯނަކަށް ބަހައިލައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އަދި، އޭގެ ތެރެއިން މިހާރު ތިން ޒޯނެއްގައި އެ ޚިދުމަތް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދަތުރުފަތުރުގެ ގޮތުން ރާއްޖެ ގުޅުވާލަން ކުރީ ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ ހއ. އަތޮޅާއި ހދ، ށ، ޅ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރީ ސަރުކާރުގައި ފެށިފައި އޮތް ނަމަވެސް ފެށިފައި އޮތީ އެންމެ ރަނގަޅަށް އިންތިޒާމު ކުރެވިގެން ނޫން ކަމަށެވެ.

“މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަން އެމްޓީސީސީއަށް ވަރަށް ބައިވަރު ޗެލެންޖަސް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު،” މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، މިހާރު ރޫޓުތައް ހުރީ ވެސް ރައްޔިތުން އެންމެ ބޭނުންވާގޮތަށް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި, މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ދޮޅުމަސްތެރޭ ވަރަށް ގިނަ ބަދަލުތަކެއް އަންނާނެކަން މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top