އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1

albaqarah-6-7-fiabqr.jpg

ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމް ގ.މަންޒިލް

(23 އޮގަސްޓް އާ ގުޅޭ )  އާދެ، ‘އަސްރާނިއްޔަތު’ގެ ނުވަތަ ‘މޮޑާރނިޓީ’ގެ ނަމުން ނަންދެވޭ ޒަމާނީ މިބޮޑު ބަދަލުގެ އަލީގައި، ކީރިތި ޤުރްއާނުގެ ޝަރީއަތުގެ ތައުލީމާތުތައް މުޖުތަމައުގައި ހިންގާލުމަށްޓަކައި އިހުގައި މާނަކުރި ފަދައިން، އަލުން އެތައުލީމާތުތައް މާނަކޮށް، އިސްލާމީ ފިޤުހު އިލްމު ތަޖުދީދުކޮށް، އާކުރުމަކީ، މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖު ކަމުގައި، ގޮންޖެހުން ކަމުގައި، މިމައްސަލަ ބަހުސް ކުރައްވާ އިސްލާމީ ދިރާސާތުގެ ބައެއް މުސްލިމު އިލްމުވެރިން ވިދާޅުވެއެވެ. އާދެ، ހިޖުރީ ފަނަރަވަނަ ގަރުނު ގޮވަމުން ދަނީ މިކަމަށް މުސްލިމު މުޖުތަމައުތައް ހޭލުންތެރިވެ، މުސްލިމުންގެ ތެރެއިން މިކަން ކުރާނޭ ބަޔަކު އުފަންވުމަށެވެ! ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު މިކަމާ ދޭތެރޭ ވިސްނައި ފިކުރު ކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މީގެ މާނައަކީ އިސްލާމީ ޝަރީއަތް ބަދަލު ކުރުމެއް ނޫނެވެ. ބަދަލުވެ ތަރައްގިވާނީ އިސްލާމީ ފިޤުހެވެ. އާދެ، ދެން، އަލްބަޤަރާ ސޫރަތުގެ މައުޟޫއުގެ ވާހަކައާއިގެން ކުރިއަށް ދަމާތޯއެވެ.

ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއަކި އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅާލުމަށް ފަހު، ކީރިތި ޤުރްއާނުގެ އަސާސީ ތަޢުލީމާތުތައް މިސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މާތްﷲ ވޮޑިގެންވާކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން މިސޫރަތުގައި މާތްﷲގެ މުހިއްމު ސިފަފުޅެއް، ތަސައްވުރެއް، ހުށަހަޅާލެވިފައި ވެއެވެ އެކަލާނގެއީ ‘އަލް ގައްޔޫމު’ ކަމުގައި ބަޔާންކުރެވި ސިފަކުރެވިފައި ވެއެވެ. އެކަލާނގެއީ އެކަލާނގެ ވޮޑިގެންވުމުގައި، އެހެން އެއްވެސް ފަރާތެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެންނުވާ، އަމިއްލަ ޒާތީ ފުދުންތެރިކަން ލިބިވޮޑިގެންވާ، މުޅި ވުޖޫދުގެ ފަނާރު ކަމުގައެވެ. އަސްލު ކަމުގައެވެ. އަދި، އިންސާނާގެ ބުއްދި އާއި ވިސްނުން ބޭނުންކޮށްގެން، މިކަން، މާތްﷲ ވޮޑިގެންވާކަން، ރަނގަޅަށް ދެނެގަނެވޭނޭ ކަންވެސް މިސޫރަތުގައި ބަޔާކޮށްދެވިފައި ވެއެވެ. އިންސާނީ ތާރީޚު ފެށުނީއްސުރެން، މީސްތަކުންގެ ތެރެއަށް ރަސޫލު ބޭކަލުން ފޮނުއްވައި، އެބޭކަލުންގެ ގައުމުތަކުގެ މީސްތަކުންނަށް ކެނޑިނޭޅި އުނގަންނައިދެއްވި އުނގަންނައި ދެއްވުމަކީ މިއީކަންވެސް ބަޔާން ކުރެވިފައި ވެއެވެ. އަދި، މިކަން ދެނެގެނެ، މާތް ﷲއަށް އީމާންވެ، މި އީމާންކަމާއި އެކަށީގެންވާ ގޮތެއްގައި މުއުމިނާގެ ހަޔާތް ބައްޓަންކުރުމަށް، މިސޫރަތުގައި، މީސްތަކުންނަށް ގޮވާލައި، ދައުވަތުދެވިފައި ވެއެވެ.

އަލްބަޤަރާ ސޫރަތުގައި ހުށަހަޅާލެވިފައިވާ އިސްލާމީ ތައުލީމާތުގެ ވާހަކަތަކުގެ ތެރެއިން ދެވަނަ ކަމަކަށް ފާހަގަ ކުރެވެނީ އާޚިރަތުގެ ވާހަކައެވެ. އިންސާނާ، އޭނާގެ ދުނިޔެވީ އަމަލުތަކުގެ މަސްއޫލިއްޔަތު އުފަލަން ޖެހޭނޭ ދުވަހެއް އަންނާނޭކަމާއި އެދުވަހުން އޭނާގެ އަމަލުތަކާއި މެދު ޖަވާބުދާރީވާންޖެހޭނެކަމުގެ ވާހަކައެވެ. އުޚްރަވީ ހަޔާތެއް ނެތްނަމަ، އިންސާނާ، އޭނާގެ އަމަލުތަކާ ދޭތެރޭ ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ. މިފަދަ ދުވަހެއް ނެތްނަމަ، އެއްވެސް އަޚުލާގީ މިންގަނޑަކަށް ބެލުމެއް ނެތި، ބޭނުންގޮތަކަށް، އިންސާނާ، އޭނާގެ ދުނިޔަވީ ހަޔާތް، ވޭތުކޮށްލަންވީއެވެ. ހެވާ ނުބައި، ރަނގަޅާއި ނުރަނގަޅު، ހުރިހާ ހާލަތެއްގައިވެސް ނިސްބީ ގޮތެއްގައި މާނަކުރެވިގެންނެވެ. މީގެ މާނައަކީ ހުރިހާ ހާލަތެއްގައި ‘ރަނގަޅު’ ރަނގަޅަށް ނުވުމެވެ. އަދި ‘ނުބައި’ ނުބަޔަށްވެސް ނުވުމެވެ. މިސާލަކަށް، ތެދުބުނުމާއި އަމާނަތްތެރިކަމުގެ ސިފަތަކަކީ ރަނގަޅު މާތް ސިފަތަކެއް ކަމުގައި ވިޔަސް، ބައެއް ހާލަތްތަކަށް މިކަންކަން ނިސްބަތް ކުރާއިރު، އެއީ ރަނގަޅު ސިފަތަކެއްގެ ގޮތުގައި ނުބެލެވި ދިޔުމެވެ. ތިމާގެ އަމިއްލަ ނުވަތަ ތިމާގެ ގައުމީ މަސްލަހަތު ރައްކާ ކުރުމަށްޓަކައި ދޮގުހެދުމާއި ޚިޔާނަތްތެރި ވުމަކީ އެންމެ ރަނގަޅު ގޮތް ބެލެވިގެންނެއެވެ. އެހެންވެ، އުޚްރަވީ ހިސާބު ބެއްލެވުމެއް ނެތް ކަމުގައި ބެލެވިއްޖެނަމަ ރަނގަޅައި ނުބައިގެ  މާނަ ގެއްލިގެން ދެއެވެ. މިއީ ސަލާމަތް ބުއްދި ގަބޫލު ކުރާނޭ ކަމަކަށް ނުފެނެއެވެ. އަދި، އެހެންވެ، ސަލާމަތް ބުއްދި، އުޚުރަވީ ހަޔާތެއް އޮތުން ލާޒިކުރުވައެވެ.

މިސަބަބަށްޓަކައި، އުޚްރަވީ ހަޔާތެއް އޮންނާނޭކަން ގަބޫލުކުރަމަކީ، އިންސާނާ ހެޔޮގޮތަށް ލެނބިގެން ދިޔުމަށް ބާރު އަޅައިދޭ ގަބޫލު ކުރުމެއް ކަމުގައި، އަލްބަޤަރާ ސޫރަތުގައި ފާހަގަކޮށްދެވިފައި ވެއެވެ. އާދެ، އިންސާނާ، އޭނާގެ ދުނިޔަވީ ހަޔާތުގެ އަމަލުތަކާ މެދު މަސްއޫލުވާން ޖެހޭނޭކަން، ހިތުގެ އަޑިން ގަބޫލުކުރުން ހިމެނިފައިވަނީ އޭނާގެ ހަޔާތް ސީދާ މަގަށް އަޅުވައި ދިނުމަށް އެހީވެދޭ ވަރަށް މުހިއްމު ބާރަކަށެވެ. އެހެނީ، އާޚިރަތުގައި އިންސާނާގެ މިންޖުވުން ބިނާވެފައި އޮތީ ހަމަ އެކަނި ތިމަން އީމާން ވެއްޖައީމުއޭ ބުނުމުގެ މައްޗަކަށް ނޫނެވެ. މީގެ އިތުރުން، އެކަން ބިނާވެފައި އޮތީ، އޭނާގެ ހަޔާތް، މި އީމާންކަން ނިޔާކުރާ ގޮތެއްގެ މަތީގައި ވޭތުކޮށްލެވިގެން ވެސް މެއެވެ. އާދެ، މިއީމާންކަން މަތީ ދެމިހުރެ، ހެޔޮ އަމަލު ކުރެވިގެންނެވެ. މާތްﷲއަށް އީމާންވެ، ހެޔޮއަމަލު ކުރުންމަތީ، އެމީހުންގެ ހަޔާތް ވޭތު ކޮށްލާމިހުން، ހިތާމަކުރަން ޖެހޭނޭ ކަމެއް، ބިރުގަނެ، ޖެހިލުންވާން ޖެހޭނޭ ކަމެއްވެސް، އާޚިރަތް ދުވަހުން، ނޯންނާނޭކަން، މިސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ.

ސޫރަތް ބިނާވެފައިވާ ގޮތް  

އަލްބަޤަރާ ސޫރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތެވެ. އެ ސޫރަތުގައި 286 އާޔަތް ވެއެވެ. އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަށާއި އަދި އެސޫރަތުގެ އާޔަތްތަކުގެ މާނައަށް ރިއާޔަތްކޮށް، އެސޫރަތް ފަސް ބަޔަކަށް ބަހާލެވިދާނެ އެވެ. މިގޮތުގެ މަތީން އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ބައެއް ކުދި ކުދި ތަފާތުތަކާއި އެކު، ބައެއް މުފައްސިރުން ބައްސަވާލައްވައެވެ. އަބްދުﷲ ޔޫސުފު އަލީ، އޭނާގެ ކީރިތި ޤުރްއާނުގެ ‘ތަރުޖަމާއާއި ތަފްސީރު’ ގައްޔާއި، އަލްމައުދޫދީ، އޭނާގެ ‘ތަފްހީމު’ ގައްޔާއި އަދި ސައްޔިދު ޤުޠްބު އޭނާގެ ޡިލާލު ގައެވެ. އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ތިރީގައި، އަޅުގަނޑު ބަހާލައި، އެކިބައިބަޔަށް ބައިކޮށްލުން ކުޑަ ތަފާތަކާއި އެކު، ބިނާވެފައި ވަނީ މިނަންގަނެވުނު ތަފްސީރުތަކުގައިވާ ބައިކޮށްލުމާއި ބަހާލުމުގެ މައްޗަށެވެ. ޝައްކެއްނެތް ގޮތުގައި މިގޮތުން ބައިބަޔަށް ބަހާލުން، އަލްބަޤަރާ ސޫރަތުގެ މާނާ ފަހުމްކޮށް ދެނެގަތުމަށް އެހީވެދެއެވެ. އަދި މީގެ އިތުރުން، އެސޫރަތަކީ، އެސޫރަތުގެ އާޔަތްތައް، އެއްއާޔަތާއި އަނެއްއާޔަތް، ގުޅި ލާމެހިފައިވާ ވަހުދާއެއް (ޔުނިޓްއެއް) ކަންވެސް ފެނިގެން ދެއެވެ. އަދި މުޅި ސޫރަތުގެ މާނަ ހިތުގައި ހަރުކޮށްލަންވެސް ފަސޭހަވެދެއެވެ.

އަލްބަޤަރާސޫރަތުގެ ފުރަތަމަ ބައި އެކުލެވިގެންވަނީ 1ވަނަ އާޔަތުން ފެށިގެން 28ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި، އެންމެ ފުރަތަމަ ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއު ކަނޑައަޅާލެވިފައި ވެއެވެ. ކީރިތި ޤުރްއާންއަކީ އިލާހީ ހިދާޔަތުގެ ވާހަކަތައް ބަޔާން ކުރެވޭ ފޮތެއްކަމުގައެވެ. އެއަށްފަހު، މިހިދާޔަތު، އާންމު ގޮތެއްގައި، އިންސާނުން ގަބޫލުކޮށް ބަލައިގަންނަ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، މީސްތަކުން ތިން ބަޔަކަށް ބަހާލެވިފައި ވެއެވެ. އެއްބަޔަކީ އިލާހީ ހިދާޔަތު ގަބޫލުކޮށް އެކަން ބަލައިގަންނަ މީހުންނެވެ. އަނެއްބަޔަކީ އެ ހިދާޔަތާ ދެކޮޅުހަދައި އެކަމަށް ފުރަގަސްދީ އިންކާރުކުރާ މީހުންނެވެ. ތިންވަނަ ބަޔަކީ މިދެބައިމީހުންގެ ދެމެދުގައި ހިމެނޭ ބަޔެކެވެ. ދެފުށް ދެގޮތް މުނާފިގުންނެވެ. ބައެއްފަހަރު، އިލާހީ ހިދާޔަތު ގަބޫލުކޮށް، ބަލައި ގަންނަ، މީހުންގެ ގޮތް އެމީހުންގެ ބޭރު ފުށުން ފެނެއެވެ. އެހެން ނަމަވެސް އެމީހުންގެ ހިތުގެ އަޑީން އިލާހީ ހިދާޔަތުގެ މަގު ބަލައެއް ނުގަނެއެވެ. މިތިން ބައި މީހުންގެ ވާހަކަ ބަޔާން ކުރުމަށް ފަހު، ކީރިތި ޤުރްއާނުގައި ހުށަހަޅާ ލެވޭ އިލާހީ ހިދާޔަތުގެ މަގަށް، މި ފުރަތަމަ ބައިގައި، ދައުވަތު ދެވިފައިވެއެވެ. އަދި ކީރިތި ޤުރްއާނުގައި އެކުލެވޭ ހިދާޔަތާއި ބެހޭގޮތުން ޝައްކުކޮށް، އަރަބި މުޝްރިމުން ކުރިމަތި ކުރި ބައެއް ފާޑުކިޔުންތަކަށް ޖަވާބުދެވިފައި ވެސް ވެއެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނުގެ ދައުވަތު ގަބޫލުކުރާ މީހުންނަށް ހުރި ބާއްޖަވެރިކަމުގެ ވާހަކައާއި އަދި އެދައުވަތަށް ފުރަގަސްދީ އިންކާރު ކުރާމީހުންނަށް ހުރި އަބާއްޖެވެރިކަމުގެ މައްޗަށް ވެސް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި، އިޝާރަތް ކުރެވިފައިވެއެވެ.

އަލްބަޤަރާ ސޫރަތުގެ ދެވަނަ ބައި އެކުލެވިގެންވަނީ 29ވަނަ އާޔަތުން ފެށިގެން 39 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ބަޔާން ކުރެވިފައިވަނީ ކައުނާއި އަދި ކާއިނާތުތައް ޚަލްގު ކުރައްވައި ހެއްދުވުމުގެ ވާހަކައެވެ. އަދި އެއަށްފަހު، އިންސާނުން ޚަލްޤުކޮށް ވުޖޫދަށް ގެންނެވުގެ ވާހަކައެވެ. ބުއްދިއާއި ވިސްނުމުގެ ބާރުގެ އަލީގައި ހެޔޮގޮތް ކަނޑައަޅާލުމުގެ އެކަށޭނަކަން ދެއްވައި، އާދަމްގެފާނާއި ހައްވާގެފާނު ޚަލްގު ކުރައްވައި، އިންސާނުން ދުނިޔޭގައި ލެއްވުނު ގޮތުގެ ވާހަކައެވެ. މިބައިގައި ފާހަގަކޮށްލެވެނީ އިލާހީ ހިދާޔަތުގެ އަލީގެ ފެށުމަށެވެ. އިންސާނުން ދުނިޔޭގައި ލެއްވުނީއްސުރެން، އެމީހުންނަށް ތެދުމަގުގެ ވާހަކަ ބަޔާންކޮށްދެވިފައިވާ ކަމެވެ.

ތިންވަނަ ބައި އެކުލެވިގެންވަނީ 40 ވަނ އާޔަތުން ފެށިގެން 141 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ހުށަހަޅާލެވިފައި ވަނީ ތާރީޚީ ވާހަކަތަކެކެވެ. ބަނޫ އިސްރާއީލު ބާގައިގެ ތާރީޚުގެ ބައެއް ވާހަކަތަކެވެ. މާތްﷲ އެމީނުންނަށް ދެއްވި ނިއުމަތްތަކުގެ ވާހަކައެވެ. އިލާހީ ހިދާޔަތް އެމީހުންނަށް ދެވުނު ކަމާއި އަދި އެހިދާޔަތުގެ އަލީގައި އެމީހުންގެ ހަޔާތް ވޭތުކޮށް، އެހެން މީސްތަކުންނަށް އޮތް ނަމޫނާއަކަށްވުމުގެ ޝަރަފުދެވި، މިމަތިވެރި ވާޖިބު، އެމީހުންނާއި ހަވާލުކުރެވުނުކަމުގެ ވާހަކައެވެ. އަދި އެވާޖިބު އަދާކުރުމުގައި އެމީހުން އަމަލުކުރިގޮތާއި އޭގެ ނަތީޖާގެ މައްޗަށްވެސް މިބައިގައި އަލިއަޅުވާލެވިފައި ވެއެވެ.

މިވާހަކަތައް ހުށަހަޅާލެވިފައިވަނީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރައްވައި މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރައްވައި، މަދީނާގައި ދިރިއުޅެމުންއައި ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުމާއި ދެކޮޅުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައެވެ. އެގޮތުން، މިބައިގައި، މަދީނާގެ ބައެއް ޔަހޫދީންގެ އަމަލުތައް ހުރިގޮތުގެ މައްޗަށްވެސް ބަލައިލެވިފައިވެއެވެ. މިބައިން ފާހަގަކުރެވެނީ އިލާހީ ހިދާޔަތުގެ ސިލްސިލާގެ ވަރަށް މުހިއްމު ބޮޅެއްގެ ވާހަކައެވެ. އިލާހީ ހިދާޔަތު، އިހުގައި އެބަޔަކަށް ދެވި، އެކަމުގެ ތަފްސީލީ ތާރީޚެއް މިއަދު އަޅުގަނޑުމެންނަށް ލިބެންއޮތް، އެންމެ އިހުގެ މީހުންގެ ވާހަކައެވެ.

މިވާހަކަތައް ހުށަހަޅާލުމުގައި މައިގަނޑު ދެބޭނުމެއް ވެއެވެ. ފުރަތަމަ ބޭނުމަކީ، ދެންމެ އިޝާރާތްކޮށްލި ފަދައިން، މަދީނާގެ ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާ ދެމެދު މައްސަލަ ޖެހި، ދެކޮޅުވެރިކަން އުފެދި، ހަނގުރާމަ ކުރުމާ ހިސާބަށް ގޮސްފައިވުމުން، މިކަމަށް ހައްލެއް ހޯދުމެވެ. ޔަހޫދީންގެ ދީނީ ތާރީޚަށް ނަޒަރު ހިންގާލައި، އެމީހުންނަށް، މާތްﷲ ދެއްވި ނިއުމަތްތަކުގެ މަތީން ހަނދާންކޮށްދީ، އެމީހުންގެ ހިތްތައް މަޑުމޮޅިކޮށް، އިސްލާމީ ދައުވަތު ގަބޫލުކޮށް، މިދެންނެވި ދެކޮޅުވެރިކަމަށް ހައްލު ހޯދުމެވެ. ދެވަނަ މަގުސަދަކީ، ޔަހޫދީންގެ ދީނީ ތާރީޚުން މުސްލިމުން ފިލާވަޅު ލިބިގަނެ، އިބުރަތް ހާސިލުކުރުމެވެ. އިހުގެ އުއްމަތްތަކުގެ މީހުންނަށް އިލާހީ ހިދާޔަތް ދެވި، އެމީހުންނަށް ކުރެވި ދިޔަފަދަ ކުށްތަކުން އެއްކިބާވެ، ރަނގަޅު ގޮތުގައި ހިފަހައްޓައިގެން ތިބުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. އަދި ހަމަ އެހެންމެ، އިލާހީ ތެދުމަގު ބަޔަކަށް ދެވުމުގެ މާނައަކީ، އެބަޔަކީ މާތްﷲގެ ހަޟްރަތުގައި ޚާއްސަ ބަޔަކަށްވެ، އެމީހުންގެ އަމަލުތަކަށް ބެލުމެއްނެތި، އެމީހުންނަށް އިލާހީ ރުހުން ލިބިމުގެ އިޝާރަތެއްނޫންކަމުގެ ފިލާވަޅުވެސް ލިބިގަތުމެވެ.

އަލްބަޤަރާ ސޫރަތުގެ ތިންވަނަ ބައި އެކުލެވިގެންވަނީ 142 އާޔަތުން ފެށިގެން 283 ގެ ނިޔަލަށެވެ. މިބައިގައި ވަނީ މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ބައެއް ވާހަކަތައް ހުށަހަޅާލެވިފައެވެ. އަޅުކަމާ ބެހޭ ދީނީ ބައެއް ވާހަކަތަކާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ވާހަކަތައް ވެސް މެއެވެ. އިސްލާމީ ގިބުލައަކީ މައްކާގެ ކައުބަތުﷲކަން ކަނޑައެޅުމާއި، ނަމާދާއި، ރޯދައާއި، ޒަކާތާއި، ހައްޖާއި، އަދި ޖިހާދާއި ބެހޭ ބައެއް ވާހަކަތަކެވެ. މީގެ އިތުރުން، ކައިވަންޏާއި ވަރިއާއި ތަރިކަ މުދަލާ ބެހޭ ބައެއް ވާހަކަތައްވެސް މެއެވެ. އަދި ދަރަނީގެ މައްޗަށް ބިނާކޮށް ކުރެވޭ ވިޔާފާރީގެ މުއާމަލާތްތަކާއި އަދި މިފަދަ މުއާމަލާތައް ކުރެވޭ ހިނދު ހެކިން ބޭތިއްބުމާއި ބެހޭ ބައެއް ވާހަކަތަކެވެ. އަދި ރިބާއާއި ގަނެވިއްކުމާއި ސަދަގާތުގެ ހޭދަކުރުމާއި ބެހޭ ބައެއް ވާހަކަތައް ވެސް މެއެވެ.

މިހިސާބުން، މިހާތަނަށް ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ބައިތަށް ޚުލާސާކޮށްލައި، އޭގެމައްޗަށް އަލުން ބަލައިލަމާތޯއެވެ. ހިތުގައި މިބައިތައް ރަނގަޅަށް ހަރުކޮށްލެވި ދިޔުމަށްޓަކައެވެ. އެންމެ ފުރަތަމަ 1ވަނަ އާޔަތުން ފެށިގެން 28ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރެވިފައި އޮތީ ކީރިތި ޤުރްއާނަކީ ހިދާޔަތުގެ ފޮތެއް ކަމާއި އިލާހީ ހިދާޔަތު ބަލައިގަތުމުގައި މީހުން ބަހާލެވިފައިވާ ގޮތެވެ. އެގޮތް ބަލައިގަންނަ މުއުމިނުންނާއި އެގޮތާއި ދެކޮޅުހަދައި އިންކާރުކުރާ ކާފަރުންނާއި ދެފުށް ދެގޮތް މުނާފިގުންގެ ތިންބަޔަށް ބަހާލެވިފައިވާ ގޮތެވެ. ދެން، 29ވަނަ އާޔަތުން ފެށިގެން 39ވަނަ އާޔުގެ ނިޔަލަށް އޮތީ ކާއިނާތުތައް ހެއްދެވުމުގެ ވާހަކައާއި، އެންމެ ފުރަތަމަ އިންސާނާ، އާދެ، އާދަމުގެފާނުއްސުރެ ފެށިގެން ވެސް، އިންސަނުންނަށް، އިލާހީ ހިދާޔަތު ދެވުނުކަމުގެ ވާހަކައެވެ. ތިންވަނައަށް، 40ވަނަ އާޔަތުން ފެށިގެން 141ވަނަ އާޔަތުގެ ނިޔަލަށް، އޮތީ އިލާހީ ހިދާޔަތު ވަރަށް މުހިއްމު މަރުހަލާއެއްގެ ވާހަކައެވެ. ބަނޫ އިސްރާއީލުގެ މީހުންނަށް ދެވުނު ހިދާޔަތު ވާހަކައާއި އެމީހުންނާއި ބެހޭ ބައެއް ތާރީޚީ ވާހަކަތަކެވެ. ދެން 142ވަނަ އާޔަތުން ފެށިގެން 283 އޮތީ މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ވާހަކައެވެ. އަޅުކަމާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ތައުލީމަތުގެ ވާހަކައެވެ.

ދެން އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތް، – 284ވަނަ އާޔަތާއި 285ވަނަ އާޔަތާއި އަދި 286ވަނަ އާޔަތް – ހިމެނެނީ ސޫރަތުގެ ޚާތިމާކަމުގައެވެ. އާދެ، ސޫރަތް ނިންމާލާ ނިންމާލުން ކަމުގައެވެ. މިޚާތިމާގެ ފުރަތަމަ ދެއާޔަތުގައި އޮތީ، އިލާހީ ތެދުމަގުގެ ކުރިމަތީގައި، މުއުމިނުންގެ ގޮތަކީ ކޮބައިކަން ބަޔާންކޮށްދެވިފައެވެ. އިލާހީ ތެދުމަގު އެމީހުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުންނަކީ އެކަން ގަބޫލުކޮށް ބަލައިގަންނަ ބައެއް ކަމުގައެވެ. އަދި އެއީ ހެޔޮގޮތްކަން އެނގި ވިސްނުމުން، އެގޮތުގައި ހިފަހައްޓައިގެން ތިބޭ ބައެއްކަމުގައި ވެސް މެއެވެ. ދެން، އެންމެ ފަހު އާޔަތް، އާދެ، 286ވަނަ އާޔަތުގައި، އޮތީ މިގޮތުގައި، އިލާހީ ތެދުމަގުގައި، ފައިތިލަ ސާބިތުކޮށްތިބުމުގެ ހެޔޮ ތައުފީގު ދެއްވުމަށް އެދި، މާތްﷲގެ ޙަޟްރަތުގައި ދެންނެވޭ ދުއާއެކެވެ. ربنا لا تؤاخذنا إن نسينا أو أخطأنا ربنا ولا تحمل علينا إصرا كما حملته على الذين من قبلنا، ربنا ولا تحملنا ما لا طاقة لنا به، واعف عنا واغفر لنا وارحمنا أنت مولانا فانصرنا على القوم الكافرين، ‘ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެނަށް، ހަނދާން ނެތިގެން ނުވަތަ ނޭނގިގެން، ކުރެވޭ ކުށްފާފަތަކަށް އަޅަމެނަށް އަދަބު ނުދެއްވާންދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެ ދިޔަ (ބައެއް) އުއްމަތްތަކުގެ މީސްތަކުން އުފުލުމަށް ޖެއްސެވި ފަދަ ދަތި އުނދަގޫ ކަންތައްތައް، އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! (އެކަންކަން) އުފުލުމަށް ކުޅަދާނަވެގެންނުވާ ވަރުގެ ކަންކަން އުފުލުމަށް، އަޅަމެނަށް، ނުޖައްސަވާނދޭވެ! އަދި އަޅަމެންގެ (ކުށްފާފަތައް) ފޮހެލައްވައިފާނދޭވެ! އަދި (އެފަދަ ކަންކަން ކުރެވިދިޔަ ކަމަށްޓަކައި) އަޅަމެނަށް މާފުދެއްވާފާނދޭވެ! އަދި އަޅަމެނަށް ރަހުމަތްލައްވާނދޭވެ! އިނބަ ރަސްކަލާނގެއީ އަޅަމެންގެ ކަންތައް ބައްލަވާވޮޑިގެންވާ އަޅަމެންގެ ވެރިރަސްކަލާނގެއެވެ! ފަހެ، ހައްގުގޮތް އިންކާރުކުރާ މީހުންގެ މައްޗަށް، އަޅަމެނަށް، ނަސްރުދެއްވާފާނދޭވެ!’. އާދެ، އަލްބަޤަރާ ސޫރަތް ނިންމާލެވިފައިވަނީ މާނައިން ފުރިގެންވާ މި އަސަރުގަދަ ދުއާއިންނެވެ.

ދެން އަންނަ ހަލަގާއަކުން ފެށިގެން، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި އެކުލެވޭ މިނަންގަތް ބައިތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލައި ލެވޭތޯ މަސައްކަތް ކުރާނަމެވެ. މާތްﷲގެ ކިބަފުޅުން އެކަމަށް ތައުފީގު ދެއްވުމަށްއެދި ދުއާކުރަމެވެ.(ނިމުނީ)

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top