ބ. ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019 : މިއަދު ކުރިއަށްދިޔައީ ސެމީގެ މެޗުތައް.

(ބ.ގޮއިދޫން އިބްރާހީމް ނިޔާޒް )  ބ.ގޮއިދޫގައި ކުރިއަށް ދާ، ”ޕަލާސިއޯ ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019″، ގައި މިއަދު ކުޅެވުނީ ސެމީ ފައިނަލްގެ ދެމެޗެވެ. މި ދެ މެޗަކީވެސް މިހާތަނަށް މި މުބާރާތުގައި ކުޅެވުނު އެންމެ ފޯރިގަދަ ދެމެޗު ކަން ފާހަގަ ކުރެވެއެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު 4.00 ގައި ޗެލެންޖަރސް ސްޕޯރޓްސް ކްލަބާއި ފުޅަދޫ ފުޓްބޯލް ކްލަބް ބައްދަލުކޮށް 1-3 އިން މެޗު ކާމިޔާބުކުރީ ޗެލެންޖަރސް ސްޕޯރޓްސް ކްލަބެވެ.

މި މެޗުގައި ޗެލެންޖާސް ގެ މުޙައްމަދު ރީހާނާއި އިބްރާހީމް އަސްވަދު އަދި ހަސަން ޒަރީރުވަނީ ކޮންމެ ކުޅުންތެރިއަކު 1 ގޯލް ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ފުޅަދޫ ފުޓްބޯލް ކްލަބްގެ ލަނޑު ޖަހާފައިވަނީ އެޓީމުގެ އަލީ ނިޝާމެވެ.  

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވާފައިވަނީ ޗެލެންޖަރސް ސްޕޯރޓްސް ކްލަބްގެ މުހައްމަދު ރީޙާނެވެ. 

 

މި މެޗުން މޮޅުވުމާއެކު ޗެލެންޖަރސް ސްޕޯރޓްސް ކްލަބަށް މިވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ. 

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މި މުބާރާތުގެ ފޭވަރިޓްގެ ގޮތުގައި ބެލެވެނު ކަންދަހާރު އެފްސީ 1-2 އިން ބަލިކޮށް ވޮލްވްސް ސްޕޯރޓް ކްލަބް ވަނީ ފައިނަލްގެ ދެވަނަ ޖާގަ ހޯދާފައެވެ. ވޮލްވްސް ސްޕޯރޓް ކްލަބުން ލަނޑު ޖަހާފައިވަނީ އިބްރާހީމް ނާފިޒު އާއި އަލީ މާހިދުއެވެ. ކަންދަހާރު އެފްސީ އިން ގޯލްޖެހި ކުޅުންތެރިއަކީ އާދަމް ނިޒާމް (ކިތުނާ) އެވެ.

މި މެޗުގައި ތަފާތު މޮޅުކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަރަމުން އަންނަ އުންމީދީ ޒުވާން ގޯލްކީޕަރ ވޮލްވްސް ސްޕޯރޓް ކްލަބްގެ ޝިރުހާން ޢަލީ އެވެ. 

.މާދަމާ އޮންނާނީ މި މުބާރާތުގެ ފައިނަލް މެޗެވެ. 

ހަވީރު 4.30 ގައި ގޮއިދޫ ފުޓްސަލް ދަނޑުގަ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޗެލެންޖަރސް ސްޕޯރޓްސް ކްލަބް އަދި ވޮލްވްސް ސްޕޯރޓް ކްލަބެވެ. 

މިއީ ގޮއިދޫ ކައުންސިލުން މި މުބާރާތް ބާއްވާ 2 ވަނަ އަހަރު ކަމަށް ވާއިރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000.00 ރުފިޔާ، (ފަނަރަހާސް ރުފިޔާ) އާއެކު މިލްކުވާތަށި އަދި ރަންމެޑެލް ކަނޑައެޅިފައި ވާއިރު ރަނަރއަޕްސް ޓީމަށް 5000.00ރުފިޔާ (ފަސްހާސް ރުފިޔާ)އަދި ރިހި މެޑެލް ކަނޑައެޅިފައިވެއެވެ.  މީގެ އިތުރުން މުބާރާތުގެ ޚާއްސަ ވަނަތައް ހޮވާ ފަރާތްތަކަށް ވެސް ޓްރޮފީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ގޮއިދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޕަލާސިއޯއެވެ.

ކޯ ސްޕޮންސަރުންނަކީ އެމްޕީ ހިސާން، އަހުމަދު އަފްރާހު، ޕިރަމިޑް، ހޮސްބާގް ބިސްޓްރޯ ރެސްޓޯރަންޓް، އޮލިވް ގޮއިދޫ ގެސްޓް ހައުސް، އޯލްޑް ކޮފީ ހައުސް ގޮއިދޫ، ،ތްރީ ހާޓްސް ގެސްޓް ހައުސް ފުޅަދޫ ،ޓްރޮޕިކަލް ވިލެޖް ފެހެންދޫ ، ވައިޓް ލެގޫން ފެހެންދޫ އަދި ހަމަސް އެވެ.

ބެވަރޭޖް ޕާޓްނަރުންނަކީ ކެފޭ ޑި ބީޗް ، ޖޮރޭ ކެފޭ ، އަދި ލެންޓީޒް ގާޑްން އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ އެޓޯލް ކިއުޓް އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top