ވޭޕް ކުރުމަށް ބޭނުންކުރާ ބާވަތްތައް ވިއްކައިފިނަމަ ވިހި ހާސް ރުފިޔާއިން ޖޫރިމަނާކޮށް، އަދި ބޭނުން ކޮށްފިނަމަ ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށް، ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެންނެވެ.
މި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ވިއްކުމާއި އެފަދަ އުފެއްދުމެއް ވިއްކުމުގައި ބައިވެރި ކުރުވުމަކީވެސް މަނާކަމެކެވެ. އަދި އެކަން އެނގޭގޮތަށް އެފަދަ ތަކެތި ވިއްކާ ތަންތަނުގައި އިންޒާރު ހަރުކުރަންވެސް މި އިސްލާހުގައިވަނީ ހިމަނާފަ އެވެ.
މި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އިޝްތިހާރުކުރުމާއި އެތަކެތި އާންމުންނަށް ފެންނާނެހެން ބެހެއްޓުމާއި އާންމުންނަށް ފެންނާނެހެން އެއްތަނުން އަނެއްތަނަށް އުފުލުންވެސް މަނާވާނެ އެވެ. އަދި ރާއްޖޭގައި ދުންފަތް އުފެއްދުމާއި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުންވެސް މަނާވާނެ އެވެ.
އީ-ސިނގިރޭޓް ފަދަ ވޭޕްކުރަން ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފަ އެވެ. އެފަދަ ތަކެތި ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެތެރެކުރާ ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައިވެ އެވެ.
ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރަން ބިލުގައި ހިމަނުއްވާފައިވާއިރު، އެފަދަ އާލާތެއް ހިލޭ ބަހައިފިނަމަ އެ އަމަލެއް ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ވޭޕުގެ އެއްވެސް ބާވަތެއް ބޭނުންކޮށްފި މީހަކު 5،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.