ދަރަވަންދޫ އެއާޕޯޓްގައި އޭޓީއެމްއެއް ބެހެއްޓުމަށް ބީއެމްއެލް އިން ނިންމައިފި

95793281.jpg

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް. ބޭންކް އޮފް މޯޅްޑިވްސްއިން އޭޓީއެމްއެއް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މިއިމާރާތުގައި ކަމަށް ބުނޭ / ފޮޓޯ: ދަރަވަންދޫ އެއާޕޯޓް

ބޭންކް އޮފް މޯލްޑިވްސް އިން ބ. ދަރަވަންދޫގައި އޮޓަމޭޓެޑް ޓެލަރ މެޝިން (އޭޓީއެމް) އެއް ބެހެއްޓުމަށް ނިންމައިފިއެވެ.

އޭދަފުށީ ވޮއިސް އިން ދެންނެވި ސުވާލެއްގެ ޖާވާބުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ދަރަވަންދޫގައި އޭޓީއެމްއެއް ބެހެއްޓުމަށް ނިންމާފައިވަނީ އެރަށުގައި އޮންނަ ޑޮމެސްޓިކް އެއާޕޯޓްގެ ތެރޭގައިކަމަށެވެ. މިވަގުތު ބ. އަތޮޅުގައި އޭޓީއެމްގެ ޚިދްމަތް ދެމުންގެންދަނީ އޭދަފުށީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ބްރާންޗުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ޝަރީފް ލިޔުމުން އީވީއަށް ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ދަރަވަންދޫގައި އިތުރު އޭޓީއެމްއެއް ބެހެއްޓުމަށް ބޭންކުން ނިންމީ ބޭންކު އޮފް މޯލްޑިވްސްގެ ހިދްމަތްތައް ބ. އަތޮޅުގައި ފުޅާކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިއޭޓިއެމް މެޝިން މިއަހަރުގެ ދެވަނަ ކުއާޓަރގައި ބަހައްޓާ ނިމޭނެކަމަށެވެ.

“މިއަހަރުގެ ދެވަނަ ކުއާޓާރގައި 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާގެ ޖަމާކުރުމުގެ ޚިދްމަތްދެވޭ އޭޓީއެމްއެއް ބ. ދަރަވަންދޫ އެއާޕޯޓްގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ބ. ދަރަވަންދޫގެ ރައްޔިތުންގެ އިތުރުން ބ. ދަރަވަންދޫއިން އޭދަފުއްޓާއި، އަތޮޅުގެ އެހެން ރަށްރަށަށް ދަތުރުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެން ދާނެއެވެ” މުހައްމަދު ޝަރީފް ސޮއިކުރައްވައި ފޮނުއްވި ލިޔުމުގައި ވެއެވެ.

ޝަރީފް ވިދާޅުވީ އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ފައިސާ ނަގައި ޖަމާކުރުމަށް މިހާރުވެސް ބޭންކުގެ ފަރާތުން ދެމުންގެންދާ ދޯނި ބޭންކުގެ ހިދްމަތުގެ އިތުރުން ބ. އަތޮޅުގައި އޭޓީއެމް ނުލިބޭ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު މިހިދްމަތް ދޭނެ ފަރާތްތައް އައްޔަންކުރެވި ހިދްމަތް ދެވެމުންދާކަމަށެވެ.

“އޭޓީއެމް ހިދްމަތް ނުލިބޭ ކޮންމެ ރަށެއްގައި، ކާޑު މެދުވެރިކޮށް ފައިސާ ދޫކުރުމުގެ ހިދްމަތްދޭ މަދުވެގެން އެއް ރީޓެއިލް އެޖެންޓް ކަނޑައެޅި ޚިދްމަތް ދެމުންގެންދާކަން ފާހަގަކުރަން”

ބާރަވަރަކަށް ރިސޯޓް ހިންގަމުންއަންނަ ބ. އަތޮޅުގައި ބޭންކިންގެ ޚިދްމަތް އެންމެ ފުރަތަމަ ފެށީ 2006 ވަނަ އަހަރު އޭދަފުށީގައި ހުޅުވި ބޭންކް އޮފް މޯލްޑިވްސް ބްރާންޗުންނެވެ. ބޭންކުން ބުނީ އޭދަފުށީގައި ގާއިމްކޮށްފައިވާ އެބޭންކުގެ ބްރާންޗް ޒަމާނީ ފެންވަރުގެ އާއިމާރާތަކަށް ބަދަލުވުމަށްޓަކައި މިއަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށިގެންވެސް ދާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top