ފަސްމުގޫ ގްރޫޕް، ބ.އަތޮޅުގެ ފަސްމުގުލުގައި

fasmugoo.jpg

ފަސްމުގޫ ގްރޫޕުން އޭދަފުށީގައި އެންމެފަހުން ހުޅުވި ފަސްމުގޫ ބިލްޑްވެއާ. ފަސްމުގޫގެ ވިޔަފާރި މިހާރުވަނީ ވަރަށްބޮޑަށް ފުޅާކޮށްފައިކަމަށް އެގްރޫޕުން ބުނޭ / ފޮޓޯ: ފަސްމުގޫ ބިލްޑްވެއަރ ފޭސްބުކް ޕޭޖް

ދިވެހި ބަހުގެ ރަދީފުގައި ފަސްމުގޫ ގެ އެއްމާނައެއް ކަމުގައި އޮންނަނީ މުގުލުގެ އެންމެ ފަހަތެވެ. އަނެއް މާނައަކީ ވަލުގެ މުގޫ ވަރުގަދައަށް ހިފެހެއްޓުމެވެ. އަނެއް މާނަ ބޭނުންކޮށްފައިވަނީ މަޖާޒެއްގެ ގޮތުގައެވެ. ކަމެއް ބޮއްސުން ލިޔަނުދީ ބެލެހެއްޓުމެވެ. މި ހުރިހާ މާނައަކަށް ބަލާއިރު ފަސްމުގޫ ގެ މާނައެއްކަމުގައި އޭދަފުށީ ފަސްމުގޫ ގްރޫޕްން ބަލާފައި އެވަނީ ކަމެއް ބޮއްސުން ލިޔަނުދީ ހިފެހެއްޓުންކަމަށް ވެދާނެއެވެ. އެއާއިލާގެ އިސްމުގޫ ކަމުގައިވާ ބ.އޭދަފުށި އަސަރީގޭ މަރްހޫމު ބޮއްޅަހުއްތު ނިޔާވުމާއެކު އާއިލާގެ ކަންކަން ބޮއްސުންލިޔަ ނުދިނުމަށްޓަކައެވެ. އެކަމަށް އިސްނެގީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް ޝަހީމް އެވެ. ބައްޕަ ނިޔާވިއިރު މާގިނަ މުދާތަކެއް ނެތް ނަމަވެސް ބައްޕައާ މަންމަގެ އެންމެ ބޮޑު އިންވެސްޓަކީ އެމީހުންނަށް ލިބިފައިވާ 12 ދަރިންކަމުގައި ބަލަން ޖެހެއެވެ. ފަސްމުގޫ ގްރޫޕްގެ ކާމިޔާބީ ލެވެލް އަހަރުން އަހަރަށް މައްޗަށް ޖެހެމުން އައީ މި 12 ދަރިންގެ ކެރުމާ ހިތްވަރުން ކަމަށް ވާތީއެވެ.

ބައްޕަ ބަލަހައްޓަމުންއައި މަންމަ ރުގިއްޔާ އަލީގެ ރަޖިސްޓަރީގައި އޮތް އޮޑިދޯނި ފަހަރާއި ފަޅުރަށްރަށުގެ މަސްއޫލިއްޔަތާ ހަވާލުވީ މަންމަގެ ލަފާއާއެކު އިބްރާހީމް އެވެ. ބައްޕަ ހިންގެވިމަގުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަކަތަ އޭނާ ހޯދީ އާއިލާގައި ހިމެނޭ ފަސް އަންހެނުންގެ ފަރާތުންނެވެ. މަސްދޯނި ފަހަރު މަސްބާނައިގެން ގެންނަ މަސް ކައްކައި އެތަކެތި ފައިދާއަށް ހެދުމުގެ ހުރިހާ މަރުހަލާއެއް ހޭދަކުރީ އަންހެނުންނެވެ. ހަމައެގޮތަށް ފަޅު ރަށްރަށުން ގެންނަ ދަރުކާއްޓާއި މިނޫންވެސް ތަކެތި ބެލެހެއްޓީ އާއިލާގެ ފަސް އަންހެނުންނެވެ. އޭނާއަށް އެހީތެރިވާންތިބި އެއްބަނޑުއެއްބަފާ ހަތް ފިރިހެން ކުދިންގެ ތެރެއިން ހަތަރު ކުދިން އޭރު ސްކޫލްގައި ކިޔަވަނީއެވެ.

މަސްދޯނި ފަހަރާއި ފަޅުރަށުން ލިބުނު އާމްދަނީ އިތުރުވެ ވިޔަފާރި ފުޅާކުރުމުގެ ޚިޔާލު އައީ އެއްބަނޑު ފިރިހެން ކުދިންނަށްވެސް އެކަމުގައި އުޅެވޭވަރު ވުމުންނެވެ. އަސަރީ އިސްޓޯރުގެ ނަން ފަސް މުގޫއަށް ބަދަލުވީ އެހިސާބުންނެވެ.

އެހެންނަމަވެސް މި ނަމާ އެއާއިލާ އާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. އޭގެ މާނައަކީ ކޮބާހެއްޔެވެ. މި ސުވާލަށް ޖަވާބު ދެއްވީ ފަސްމުގޫ ގްރޫޕްގެ އެއް ޑިރެކްޓަރ އިސްމާއީލް ޝަހީމްއެވެ.

“ފަސްމުގޫއަކީ އަހަރެމެން ހަތް ފިރިހެނުންގެ މުގުލުގައި މަސައްކަތްކުރާ ފަސް އަންހެނުން (އެއްބަނޑު އެއްބަފާ ފަސް އަންހެނުން) ގެ ވާާހަކަ.  އަހަރެމެން ގަބޫލު ކުރަނީ އެއްވެސް މައްސަލައެއް ނުޖެހި މިހާހިސާބަށް އާދެވުނީ އެމީހުންގެ މިންނެތް މަސައްކަތުން ކަމަށް . “

މިހިސާބަށޭ އިސްމާލު އެވިދާޅުވީ  އެއީ ކޮން ހިސާބެއް ހެއްޔެވެ.

ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރ އިސްމާއީލް ޝަހީމް އީވީއަށް އިންޓަވިއު ދެއްވަނީ / ފޮިޓޯ އީވީ ޓީމް

މުޅި އަތޮޅުގެ ފަސްމުގޫ އޮތީ އެމީހުންގެ އަތުގައެވެ. އަތޮޅުގެ އިގްތިސާދީ ކޮންޓްރޯލް އޮތީ އެ ގްރޫޕްގެ އަތުގައެވެ. އަތޮޅުގެ ފެރީ އޮޕަރޭޓް ކުރަނީ އެމްޓީސީސީއިން ކަމުގައި ވިޔަސް ފެރީ ހިންގަނީ އެ ގްރޫޕްގެ އަމިއްލަ ދޯނި ފަހަރުގައި އެމީހުންގެ މުވައްޒަފުންނެވެ. ފަސްމުގޫ ހޯލްސޭލް ވިޔަފާރީގައި އެގްރޫޕުން ގެންގުޅޭ ސިޔާސަތަކީ މާލެއެކޭ އެއް އަގަށް ނުވަތަ އެއަށް ވުރެ އަގު ހެޔޮކޮށް އާއްމު ދިރިއުޅުމަށް ބޭނުންވާ މުދަލުގެ އިތުރުން ލަގްޒަރީ ގިނަ ސާމާނުވެސް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އެހެންކަމަށްވާނަމަ ހޯލްސޭލް މުދާވެސް ކޮންމެހެން މާލެއިން ގަނެގެން ގެނައުމުގެ ބޭނުމެއް ނެތެވެ.

“ފަސްމުގޫ” ގެ ވިޔަފާރި މިއަދު ވަނީ ބ.އަތޮޅުގެ ކަނޑުއޮޅިތަކުން ނުކުމެ ކާށިދޫ ކަނޑުވެސް ހުރަސްކޮށް އެ ވިޔަފާރީގެ ފިޔަގަނޑު ރާއްޖޭގެ އުތުރުން ކުޅުދުއްފުށްޓާ ހަމައަށް އަދި ދެކުނުން އައްޑުއާ ހަމައަށް ދަމާލާފައެވެ. މާނައަކީ ފަސްމުގޫ މަރުކާގެ ތަކެތި އެހާ ދުރު ހިސާބުންވެސް މާލެއެކޭ އެއްއަގަށް ނުވަތަ އެއަށްވުރެ އަގުހެޔޮކޮށް ގަންނަން ލިބެން ހުރުމެވެ.

ފަސްމުގޫ ފިހާރަ. ވިޔަފާރި ވަނީ މުޅިރާއްޖެއަށް ފުޅާކޮށް، ހޯލްސޭލް ކުރަންވެސް ފަށާފައިކަމަށް ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ އިސްމާއީލް ވިދާޅުވި/ އީވީ ފޮޓޯ.

މި ހުރިހާ ކަމެއް މިހެން ހުރުމާއެކު ވިޔަފާރިއަށް ބަލާކަމުގައިވާނަމަ “ފަސްމުގޫ ” މިއަދު ވެފައިވަނީ އަތޮޅު ތެރޭގައި ހިންގާ އެންމެ ބިޔަ އެންމެ މަޝްހޫރު އެއް ވިޔަފާރި މަރުކަޒަށެވެ. އޭދަފުށީގެ ލޭންޑްމާކެއްގެ ގޮތުގައެވެ.

ފަސްމުގޫ އުފެދުނު ގޮތާއި އެ ގްރޫޕް މިހާ ހިސާބަށް ދަތުރުކުރަމުން އައި ގޮތާއި ކުންފުނީގެ ކުރިމަގާ ބެހޭ ގޮތުން ރާވާފައިވާ ޕްލޭންތައް ޑިރެކްޓަރ އިސްމާއީލް ޝަހީމް އީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ކިޔައިދެއްވިއެވެ. މިދަންނަވަނީ އެއިންޓަވިއު އިން އަޅުގަނޑުމެން ނަގާފައިވާ ބައެކެވެ.

ފަސްމުގޫ ފެށިގެން އައީ ކިހިނެއްތޯ ؟

މިއީ ދިގު ތާރީޚެއް .އަޅުގަނޑުމެން މި މަސައްކަތާ ހަވާލުވީ ވަރަށް ފަހުން. ކުރު މާޒީއަށް ބަލާއިރު ވިޔަފާރި ފެށިގެންް އައީ އެންމެ ފުރަތަމަ މަސްދޯނި ފަހަރާއި ގޭގައި ގެންގުޅުނު ފަޅުރަށްރަށާ ހަމައިން. އޭރުން ފެށިގެން މިއަދާ ހަމައަށް ބަލާނަމަ ކަނޑު އުޅަނދުގެ އަދަދު 19ގައި އުޅެނީ . ދޯނި ފަހަރު ދުއްވަމުގެ އިތުރުން ވިޔަފާރިއާ ދިމާލަށް މިސްރާބު ޖެހީ 1980ގެ ފަހު ކޮޅު  ބައްޕަގެ ވެސް ދުނިޔޭގައި . އޭރު ހުންނާނީ އަސަރީ އިސްޓޯރު. އަސަރީ އިސްޓޯރަށް ފަހު އުފެދުނީ ފަސްމުގޫ ފިހާރަ. އޭގެ ފަހުން އިތުރުން މިދިޔަ މަހު އަލަށް މި ހުޅުވީ ފަސްމުގޫ ބިލްޑް ވެއަރ.

ފަސްމުގޫ ބިލްޑްވެއަރ. ވިޔަފާރި ވަނީ މުޅިރާއްޖެއަށް ފުޅާކޮށް، ހޯލްސޭލް ކުރަންވެސް ފަށާފައިކަމަށް ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ އިސްމާއީލް ވިދާޅުވި/ އީވީ ފޮޓޯ.

ބައްޕަ ނިޔާ ވުމާއެކު އާއިލާއަށް އަންނާނެ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް. އިގްތިސާދީ ގޮތުންވެސް. އެހާހިސާބުން ފެށިގެން 12 މެންބަރުންނާއެކު މިހާ ހިސާބަށް މައްސަލައެއް ނުޖެހި ވަރަށް އޮމާންކަމާއެކު އާދެވުމަކީ މަދުން ނޫނީ ރާއްޖޭގައިވެސް ދިމާ ނުވާކަމެއް. މިކަމުގެ ސިއްރަކީ ކޮބައިތޯ؟

އެއީ ދޮށީ ބޭބެ އިބްރާހީމް ޝަހީމް. އޭނާ އަކީ އަހަރެމެންނަށް އަބަދުވެސް ރަނގަޅު ގޮތް ގޮތް ހޯދައި ދިނުމަށް ބުރަ ކޮށް މަސައްކަތް ކުރަމުން ގެންދިޔަ ލޯބިވާ ބޭބެ. އެންމެންވެސް ގަބޫލު ކުރާ ގޮތުގައި އެއީ އަހަރެމެންނަށް އެންމެ ރަނގަޅު ގޮތް ދައްކައިދޭ މީހާ ކަމަށް ބަލައިގެން މިއަދާ ހަމައަށް އައުމުގެ ނަތީޖާ މިއަދު މިފެންނަނީ.

ކުންފުނީ ހިންގަނީ ކިހިނެއްތޯ؟

ކުންފުނީގެ ސީއީއޯ އަކީ އިބްރާހީމް ޝަހީމް. މެނޭޖިންގ ޑިރެކްޓަރ އަކީ ހުސައިން ޝަހީމް. ދެން ތިބި ފަސް ފިރިހެނުންނަކީ ކުންފުނީގެ ޑިރެކްޓަރުން. މީގެ އިތުރުން އަޅުގަނޑުމެންގެ ފަސް އަންހެނުން (އެއްބަނޑު އެއްބަފާ ފަސް އަންހެނުން )ނަކީ ކުންފުނީގެ އެކި ލެވެލްގައި އެމީހުންނާ ހިއްސާ ކުރެވޭ މަގާމުތަކުގައި ތިބޭ މުހިއްމު މީހުން. މާނައަކީ އަހަރެމެން ހުރިހާ އެންމެންވެސް ތިބޭނީ އެމީހުންނާ ހަވާލު ކުރެވޭ އެކި މަގާމްތަކުގަ.

ކުންފުނީގަ ކިތައް މުވައްޒަފުން؟

ޓްރާންސްޕޯޓާއެކު 56

ފަސްމުގޫ ގްރޫޕަކީ ފުޅާ ދާއިރާ އެއްގައި ވިޔަފާރި ހިންގާ ބައެއް. ހޯލްސޭލް ރީޓޭލް ވިޔާފާރީގައިވެސް ފަސްމުގޫގެ އަޑު މިހާރުވަނީ ރާއްޖޭގެ ހަތަރު ބިތާ ހަމައަށް ފޯރާފަ.  ކޮބައިތޯ މިހާ ހިސާބަށް ވިޔަފާރި ކުރިއަށް އައުމުގެ ސިއްރަކީ ؟

ވަރަށް ފަހުން  އަޅުގަނޑުމެން މަސައްކަތް ކުރަން ފެށީ ޕްލޭނަކާ އެއްގޮތަށް. ކުރީގަ އެގޮތަކަށް ނޫން. ފިހާރައެއް ހުރީމާ ނިމުނީ. ފަހުން މަސައްކަތް ކުރަމުން އައީ ކޮންމެ އަހަރަކީ، ނޫނީ ކޮންމެ ކްއާޓަރއަކީ ވަކި ލަނޑުދަނޑިތަކެއް ވަކި ހިސާބުތަކެއް ޖަހައިގެން އެއާ އެއްގޮތަށް އެކަންކަން ކުރުމަށް ރޭވިގެން އެއަށް ފަންޑުވެސް ހަމަޖެހިގެން އެހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ސަބަބުން. ވާހަކައަކީ ޓާމެއް ނިމޭއިރު އެ ގޯލް ރީޗް ވާން ޖެހޭނެ. މިއީ ކަމަށް ގަބޫލު ކުރެވެނީ ވިޔަފާރި މިހާ ހިސާބަށް އައުމުގެ ސިއްރަކީ.

ކުންފުނީގެ މިހާރުގެ ހާލަތު އަދި ކުރިމަގު އޮތީ ކިހިނެއްތޯ؟

އެންމެ ބޮޑު އުފަލަކީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްސް މުޅި ރާއްޖެއަށް ވިކުން. މާނައަކީ މިހާރު އަޅުގަނޑުމެން އިމްޕޯޓްކުރާ ގިނަ މުދާ މާލެއަށާ ރާއްޖޭގެ އުތުރާއި ދެކުނުގެ ބޮޑެތި ފިހާރާތަކަށް ވިއްކާލާފައި ބާކީ މިގެންނަނީ ރަށަށް. ގުދަންކުރަނީ މިކޮޅުގަ. ޚާއްސަކޮށް އިންޑިއާއިން ގެންނަ ފިޔާ އަލުވި ބިސް. އަޅުގަަނޑުމެންގެ ޕްރޮޑަކްޓްސް މިހާރު ހުންނާނެ ކުޅުދުއްފުށިންވެސް ލިބެން. ތިނަދޫންވެސް. ފަސްމުގޫ ބްރޭންޑް ނުވަތަ ފަސްމުގޫ ނަން ޖަހައިގެން އިމްޕޯޓް ކޮށްފަ ހުންނަ އެއްޗެތި..

އަނެއްކަމަކީ އޯވަރސީސް ބޮޑުކޮށް އަޅުގަނޑުމެންގެ އިމްޕޯޓް މުޅި ކުންފުނި 70އިންސައްތަ އާ ހަމައަށް 2017ވަނަ އަހަރު ނިމެންވާއިރަށް ބަދަލުކުރުން. މުޅި އިމްޕޯޓް ގެ 70 އިންސައްތައަކީ އަމިއްލަ މުދަލަށް ވާން ޖެހޭނެ. ދެން ބާޒާރު 30 އިންސައްތައަށް ދަށް ކުރުން.

ފަސްމުގޫ ބިލްޑްވެއަރ މި ހުޅުވީ ލިވިންގ ސެންޓަރަކާވެސް އެކު. ފަސްމުގޫ ފިހާރަވެސް 2017ވަނައަހަރުގެ ސޭލް އެޅުވުމުގެ ކުރިން (ފަސްމުގޫ ރަމަޟާން ސޭލް ) ރީބްރޭންޑްކޮށް ފަސްމުގޫ ސުޕަރމާކެޓްގެ ނަމަށް ބަދަލު ކުރުން.

ދެން ފެންނަން އެންމެ ބޭނުންވާ ދުވަހަކީ ފަސްމުގޫ ސްޕޯޓްސް ވެއަރ އެއް ރަށުގައި ހުޅުވުން. އެއީ އެކަމަކު އަޅުގަނޑުމެން މިހާރު ޖަހާފައި މިހިރަ ހިސާބުތައް ކާމިޔާބު ވެއްޖެނަމަ. އޭރުން އިރާދަ ކުރެއްވިއަޔާ 2018ވަނައަހަރަށް ކުރިމަތިލާއިރު ފަސްމުގޫ ސްޕޯޓްސް ވެއަރއެއް ހުޅަވައި އެތަނުން ޓްރޮފީއާއި މެޑެލް ހަދައިދިނުމުގެ އިތުރުން ޖާޒީގައި ނަންބަރު ޖެހުންފަދަ ކަންކަންވެސް ރަށުގައި ތިބެވިގެން ކުރެވިގެން ދާނެ.

ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ އިސްމާއީލް އީވީއަށް އިންޓަވިއު ދެއްވަނީ. ވަރަށް އަވަހަށް އޭދަފުށީގައި ކުޅިވަރުގެ ސާމާނު ވިއްކާ ފިހާރައެއް ހުޅުވުމަށް ވިސްނަވާކަމަށް ވިދާޅުވި / އީވީ ފޮޓޯ

ތިހާ ފުޅާކޮށް ވިޔަފާރި ކުރަމުން ދާއިރު ރަށުގެ ރައްޔިތުންނަށް އޮތް އުފާވެރި ޚަބަރަކީ ކޮބައިތޯ ؟

ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ އަގުހެޔޮކޮށް އެއްތަނަކުން ހުރިހާ އެއްޗެއް ހެން ލިބެން ހުންނާނެ ވާހަކަ. މުހިއްމު އަނެއް ޚަބަރަކީ މިހާރު އޮންނާނީ އޭދަފުށީ ބޮޑުމިސްކިތުގައި ކާޕެޓް އަޅަން ދާ ޚަރަދުގެ ދެބައި ކުޅަ އެއްބައި ދޭނެ ވާހަކަ ރަށުކައުންސިލް ގައި ބުނެފަ. އެބޭފުޅުން ކުރެއްވި އަވަހެއް މީގައި އޮތީ.

ހިތާމަވެރި ޚަބަރަކީ ބޮޑުމިސްކިތުގެ ސީލިންގ އެޅުމަށް ހަދިޔާ ކުރަން ގެނެސްފައި ހުރި 150 ޖިޕްސަން ބޯޑް ފިލާ އޭދަފުށީ ކައުންސިލުން ހަވާލުވާން ނައުމުގެ ސަބަބުން  މިހާރު އެތަކެތި މި ވިއްކާލާ ވާހަކަ ގިނަ ދުވަސްތަކެއްގެ ފަހުން. އެތައް ފަހަރަކު އެބޭފުޅުންނަށް ދަންނަވައިފިން. އާދައިގެ ޖިބްސަން ބޯޑެއް ނޫން މިއީ. އަމިއްލާ ގޭގައިވެސް ބޭނުންކުރުމަށާ އެއްކޮށް ގެނެސްފައި ހުރި މިޖިޕްސަންބޯޑް އަކީ ބާޒާރުގައި ވިއްކަން ހުންނަ ފިލައަށް ވުރެ މާ ކޮލިޓީ މާބޮޑަށްވެސް ރަނގަޅު އެއްޗެއް.

އަނެއް ކަމަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ނަށް މޫދަށް އެރުމަށް ބޭނުންވާ ކޮންކްރިޓް ސިޑިއެއް ހަދައިދޭން ގަސްދުކޮށް އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ދޭ ގޮތަށް މި މަސައްކަތްކުރަން އުޅޭ މީހުން ގާތުވާނީ ބުނެފައި .

މީގެ އިތުރުން ދެން އަޅުގަނޑުމެން ނިންމާފައިވާ މުހިއްމު ނިންމުމަކީ ކޮންމެ އަހަރަކުވެސް ތައުލީމީ މަރުކަޒުގެ ބެސްޓް އޯލްރައުންޑަށް ފަސްމުގޫ ގްރޫޕްގެ ފަރާތުން އިނާމު ދިނުން.

އިނާމުގެ ތަފްސީލު ހާމަނުކުރިނަމަވެސް އިސްމާލުގެ ވާހަކަ ތަކުން އެއީ އެކަށީގެންވާ ރަނގަޅު އަދި ވަރަށް ބޭނުންތެރި އަގު ބޮޑު އެއްޗަކަށް ވާނޭކަން ދޭހަވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top