ވޭތުވެދިޔަ އާދީއްތަ ދުވަހަކީ ރާއްޖޭގެ ސްކޫލް ތަކުގެ ޙަޔާތުގައި އައި ކަޅު ދުވަހެކެވެ. ހިތާމަވެރި ކަޅު ދުވަހެއްގެ ގޮތުގައި ބަލާނެ ދުވަހެކެވެ. މުސާރަ ބޮޑު ނުކޮށްދީގެން ޓީޗަރުންނަށް ކަޅު ހެދުންލައިގެން ސްކޫލަށް ނުކުތުމަށް ޓީޗަރސް އެސޯސިއޭޝަނުން އަންގައިގެން އެކަމަށް އިޖާބަ ދިން ބަޔަކު ގައުމުގެ ޅަދަރިންނަށް ބަސްނާހަން ދަސްކޮށްދިނުމުގެ ފުރަތަމަ ފިލާވަޅު ނަގައިދިން ދުވަހެވެ.
މިފަދަ ގޮތަކަށް ސްކޫލް ތަކުގައި ކިޔަވާ ޅަދަރިންގެ ކުރިމައަޗަށް ނުކުތުމަށް އަމުރު ނެރުނު ފަރާތަކީ ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރި މީހެއް ކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. އޭނާގެ އިންޓެގްރިޓީ އާއި މެދު ސުވާލު އުފެއްދޭނެ ޖާގަ އެބައޮތެވެ. އެހެނީ މުޒާހަރާ ކުރުމާއި އިހްތިޖާޖް ކުރުމާއި ޝުއޫރު ފާޅުކުރަން ޖެހެނީ ކިޔަވައިދޭ ދަރިވަރުގެ ކުރިމަތީގައި ކަމަށް ވާނަމަ އެ ކުދިންނަށް އެ ދަސްކޮށްދެވެނީ މިއަދާއި ހަމައަށް ސިޔާސީ ނުވެ އޮތް ސްކޫލް ތަކުގެ ދަރިވަރުންނަށް ސިޔާސީ ވާން ނޫން ދެން އެހެން ކޮން ކަމެއްތޯއެވެ.
މިފަދަ ކަމަކަށް އަމުރު ކުރުމަކީ ނުވަތަ މި ކަހަލަ ގޮތަކަށް ޅަދަރިންގެ ކުރިމައްޗަށް ނުކުމެ ޝުޢޫރު ފާޅު ކުރުމުގެ ނަމުގައި ނުބައި ތަސައްވުރެއް ކުދިންގެ ހިތުގައި އުފެދޭ ގޮތަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކުން އެދުމަކީ ނުވަތަ ބާރު އެޅުމަކީ ހަމަ ސީދާ ގައުމުގެ މުސްތަގުބަލަށް އޭގެ ނުބައި އަސަރު ކުރާނެ ކަމެކެވެ. އަމިއްލަ އެދުމެއް ޙާސިލު ކުރުމަށް ކޮންމެ ފަދަ ނުބައި ކަމެއްވެސް ކޮށްފާނެ ކަން ދޭހަކޮށްދޭ އަމަލެކެވެ. ޓީޗަރުންގެ މުސާރަ ކުޑަކުރީ ނުވަތަ ހެޔޮ ބަދަލެއް ނުގެނެސް ދިނީ އެ ކުދިންނެއް ނޫނެވެ. ވީމާ އެކުދިން ރަހީނު ކޮށްގެން އެ ކުދިންގެ ކުރިމަތީގައި ޑްރާމާކުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެފަދަކަމެއް ކުރިޔަދީގެންވެސް ނުވާނެއެވެ. މިގޮތަށް ޓީޗަރުންގެ އަމަލުތައް ހުރުމުން މިކަމާބެހޭ ގޮތުން ކުރު ޖުމްލައަކުން ބުނެލާނަމަ ބުނެވޭނީ ގައުމު ބިނާކުރަން އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ޢިއްޒަތްތެރި މުދައްރިސުން ތިޔަ ކުރެއްވީ ވަރަށް ހުތުރު އަދި ނާ ތަހުޒީބީ އަމަލެއް ކަމުގައެވެ. ގައުމުގެ ޙައްޤުގައި ބަލައިނުގަނެވޭނެ އަދި މާފުނ ނުކުރެވޭނެ ކަމެއް ކަމުގައެވެ.
ޓީޗަރުންނަކީ ގައުމު ބިނާކުރުގެ އެންމެ މުހިންމު އަސާސެވެ. ޓީޗަރުންނަކީ ގައުމުގެ މުސްތަޤްބަލު ކުރަހައި އޭގައި ކުލަ ޖައްސައިދިނުމުގެ މުހިއްމު މަސްއޫލިއްޔަތު އަދާކުރާ ފަރާތެވެ. ގައުމު ހިންގާނެ ދަރިން އުފައްދާ މީހުންނެވެ. ގައުމުގެ މަންމައިންނެވެ. ބައްޕައިންނެވެ. މައިންބަފައިން ދަރިންނަށް ދައްކައިދޭން ޖެހޭނީ ރިވެތި މިސާލެވެ. ރިވެތި ނަމޫނާއެވެ. އެކަމަކު މިއަދު ތިޔަ ބޭފުޅުން އެ ކުދިންނަށް ދަސް ކޮށްދެއްވި ފިލާވަޅަކީ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާއިރަށް އިޙްތިޖާޖް ކުރުމެވެ. ނުވަތަ ޝުޢޫރު ފާޅު ކުރުމެވެ. އަހަރެމެންނާ ބީރައްޓެހި މިފަދަ އާދަތަކަކީ ރަނގަޅު ކަންތައް ކަމުގައި ދަސްކޮށް ދެއްވަނީއެވެ. އަޅުގަނޑު ހިތަށްއަރަނީ މިފަދަ ކަމެއް ކުރެއްވުމުގެ ކުރިން މި ލޮބުވެތި ގައުމާއި މެދު ތިޔަ ބޭފުޅުން ވިސްނާލެއްވި ނަމައެވެ. ޓީޗަރުންގެ ބޮލުގައި އެޅިފައިވާ ޅަދަރިންގެ ކުރިމަގާމެދު ވިސްނާލެއްވި ނަމައެވެ.
ޓީޗަރުން މިއަދުގެ ދަރިވަރުންނަށް ނުވަތަ މާދަމާގެ ޖީލަށް އެ ދައްކައިދިނީ ދާން އޮތް ސާފު މަގު ދޫކޮށް ނުބައި މަގެވެ.. އެމަގުން ދިއުމަށް ހިތްވަރު ދިނީއެވެ.
އަޅުގަނޑު އެއްބަހެވެ. ޓީޗަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ. އެކަން އެންމެންވެސް ގަބޫލު ކުރެއެވެ. އަދި ހަމަ އެހެންމެ ޓީޗަރުން ކުރާ މަސައްކަތާ އެއްވަރުގެ މުސާރައެއްވެސް ނުލިބެއެވެ. ހަގީގަތަށް ބުނަންޏާ އެބުރަ މަސައްކަތާ އެކަށީގެންވާ ވަރުގެ މުސާރައެއް ނުވެސް ދެވޭނެއެވެ. އެމީހުންގެ މަސްއޫލިއްޔަތާ ޒިންމާ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑުވާތީއެވެ. އެކަން ގައުމު ހިންގަވަން ތިއްބެވި ވެރިންވެސް ދަންނަން ވާނެއެވެ. ކަންކަން ރާވާ ހިންގަވަން ތިއްބެވި ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެންމެންނަށް ވެސް އެނގެން ޖެހޭނެއެވެ.
އެންމެ ރަނގަޅެވެ. އެކަމެއް ނުދަނެއެވެ. އެހެންވިއްޔާ ދެންވެސް ދާން އޮތްމަގު އެބައޮތެވެ. އެމަގުން ދާންވީ ނޫންތޯއެވެ. އެމަރުހަލާތައް ކަޑައްތު ކުރަންވީ ނޫންތޯއެވެ. ސްކޫލުން ބޭރު ކޮންމެ ތަނަކުވެސް ޝުޢޫރު ފާޅު ކުރަންވީއެވެ. ހައްގުހޯދަން ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަންވީއެވެ. ކުރަން ވާނެއެވެ. އެކަމަކު ޅަދަރިންގެ ކުރިމައްޗަށް ހުރިހާ ޓީޗަރުން އިހްތިޖާޖްގެ ކަޅުހެދުން އަޅައިގެން ނުކުތުމަކީ މި ކަމުގެ ހައްލު ކަމަށް ދެކޭނަމަ އެއަށްވުރެ މޮޔަ ވިސްނުމެއް ކޮބާ ހެއްޔެވެ. މިގޮތަށް ކަންތައް ކުރެއްވުމުން ބެލެނިވެރިންނާއި ޓީޗަރުންގެ މަސައްކަތް އިޙްތިރާމާއި ގަދަރުވެރިކަމާއެކު ބަލައިގަންނަން ތިބި އެތައް ބައެއްގެ ނަފްރަތު ނޫން ދެން ލިބޭނީ އެހެން ކޯއްޗެއް ތޯއެވެ.
ސްކޫލް ތަކާ ހޮސްޕިޓަލް ފަދަ ތަންތަނަކީ ބައިނަލްއަގްވާމީ ގޮތުންވެސް އަމާންކަން ކަށަވަރު ކުރެވިފައިވާ ތަންތަނެވެ. ޚާއްޞަ އިމްތިޔާޒް ތަކެއް ލިބިދީފައިވާ ތަންތަނެވެ. މި ތަންތަން މިތަންތަނުގެ ގޮތުގައި ބަހައްޓަވާށެވެ.
މުސާރައިގެ މައްސަލައަކީ ހަމަ އެކަނި ޓީޗަރުންނަށް ދިމާވެފައިވާ ކަމެއް ނޫނެވެ. އެކަން ހުރިހާ ދާއިރާ އެއްގައިވެސް އެބައޮތެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުދޭވަރުގެ މުސާރައެއް އެކަކަށްވެސް ނުލިބެއެވެ. އެއް މަސައްކަތެއް ކުރާ ދެ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ތަފާތު ވާހަކައާއި މިނިވަން މުވައްސަސާތަކުގެ މުސާރައާއި ސިވިލް ސާވަންޓުންގެ މުސާރައިގެ ބޮޑު ފަރަގުގެ ވާހަކައަކީ އަޑު އިވި ބާވެފައިވާ ވާހަކަ ތަކެކެވެ.
މީގައި ވިސްނަންވީ މިހާރު އަހަރެމެން މި އުޅެނީ ބަދަލެއްގެ މަގުމަތީގައި ކަމެވެ. އިއްޔެއާއި އިހަށް ދުވަހުގެ ވާހަކަ ނުދައްކާ މިއަދުގެ ވާހަކަ ދައްކަމާ ހިނގާށެވެ. ދާދިފަހުން ރައީސް ޔާމިން ވެސް ސަރުކާރު މުވައްޒަފުންދެ މުސާރައަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށާއި އެބަދަލު ގެނެސް ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެއޮތީ ފެހި ސިގަނަލް ލިބިފައެވެ. ފުރުސަތު ދެމާ ހިނގާށެވެ. ނުވަރޭ ފެނުތެރޭ އޮތް ސަރުކާރަކަށް ހުރިހާ ކަމެއް އެއްފަހަރާ ނުކުރެވޭނެކަން ގަބޫލުކުރަން ޖެހޭނެ އެވެ. މި ސަރުކާރުގައި ރަނގަޅު ބަދަލުތަކެއް އަންނަތަން އެބަފެނެއެވެ. ގައުމު އިގްތިސާދީ ގޮތުން ވެއްޓިފައި އޮތް ފުން ވަޅުގަނޑުން އަރައިގަތުމަށް ވަގުތު ބޭނުންވާނެއެވެ. އޭގެ ދިގުމިން ކަނޑައަޅާނީ ވަގުތާއި ޙާލަތެވެ. އެއަށްފަހު މުވައްޒަފުންގެ މުސާރައާއި މިނޫނަސް ބަދަލު އަންނަން ޖެހޭ ކަންކަމަށް ބަދަލު ނާންނަނަމަ އެވީ ޙައްޤު ހޯދަން ނުކުންނަން އަރުވާ ޖަހާށެވެ.
އެއްވެސް ދިރުމެއްނެތް ޓީޗަރސް އެސޯސިއޭޝަންގެ ރައީސް އާތިފް ޢަބްދުލްޙަމީދު ކިޔާ މީހެއްގެ ކޮމާންޑަށް އަމަލުކުރުމުގެ ގޮތުން ޓީޗަރުން ދަރިވަރުންގެ ކުރިމަތީގައި ކަޅުހެދުމުގެ ތަމްސީލު ކުޅެގެން މުޅި އެސޯސިއޭޝަން އިތުރަށް ފޭލްވުން ނޫން ކަމެއް ނުވާނެއެވެ. ޙައްޤު ހޯދަންވާނީ ގާނޫނީ އިމުގެ ތެރެއިން މުޖްތަމައު ގަބޫލު ކުރާ ގޮތަށް އެކަން ކުރަން މަގުން ރީތި ގޮތުގައެވެ. އެއީ މުޒާހަރާ ކުރުން ކަމަށް ވިޔަސް އިހްތިޖާޖް ކުރުން ކަމަށް ވިޔަސް ޝުއޫރު ފާޅު ކުރުން ކަމުގައި ވިޔަސް އެއަމަލުގައި ބައިވެރިވާނެ އެކަކަށް މުދައްރިސެއްގެ ގޮތުގައި ޒުވާން އުމުރު ހޭދަކޮށްފައިވާ އަދި މުޅި އާއިލާގެ 90 އިންސައްތަ އަކީ މުދައްރިސުން ކަމުގައި ވުމުގެ ފަޚުރު ލިބިފައިވާ އަޅުގަނޑު ވާނެ އެވެ.








