
ބ. އަތޮޅު ހޮސްޕިޓަލަށް ލިބުނު އެވޯޑާ، އިނާމާ ހޮސްޕިޓަލްގެ އިސްވެރިޔާ ވަހީދުއާއި، މިނިސްޓަރ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އީޓީ
ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ހޮސްޕިޓަލަކަށް ބ. އަތޮޅު ހޮސްޕިޓަލު ހޮވައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ރޭބޭއްވި ހާއްސަ ޖަލްސާގައި ބ. އަތޮޅު ހޮސްޕިޓަލަށް މިކަމުގެ އެވޯޑާ، އިނާމް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑާ ޑރ މަރިޔަމް ޝަކީލާއެވެ. އެވޯޑާއެކު، ލިބުނު އިނާމެއްގެ ގޮތުގައި އީސީޖީ މެޝިނަކާ، 3 ކޮންޕިއުޓަރ ސިސްޓަމް އަދި ދިހަހާސް ރުފިޔާ ހިމެނޭކަމަށް ރޭ އިއްލާން ކުރިއެވެ.
މި އެވޯޑުގެ އިތުރުން ހަމައެކަނި ސިއްހީ ދާއިރާއިން ފާހަގަ ކޮށްލެވޭ ފަދަ ހިދުމަތެއް ދިވެހި މުޖުތަމައަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ އެވޯޑް ހާސިލު ކުރީ ޑައިބެޓީސް ސޮސައިޓީ އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ޚާއްސަ ގޮތެއްގައި ކުދި ސޫފާ ސޫފިންޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މިހާރުން މިހާރަށްވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަނޖެހިފައިވާކަމަށެވެ. އެކަމަނާ ވިދާޅުވީ ޑެންގީ ހުމާއި ސްކްރަބް ޓައިޕަސްފަދަ ނުރައްކާތެރި ބަލިތައް އިތުރުވެ، ބައެއް މީހުންގެ ފުރާނައަށް ގެއްލުންވަމުންދާކަން ފަހަކަށް އައިސް ފާހަގަ ކުރެވެމުންދާކަމަށެވެ.
ޑރ. ޝަކީލާ ވިދާޅުވި ގޮތުގައި ސިއްހީ ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް އެތައް ބައެއްގެ ގިނަގުނަ މަސައްކަތްކެއްގެ ސަބަބުން ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް މިއަދު ނައްތާލެވިފައި ނުވަތަ އެ ބަލީގެ ނުރައްކާތެރިކަން ނެތް މިންވަރަކަށް ވަނީ ދަށްކުރެވިފަ އެވެ.
މިދުވަހާ ގުޅިގެން ހެލްތް މިނިސްޓަރ އޭދަފުއްޓަށް ކުރެއްވި ދަތުރުގައި އިއްޔެވަނީ ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ އާއިމާރާތްވެސް ހުޅުވައިދެއްވައިފައެވެ.
އަދި ދުވަހާ ގުޅިގެން އިއްޔެ ބޭއްވި ހިނގާލުމުގައިވެސް މިނިސްޓަރާއި، ގިނަބަޔަކު ބައިވެރިވިއެވެ. ހެލްތް ދުވަހާ ގުޅިގެން މިއަދު ހެނދުނު ގަސްއިންދުމުގެ ޕްރޮޤްރާމެއް އޭދަފުށީގައި ފެށުނެވެ. އަދި ހެލްތް ދުވަހުގެ ހަރަކާތްތައް ހަވީރު ނިންމާލީ އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރަކާއެކުގައެވެ.