އެންމެ ނުރައްކާތެރި ފާޙިޝް އަމަލަކީ ޒިނޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ހުކުރު ޚުތުބާގައި އިތުރަށް ބުނީ ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާއްމުވެއްޖެ ތަނެއް މާތްﷲ ހަލާކު ކުރައްވާ ކަމަށާއި މި ޒަމާނުގައި މި އަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ޒިނޭގެ ނުބައި ކަމުގެ މައްޗަށް އަލި އަޅުއްވާލައްވަމުން ޚުތުބާގައި ބުނީ އިސްލާމްދީނަކީ އިއްފަތްތެރިކަމާއި ތާހިރުކަމުގެ ދީން ކަމަށާއި މާތްﷲ ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަހްލާގީ އަމަލުތަކާއި ފާހިޝް އަމަލުތައް ހަރާމްކުރައްވާފައި ކަމަށެވެ.
”ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަގުސަދުގައި ދަތުރު ހަދައިގެން އެހެން ގައުމުތަކަށް ވެސް ގޮސް އުޅެއެވެ. އޭ އިންސާނާއެވެ! ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެބަ އޮތްހެއްޔެވެ؟ ތިބާގެ ވެރި ރަސްކަލާނގެ އަށް ބިރުވެތިވާށެވެ!“ ޚުތުބާގައި ބުނެފައިވެ އެވެ.
ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެގެ ދާކަމަށާއި އެގޮތުން އާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާ ކަމަށް ޚުތުބާގައި ބުންޏެވެ.
ޒިނޭކުރުމަކީ ނުބައިވެގެންވާ އަމަލަކަށް ވާއިރު އެކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ އާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަށާއި އެ މީހުން އެ ފާހިޝު އަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
ފާޙިޝް އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭ ކަމަށާއި ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ ޢަމަލުތަކަށްﷲ ދެއްވި ދުންޔަވީ ސަޒާއެއް ކަމަށްވެސް ބުނެފައިވެ އެވެ.
ޚުތުބާގައި ބުނެފައިވަނީ ފާހިޝު އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތައުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެން ކަމަށެވެ. އެ މީހުންގެ އަތުގައި ޝައިތާނާ ހިފުން މަނާކޮށްގެން ކަމަށެވެ.