އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމައިފި

FpvB6k0WIAEFJbT.jpg

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ކޯލިޝަން ހެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް ނިންމައި، އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. މިއާއެކު އެޕާޓީން ވަނީ ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ އެމްޑީޕީއާއި ޕީޕީއެމްއާއެވެ. މަޝްވަރާތަކަށް ފަހު މިއަދު އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތަނަވަސް އަޣުލަބިއްޔަތުން ވަނީ ރައީސް ސޯލިހާއެކު ކުރިއަށްދާން ފާސްކޮށްފަ އެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ދެކޮޅަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.

އެމްޑީއޭއިން ހާމަކުރި ގޮތުގައި ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލް މީޓިން އިން މިއަދު ނިންމާފައިވަނީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށެވެ.

އެމްޑީއޭގެ މި ނިންމުމަށް މަރުހަބާ ކިޔައި އެމްޑިޕީ އިން މިހާރު ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

ނޫސް ބަޔާނުގައި ބުނެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި ދައުވަތު ގަބޫލުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން ނިންމި ނިންމުމަށް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާކަމަށެވެ.

އެމްޑީއޭއިން، ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހާއެކު ކުރިއަށްދާން ނިންމާފައިވާއިރު، އަދާލަތު ޕާޓީންވެސް ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top