ތުޅާދޫ ހާތިމް : މިއުޒިކީ ދުނިޔޭގައި ހަނދާން ނުނެތޭނެ ނަމެއް

IMG-3f4edc39ceef2209e39f4057e9d40248-V.jpg

ހާތިމް ،އަނބިކަނބަލުން ސައީދާ އާއެކު

1970ގެ އަހަރު ތަކަކީ ދިވެހި މިއުޒިކީ ގުލްޝަނަށް އައި ރަބީއު މޫސުމުގެ އެންމެ ހިތްފަސޭހަ ދުވަސްކޮޅެވެ. މާލެއާއި އަތޮޅު ތެރޭގައި މިއުޒިކް ގްރޫޕްތައް އެންމެ ފޯރިއާއެކު ހިނގައިގަތް އަހަރު ތައްވެސް މެއެވެ.

އެގޮތުން މާލޭގެ މިއުޒިކް ކްލަބް ތަކުގެ ގޮފިތައް އަތޮޅު ތެރެއަށް ފެތުރިގެން ދިޔައިރު ބ.އަތޮޅު ތުޅާދޫގައި އުފެދުނު މާލޭ ރާނީ ކްލަބްގެ ރާނީ ގޮފި ހިންގުމާ ހަވާލުވެލެއްވީ ތުޅާދޫ ހާތިމް އަބޫބަކުރު އިސްވެ ހުންނަވައިގެންނެވެ. ތުޅާދޫގެ ތާރީޚް ގުޅިފައިވަނީ ލިޔެލާޖެހުމާ އަތު މަސައްކަތްތެރިކަމުގެ ގޮތުން އެންމެ ކުޅަދާނަ ފަންނާނުން ތިބި ރަށް ކަމުގައި ވިޔަސް މިއުޒިކާ ގުޅުން ހުރި މުނިފޫހި ފިލުވުމުގެ ކަންކަމުގައި ވެސް ތުޅާދޫއަކީ ބ.އަތޮޅުން އެންމެ ފާހަގަ ކުރެވޭ ރަށެވެ. ތުޅާދޫގައި ރީތިކޮށް ލަވަކިޔާ މީހުންނާއި ބުންބެރު ޖެހުމާއި ބޮޑުބެރު ޖެހުމުގައިވެސް މަޝްހޫރު އެތަކެއް ފަންނާނުން މިދުނިޔެ ދޫކޮށްފައިވާ އިރު މިހާރުވެސް މިފަންނުގެ މޮޅު މީހުން އެރަށުގައި އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ މިއަދުވެސް އެއަޑު އަހާލުމުގެ ޝައުގުވެރިކަމާއި އޭނާގެ މިއުޒިކީ ހަރަކާތްތަކުގެ ޖާދޫގައި ނިކަން ރަނގަޅަށް ޖެހުނު އޭނާގެ އެންމެ ޒުވާން އިރުގެ ޒުވާނުންނެވެ.

ގައިމުވެ އެނގޭ ކަމަކީ ހާތިމްގެ ނަމާގުޅުވައިގެން އޭނާއަށް ހައްގުކަން އެންމެ ބޮޑު ލަގަބަކަށް ވެގެން ދާނީ މާލެއިން އުތުރު ރަށްރަށް މިއުޒިކީ ގޮތުން ހޭލައްވާލި މޫސީގާރުގެ ގޮތުގައެވެ. މަރްހޫމު ބެއްޔަ ހުއްތުގެ ޝާއިރާނާ ޚިޔާލުތަކުން އުފެދުނު މޮޅު ލަވަތާކާއި އެލަވަތަކަށް ފުރާނަ އަޅައިދިން ދިވެހި ލަވައިގެ އެންމެ އުސްކުންނުގައި ރަސްކަން ކުރި މަސްއޮޑި އާއިލާ އާއި އެލަވަތަކަށް ފައިހަމަކޮށްގެން ނަށަމުން ލަވަކިޔަމުން ގެންދިޔަ ހޮޅުދޫ އަބްދުﷲ ހަސަން ފަދަ ލެޖެންޑުންގެ ލިސްޓުގައި ހާތިމް ހިމެނޭނެއެވެ.

ހާތިމްގެ މިއުޒިކީ ޖާދޫގައި ޖެހުނު  މިއަދު ދޮށީ އުމުރުގެ ދުވަސް ތައް ގުނަމުން ދާ އޭރުގެ ޒުވާނުންގެ މާޒީގެ ސަފްހާތައް އުކެމުން ދާއިރު ޒުވާން ކަމުގެ ލޭ ދައުރު ކުރަން ފަށާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. އޭނާ އާއެކު އޭރު ސްޓޭޖްތައް ފަޅަމުން ގެންދިޔަ ބާރަށު ޔޫސުފްގެ ހަނދާންތަކެއް ނުފިލާނެއެވެ. މިއުޒިކާ އެއް ހަމައަށް ފައި ހަމަކުރަމުން އެ ފަންނާނުން ގެ ކުޅަދާނަކަން ދައްކަމުން ދިޔަ އިރު ހަމަ އެމިއުޒިކްގެ ޖާދޫގައި ޖެހި، ޖެހިހާ ބެރަކަށް ނަށަމުން ވަޖިދުވެ ގަތުލުވަމުން ކަތިލެވެމުން ދިޔައީ ކިތައް އަންހެން ކުދިންގެ ހިތް ކަމެއް އަދަދުން ބުނަން ނޭގުނު ނަމަވެސް ބޮޑު އަދަދަކަށް ވާނެ އެވެ. ލަތީފީ ހިތްތައް ޒަޚަމް ކުރަމުން އޭނާގެ ރީތި އަޑުން ކިޔަމުން ގެންދިޔަ ލަވަތަކުގެ ތެރެއިން އަދިވެސް ހިތުގައި އާލާވަމުން ދާ  “އާޖާ މޭރީ ޖާން ތެރޭ ގުރުބާން ތެރާ ދީވާނާ” އާއި “އޭ ލޯބި ނާޒުކު ހަސީނާ ކޮބައިހޭ ކަލާ ދޭ ޖަވާބަކީ” ގެ ލަވަތަކުގެ މަސްތުގައި ޖެހުނު ޒުވާނުން މިއަދުވެސް އެމަންޒަރުތަކާއި އަޑުތައް އަހާލުމުގެ ބޭނުމުގައި ޒުވާން ކަން އެނބުރި އަންނާނެ ނަމައޭ ހިތަށް އަރާނެއެެވެ.

ޒުވާން ހާތިމްގެ ފެނިފައި އަންހެން ކުދިން މަށަށް މަށަށް ގޮވަމުން ދިޔައީ އޭރު އެފަދަ ދިވެހި ފަންނާނަކު ފެނިފައި ނެތިމާ ކަމަށް ވެދާނެއެވެ. ބައެއް ރަށްރަށުގެ ކުދިން ހާތިމް އެރަށަށް ގޮސް ޝޯއެއް ދިނުމަށްފަހު ފުރައިގެން ދިއުމުން މޮޔަވެ  ފިރިން ގާތުން ވަރިވާ ހިސާބަށް ވެސް ގޮސްފައިވާ ވާހަކަ އަކީ މިއަދުވެސް ބާވުމެއް ނެތް ވާހަކަ އެކެވެ.

އެދުވަސްވަރު މާލެއިން އުތުރުގެ ރަށްތަކުގައި ހާތިމަކީ ދިވެހި ޖީތެންދްރާއެވެ. ނުވަތަ ޖޯއި މުކަރްޖީއެވެ. އޭނާގެ އެކްޓް ކޮށްފައިވަނީ  އޭރުގެ އެންމެ މަޝްހޫރު މި ފިލްމްސްޓާރުންނާ އެއްގޮތަށް ހަމަ އެ ސްޓައިލަށެވެ. އެކަމަކު އިންޑިއާގެ މަޝްހޫރު ސުޕަރ ސްޓާރުންނަށްވުރެ ހާތިމަށް ލިބޭ ކްރެޑިޓް ބޮޑުވެގެން ދަނީ ލިޕްސިންގ ގެ ބަދަލުގައި ލަވަ ކިޔަމުން ނަށަމުން ގެންދާ ތީއެވެ.

މިހާރު ހާތިމް ކޮބާހެއްޔެވެ. އޭނާ ގެއްލުނީ ހެއްޔެވެ؟ ކުޅަދާނަ އެކްޓަރު އަދި ލަވަކިއުންތެރިޔާ ސްޓޭޖުން ގެއްލުނުތާ 40 އަހަރުވީއެވެ.

” ގެއްލުނީއެއް ނޫން. މިހާރުވެސް ދައުވަތު ލިބޭ. އެކި މުނާސަބަތު ތަކުގައި ބާއްވާ ޝޯ ތަކުގައި ހަމަ އެންމެ ލަވައެއް ނަމަވެސް ކިޔައދިނުމަށް އެދެމުން ދޭ. ނަމަވެސް މިހާރު ގަބޫލު ކުރަނީ ކޮންމެ ކަމަކަށް ވެސް ނިމުމެއް އޮންނަ ފަދައިން ދިރި އުޅުމުގެ އެ ޗެޕްޓަރުވެސް ނިންމާލެވުނީ ކަމަށް. އެންމެ ބޮޑު ސަބަބކީ އަހަރެން ނަމޫނާ ދައްކަން ޖެހޭ އަދި އަހަރެން ފޮލޯ ކުރާ މީހުންނަށް މިއީ އެހާ ރަނގަޅު ކަމެއްކަމަށް ނުފެންނާތީ.  ” ހާތިމް ބުންޏެވެ.

މިއުޒިކީ ދާއިރާއަށް ވަދެވުނު ގޮތް ކިޔައިދެމުން ހާތިމް ބުނީ މި ޚިޔާލު ލިބުނީ ލަވަ ކިއުމުގެ އިތުރުން ނެށުމަށްވެސް ހަމައެހާމެ މޮޅު ، ހޮޅުދޫ އަބްދުﷲ ގެ ސަބަބުން ކަމުގައެވެ.

”އޭރު އުމުރަކީ 15 އަހަރު. މަދަރުސާ އިން ހަމަ ނިމުނުތަނާހެން ދިވެހި ގައުމީ ލަވަކިއުމުގައި އެފަދަ ދެވަނަ އެއް އަދިވެސް ފެނިފައި ނެތް ހޮޅުދޫ އަބްދުﷲ ތުޅާދޫއަށް ދުރުވީ ޝޯއެއް ދޭން. އެމަންޒަރު ބަލަން އެއްވެފައި ތިބި ގިނަ މީހުން ފެނިފައި ހިތަށް އެރި މިއީ މީހުން ހާދަހާ ޝައުގު ވެރިވާ ކަމެކޭ .ހާދަ ފޯރި ނަގާ ކަމެކޭ. އެހެންވެ އެފޯރިއާ މީހުންގެ ޗައުގުވެރިކަން ހުރި ވަރު ފެނިފައި ހިތަށްއެރީ މިކަން ވާނީ ކުރެވޭތޯ ބަލާށޭ.” ދާއިރާ އަށް ވަދެވުނު ގޮތް ކިޔައިދެމުން ހާތިމް ބުންޏެވެ.

އެއީ ފެށުމެވެ. އެއާއެކު މަޑުމަޑުން ލަވަކިޔަމުން އައިސް ރަށުގައި ދިން ފުރަތަމަ ޝޯވެސް ވެގެންދިޔައީ ކާމިޔާބު ޝޯއަކަށެވެ. އެޝޯގެ ހަނދާންތައް އާކުރަމުން ހާތިމް ބުނީ މި ޝޯއަކީ މަރްހޫމް އ.ދ.ތ މުހައްމަދު ފުޅު ތުޅާދޫ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންނެވި ފަހަރަކު މުހައްމަދުފުޅުގެ އެދިވަޑައިގަތުމަށް މާލޭ ރާނީ ކްލަބްގެ ގޮފީގެ ފަރާތުން ދިން ޝޯއެއް ކަމުގައެވެ.

” އެޝޯ އޮތީ ތުޅާދޫ މަދަރުސާ ގައި. އެ ދަތުރުގައި ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ބަދުރުވެސް ބައިވެރިވެ ވަޑައިގެންނެވި. އަޅުގަނޑުމެންގެ ޝޯ ރެކޯޑްކުރައްވައިގެން އަޅުގަނޑުވެސް ގޮވައިގެން ދިޔައީ ރ. މީދޫއަށް. މީދޫގައި މިޝޯ ދެއްކުމަށްފަހު ރަސްގެތީމަށާއި އަލިފުއްޓަށް ގޮސް އަލިފުށީގައި ދައްކަނިކޮށް ޓޭޕްގައި މައްސަލަ ޖެހި ޓޭޕް ހަލާކުވީ” .

ޝޯއަށް ލިބުނު ތަރުހީބާ އެކު ބަދުރު އަލުން ރެކޯޑް ކުރައްވަން ބޭނުންފުޅުވިޔަސް އޭރުގެ ހާލަތު ހުރި ގޮތުން އާ ޓޭޕެއް ލިބެން ނެތުމުން ބަދުރު ވަރަށް ދެރަވިއެވެ.

ރ.އަތޮޅުން ލިބުނު ބޮޑު ތަރުހީބާއެކު ހާތިމަށް ޔަގީން ކުރެވުނީ މިއުޒިކީ ދާއިރާގައި މިހާރު ހުރި ހިސާބުން އޭނާ ޖަހާލާފައި ކުރިއަށް އެރިދާނެ މީހަކު ތުޅާދޫގައި ނުހުންނާނެ ކަމުގައެވެ. ކަންތައް ވީވެސް އެހެންނެވެ.

“ކުރިން ތުޅާދޫގައި ލަވަކިޔަމުން އައީ އުސްމާނު. އެކަމަކު އަޅުގަނޑު ލަވަކިޔަން ފެށުމާއެކު އަޅުގަނޑު މާ މަގްބޫލު ވެއްޖެ. އެހިސާބުން ލަވަކިޔަން ފެށީ. އެއަށްފަހު ނަށަންވެސް ފެށީ. ”

ހަމައެކަނި ބެރަކާ ފުޅިއަކުން މަސައްކަތް ފަށައި ތަރައްގީ ކުރަމުން އައިސް ހަރުމޮނިއަމަކާ އަދި އެހެން ސާމާނު ތައް ވެސް ހަމަކޮށް ފެށުމުން ހާތިމް ވެގެން ދިޔައީ ކުރިންވެސް ބުނިހެން ރާއްޖޭގެ އުތުރުގައި އުފެދުނު އެންމެ މޮޅު މިއުޒިޝަނަށެވެ. އެންމެ ރީތިކޮށް ލަވަކިޔާ ލަވަކިއުންތެރިޔާ އަށެވެ.

ރަށްރަށަށް އައުމަށް ވަރަށް ގިނައިން ދައުވަތު ލިބޭ އިރު އެކި މުނާސަބަތުތަކާ ގުޅުވައިގެންވެސް ހާތިމްގެ ޝޯއެއް ބޭއްވުމަކީ ރައްޔިތުންނަށް ލިބޭ ޚާއްސަ އުފަލަކަށް އޭރު އޮންނަނީ ވެފައެވެ. ޝޯއެއް ދޭން ރަށަކަށް ހިނގައްޖެނަމަ އެބަހައްޓާ ގާތްކަމާ ހިތްހެޔޮ ކަމުގެ އިތުރުން އެކްޓަރެއްގެ ގޮތުގައި ބަލައިގަތްކަމީ ހާތިމަށްލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

”މީހުންތައް ހީވަނީ އާކަމެއް ފެނިގެން އުޅޭހެން. އެކަމަކު އެހެންއެވީ ރާއްޖެތެރޭގައި މި ކަހަލަ މުނިފޫހި ފިލުވުމުގެ ހަރަކާތެއް އެއްވެސް ވަރަކަށް ނޯވެފައި މިކަހަލަ ކުޑަކުޑަ ކަމެއްވެސް މީހުންނަށް މާބޮޑު މާ މަޖާކަމެއްގެ ގޮތުގައި ބަލައިގަނެވޭ ގޮތް ވީ. ”  އުމުރުން މިހާރު 70 އަހަރުގެ ހާތިމަށް އޭރު ލިބުނު ސަޕޯޓާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް ހާމަކުރީ މިގޮތަށެވެ.

ހާތިމް ބުނީ މިހުރިހާ ކާމިޔާބަކާއެކު ފަހުން އޭނާގެ އެއް މަސްއޫލު ވެރިކަމުގެ ދަށުން ތުޅާދޫ ސިލްވަރޝައިން ކްލަބް ރަޖިސްޓްރީ ކުރުމަށްފަހު މަސައްކަތް މާބޮޑަށް ފުޅާ ކުރި ކަމުގައެވެ.

އޭނާގެ ކާމިޔާބީގެ ވާހަކަ ދައްކަމުން ބުނީ  މާލެއިން އުތުރުގައި ޝޯއެއް ނުދޭ ރަށެއް ހަމައެކަނި ބެރިންމަދޫ އާއި މޮޅަދޫ ފިޔަވައި ނޯންނާނެ ކަމުގައެވެ.

ހާތިމް އެނމެ ފަހުން ސްޓޭޖަކުން ފެނިފައިވަނީ މީގެ ހަތަރު އަހަރު ކުރިން ތުޅާދޫގައެވެ. އެވެސް އިންތިޒާމު ކުރި ފަރާތުގެ އެތައް އާދޭހަކާ އެކު ޝަރުތަކާވެސް އެކުގައެވެ. އޭނާ އެޝޯގައި ލަވަކިޔާކަން ސިއްރު ކޮށްފައި ބޭއްވުމެވެ. ބައިވަރު ސަބަބު ތަކެއްވެސް ހުރުމާއެކުގައެވެ.

އެޝޯވ ބަލަން ވަން މީހުން ހާތިމްގެ އަޑު އިވުމާއެކު ހީވީ ކެކި އަރައިގަތް ހެންނެވެ. ލަވަނިމުމުންވެސް ވަންސް މޯގެ އަޑު އެތައް މިނިޓަކަށް ގުގުމާލާފައި ހުއްޓެވެ. ޝޯ ބެލި މީހުންގެ ފަރާތުން ލިބުނު އެންމެ އުފާވި ކޮމެންޓަކީ އުމުރު ކިތަންމެ މައްޗަށް ދިޔަނަމަވެސް އަޑު ހަމަ ޒުވާނެވެ. ހާތިމްގެ އަޑަކަށް ހަވީރުވުމެއް އަދިވެސް ނާންނަ ކަމާއި އެއީ އަބަދަށް ޒުވާން އަޑެއް ކަމުގައެވެ.

އެކަމަކު ދެން ހާތިމްގެ އަޑެއް ސްޓޭޖަކުން ނީވޭނެ އެވެ. އެއީ އޭނާގެ ނިންމުމެވެ. އެކަމަކު އެއީ އުމުރުން ދުވަސްވުމުގެ ސަބަބުން ނިންމި ނިންމުމެއް ނޫނެވެ.

 

.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު