ދަރިންނާމެދު އިހުމާލު ނުވާތި! އެއީ ﷲ ހަވާލުކުރެއްވި އަމާނާތެއް: އަޒީޒާ

DSCN0611.jpg

އަޒީޒާ، މާމަ ދަރިފުޅު ޝަހުދާ އާ އެކު - އީވީ ފައިލް ފޮޓޯ

ނުވަ ދަރިން ތައުލީމާ ތަރުބިއްޔަތުން ފުރިހަމަކޮށްދިނުމަކީ އިލްމުވެރިންގެ ބަހުންނަމަ ހަނގުރާމައެއް ފަތަހަކުރުން ފަދަ ކަމެކެވެ. މަންމައަކަށް ކުރެވޭނެ އެންމެ އުނދަގޫ، ބުރަ މަސައްކަތެވެ. ޒުވާން އުމުރުގެ ހުރިހާ ހަކަތައެއް ހުސްކޮށްގެން ކުރި މަސައްކަތުގެ ފޮނި ނަތީޖާ، ގައިބާރު ދެރަވާ ދުވަހު ފެނުމަކީ ދުނިޔެއަށް އައި އަސްލު މަގްސަދު ހާސިލުވެއްޖެ ކަމުގެ ފޮނި މީރުކަން ލިބޭނެ ހަމައެކަނި ގޮތެވެ. މިފަދަ ނަސީބުވެރިންނަކީ މަދު ބައެކެވެ.

އެކަކީ އޭދަފުށީ “ފެންއާރު” އަޒީޒާ އަލީއެވެ. އޭނާވަނީ ދިރިއުޅުމުގެ މި ވަރުގަދަ ހަނގުރާމައިން ފަތަހަ ހޯދާފައެވެ. ނުވަ ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި ކާމިޔާބުގެ އެންމެ އުސް ކުންނާ ހަމައަށް ވާސިލް ވެފައެވެ. ޒަމާނުގެ ނުކިއްސަރު އަޚްލާގީ ބަލިމަޑުކަމާދުރުގައި އެކުދިން ރައްކާތެރިކޮށް ދުނިޔެ ގަބޫލުކުރާ ފެންވަރަށް ތައުލީމު ދިނުމުގައިވެސް މިސާލު ދައްކާފައެވެ.

ނުވަ ކުދިންގެ ތެރެއިން ހަ ކުދިންނަކީ މާސްޓަރސް އާއި ޑިގްރީ ހޯލްޑަރުންނެވެ. ދެން ތިބި ދެކުދިންނަކީ އޯލެވްލް އިން ރަނގަޅު ނަތީޖާ ހޯދައިގެން ސަރުކާރުގެ ވަޒީފާގައި މިހާރުވެސް ދެމި ތިބި ކުދިންނެވެ. އެންމެ ހަގު 20 އަހަރުގެ ޝިފްގާ މެލޭޝިއާގައި ޑިގްރީއަށް ކިޔަވަމުން ދަނީއެވެ. ހަމަ އެއާއެކު ތަރުބިއްޔަތު ދިނުމުގައި އޭނާގެ ބޮޑު ހިއްސާއެއް އޮތް އޭލެވެލް އިން 2016ވަނަ އަހަރު ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން އެއްވަނަ ހޯދި މާމަ ދަރިފުޅު ވެސް މިހާރު ހުރީ މެލޭގައި މަތީ ތައުލީމަށް ކިޔަވާށެވެ. މިއީ އަޒީޒާގެ ވަރަށް ބުރަ މަސައްކަތެވެ. ދިރިއުޅުމުގެ ގިނަ އިމްތިހާނު ތަކަކުން އޭނާ ވެސް އޭ ފާސް ހޯދިއްޖެކަމުގެ ހެއްކެކެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އަޒީޒާ ގެންގުޅުނީ އާދަޔާ ޚިލާފު ފޯމިއުލާ އެކެވެ. އެއީ ބަލަން ޖެހޭ އަހާއޮޅުން ފިލުވަން ޖެހޭ ކަމެކެވެ. އެފަދަ ދަރިންތަކެއް އުފައްދަން ބޭނުންވާ އެހެންމައިންނަށް މި ފޯމިއުލާ ބޭނުންކޮށްގެން ރަނގަޅު ދަރިންތަކެއް އުފެއްދުމަށެވެ.

އެވާހަކަތައް ފަށަންޖެހޭ ހިސާބަކީ މިއެވެ.

އަޒީޒާގެ ބޮލުން ވައްޓާލި ލިބާހާއެކު ކައިވެނީގެ ވަރުގަދަގޮށް ޖަހާފައިވަނީ އުމުރުން 16 އަހަރުގައެވެ. ސަރުކާރުންދޭ ފަސްހާސްރުފިޔާގެ އެލަވަންސް ލިބެން މިހާރު ކައިރިވާއިރު ދެމަފިރިން އަދިވެސް ތިބީ އެކަކު އަނެކަކާ ވަކިން ނޫޅެވާ ފަދަ ލޮބުވެތި ގުޅުމުގައި ކައިވެނީގެ ފުރަތަމަ ދުވަސް ފަދައިންނެވެ. ފަސްބައިގާ ކިލަނބުކަމެއް ނެތެވެ. ދީންވެރި ކަމާއި ރިވެތި އަޚްލާގު، އާއިލާއަށް ދައްކަމުން އައުމުގެ ސަބަބުން ދަރިންގެ ދިރިއުޅުންފެށި މާމަ ދަރިންގެ ހަޔާތުގައިވެސް ވާރުތަވަމުން އައީ އެންމެ ރީތި އުޅުމެވެ.

އޭނާގެ ދިރިއުޅުން މިހާހިސާބަށް އައީ ހުރިހާ މޫސުމަކާ ވެސް ކުރިމަތިލާފައެވެ. ބަހާރުގެ ހިތް ފަސޭހަކަމާ ޚިޒާންގެ ހިކި ކަމާއި ހޫނުކަން އެދިރިއުޅުމަށް އެކި ފަހަރު އެކި ގޮތަށް ތަކުރާރުވަމުންއައެވެ. ނަމަވެސް އަޒީޒާ އެއް ގޮތެއްގައި ގާއިމު ވެހުރި ހަމައެކަނި ކަމަކީ ނުވަތަ ކާމިޔާބީގެ އަސްލަކީ އޭނާގެ ވަރުގަދަ އަގީދާ އާއި ދިރިއުޅުމުގެ ކޮންމެ ގޮންޖެހުމަކީ އިބްރަތަކާ ފިލާވަޅެއްކަމުގެ ވަރުގަދަ ފަލްސަފާ އެވެ.

އަޒީޒާއަށް ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެންޏަށް އަހަރެއްވެސް ނުވަނީހެވެ. މައިން ބަފައިންގެ ހިޔާވަހިކަމުގައި ހުރިހާ ކަމެއް ފުރިހަމަވެފައިވާ މާހައުލެއްގައެވެ. އެކަމަކު އަޒީޒާ ގަބޫލު ކުރާ ހަމައަކީ ދަރިފުޅަށް ދޭންޖެހޭ ލޯތްބާއި އޯގާތެރިކަމަކީ އެހެންމީހަކަށް ދެވޭނެ އެއްޗެއް ނޫން ކަމުގައެވެ. ދަރިފުޅުގެ ހުރިހާ ކަމެއް ބޮލު އެޅުމަކީ މައިމީހާ ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.

ނުވަ ދަރިން ލިބި އެދަރިން ތަރުބިއްޔަތު ކުރުމުގައިވެސް އޭނާ ގެންގުޅުނީ މި އުސޫލެވެ. ދަރިންގެ ކަންކަން މީހުންނާ ހަވާލު ނުކޮށް އަމިއްލަ ދެއަތުން ކުރުމުގެ އުސޫލެވެ.

މަންމަގެ އުނގަކީ ދަރިންގެ ފުރަތަމަ މަދަރުސާ ކަމަށް ވާތީ އޭނާގެ ދަރިން ފުރަތަމަ މަދަރުސާއިން ފާސްވެގެން ބަހިއްޔާގެ ދޮރާށިން އެތެރެ ކުރީ ކުދިންގެ އަޚްލާގާ ތައުލީމީ ފެންވަރާމެދު ޓީޗަރުން ބުނާނެ އިތުރު ވާހަކަ އެއް ނޯންނާނެވަރަށް ރޯ ފިލުވައިދީފައެވެ.

އަޒީޒާ ބުނަނީ އޭނާ ހުރީ އަމިއްލަ ދިރިއުޅުމަކަށް ނުކުތުމުގެ ކުރިންވެސް ދަރިން ބެލުމާ ތަރުބިއްޔަތު ކުރުމަށް ފައްކާ ވެފައިކަމުގައެވެ.

“އަހަރެން ކިޔަވައި ނިމިގެން އުޅުނީ ދައްތަ (ހައްވަ )ގެ ގާތުގައި. އެއީ ދިރިއުޅުމުގެ ފުރަތަމަ މަދަރުސާ އަކީ. ދައްތައާ ޅިޔަންބެ( ތުއްތުމަނިކު )ގެ ތަރުބިއްޔަތުގެ ނަތީޖާ އެއީ. ދުނިޔެ އުޅެން ނުކުތުމުގެ ކުރިން ދިރިއުޅުމުގެ ހުރިހާ ފިލާވަޅެއް އެދެމަފިރިން ގާތުން ދަސްކުރީ.” އަޒީޒާ ބުންޏެވެ.

އެހެންވީމާ ފުރަތަމަ ދަރިފުޅު ލިބުމާއެކު ވެސް ތަރުބިއްޔަތުގެ ފުރަތަމަ ފިޔަވަޅު އަޅާނޭ ގޮތް އޮތީ އެގިފައެވެ.

“ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް އުނގަދޫ ކަމެއް. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް އެންމެ މުހިއްމު ކަމަކީ ހުރިހާ ކުދިން ދައްކަ ވާހަކަ ވެސް ޝައުގުވެރިކަމާއެކު އަޑު އެހުން.. އެރުން އެކުދިންނަށް މައިންބަފައިންގެ މުހިއްމުކަން ވަޒަން ކުރެވޭނެ. ”

އަޒީޒާ ގަބޫލު ކުރަނީ ކޮންމެ ކަމެއްގައިވެސް ހަމަހަމަކަމާއި އިންސާފުވެރިކަން ދައްކަން ޖެހޭނެކަމަށާއި ވަކި ކުއްޖަކު ތަފާތު ކުރުމަކީ ވެސް ނުރައްކާތެރިކަމެއް ކަމުގައެވެ.

“އޭރުން އެއުފެދުނީ ބަދަލު ހިފުމުގެ ރޫހު. “މިކަމަށް ސަމާލުކަން ދިނުމަށް އަޒީޒާ އިލްތިމާސް ކުރެއެވެ. “އަޚްވަންތަކަމާއި އާއިލާ ގެ މެދުގައި އޮންނަންޖެހޭ ގާތްކަމާ ލޯބިވެތިކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ކޮށްފިނަމަ އެކަމުގެ އަސަރު އެކުދިންގެ ދިރިއުޅުމަށް ކުރާނެ”

ހަމައެހެންމެ ދީނީ ކަންކަމަށް ސަމާލުކަން ދިނުމާއި ރަނގަޅު އާދަތައް ދަސްކޮށްދިނީ އެމީހުންނަށް އެކަން ދައްކައިގެންނެވެ.” އެމިސާލު އަހަރެމެން ދެއްކީ. ނަމާދު، ވަގުތުގައި އަދާ ކުރަން ޖެހޭނެކަން އަންގައިދިނީ ބައްޕަ އާއި މަންމަ ނަމާދު ޖަމާއަތުގައި އަދާކުރާ ތަން ދައްކައިދީގެން. އެކަކު އަނެކަކަށް ލޯބިވާން ޖެހޭނެކަން އަންގައިދިނީ މައިން ބަފައިން އެނަމޫނާ ދައްކައިދީގެން. ”

އަޒީޒާބުނީ ދަރިންނަށް އެންމެ ފުރަތަމަ ނަމޫނާ ދައްކަން ޖެހޭނީމަންމަ އާއި ބައްޕަ ކަމުގައެވެ. އެއީ ދަރިން ކޮޕީކުރާނީ މައިން ބަފައިންގެ އުޅުން ކަމަށް ވާތީއެވެ.

ދަރިންނާމެދު އޭނާ މިއަދު ފަޚުރު ވެރި ވިޔަސް އެދަރިންނަށް މޮޅަށް ކިޔަވައިދެވޭތޯ ވަރަށް ބޮޑެތި ބުރަ މަސައްކަތްތަކެއް ވެސް ވަނީ ކޮށްފައެވެ. މި ކަމުގައި އާއިލާގެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުންއޭނާ ބުންޏެވެ.

“ފަސް ކުދިން އެއްފަހަރާ މާލޭގައި ބައިތިއްބައިގެން ކިޔަވައިދިނުން ވީ ވަރަށް ބޮޑު ކަމަކަށް. މިހާރެކޭ އެއްގޮތަށް އެއީ ސަރުކާރުން ހުރިހާ ޚަރަދެއް ދީގެން ކިޔަވައިދެވުނު ޒަމާނެއް ނޫން. ބޭނުންވާ ހުރިހާ ފޮތަކާ ސްކޫލް ފީ އާ އެހުރިހާ ކުދިން އެކި ގޭގޭގައި ބައި ތިއްބައިގެން ޚަރަދު ކުރުން އޮތީ ވަރަށް ބޮޑު ކަމަކަށް ވެފަ.”

އަޒީޒާބުނީ އެހެންވިޔަސް އެކުއްޖަކު ބޭނުންވާ ހިސާބަކަށް ނުވަތަ ކުދިންގެ ބައްޕަ ބޭނުންވާ ވަރަކަށް ކިޔަވައިދީފައި ނޫނީ ހުއްޓާނުލަން ދެމަފިރިންވެސް ނިންމައިގެން އެގޮތުގައި ކުރިއަށް ދިޔައީއެވެ.

އަޒީޒާ ބުނީ  އޭނާއާއެކު ވަރުބަލި ކަމެއް ނެތި އެންމެ ގާތުގައި ވަރަށް ކެތްތެރިކަމާއއެކު ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި އެހީތެރިވުމަށް ހުރި ފިރިމީހާ އާ ނުލައި މިދުވަސް ފެންނާނެކަމަށް ހީނުވާ ކަމުގައެވެ.

“އެއީ ހުންގާނަކީ. ދިރިއުޅުމުގެ މިދިގު ދަތުރު ކާމިޔާބު ކަމާއެކު ނިންމާލެވުނު ކަމަށް ދެކޭނަމަ   އެހުރިހާ ޝުކުރެއްހައްގުވަނީ އަހަންނަށް ވުރެ ބޮޑަށް ކުދިންގެ ބައްޕަ އަށް. އޭނާއަކީ ކޮންމެ ދިމާލަކުން ކޮންމެ ގޮތަކުން ބެލި ނަމަވެސް ލައްކަ އަކުން އެކެއް.

މިހާރު އެހުރިހާ ކަމެއް ނިމިއްޖެއެވެ. ދެކުދިން ފިޔަވައި ހުރިހާ ކުދިން ދިރިއުޅެނީ އެތަން މިތާގައެވެ. އެހެންވިޔަސް މައިން ބަފައިންނާ މެދު ހުރިހާ ކުދިންވެސް ދެކެނީ އެންމެ ކުޑައިރުވެސް ދުށް ގޮތަށެވެ. ހީލަންވިޔަސް ރޯލަން ވިޔަސް އެންމެ ފުރަތަމަ ގުޅާނީ މަންމަ އަށެވެ.

އަޒީޒާވެސް އެކުދިންނާމެދު ދެކެނީ އަދިވެސް އެއީ އޭނާގެ ބޮޑެތި ނުވާ ކުދިންގެ ގޮތުގައެވެ.

“ބައެއް ރޭރޭ އެކުދިންގެ ވަޒީފާ އާގުޅޭ ކަންކަމުގައި ޓީވީއިން ފެންނާނެ. ވާހަކަ ދެއްކުމުގައި ގެންގުޅޭ ކުށް ބަސްތަކާ ހެދުން އަޅާފައި ހުންނަ ގޮތަށްވެސް ފާޑު ކިޔަން. “އެކަން ލޯތްބާއެކު ބަލައިގަންނަ ކަމަށް” އަޒީޒާ ބުންޏެވެ.

އޭނާއަކީ ގާރީ ކޯސް ހަދައި އެކޯހުން ފާސްވެފައިވާ މީހަކަށް ވާތީ އެންމެ ބޮޑު އުފަލެއްކަމުގައި މިހާރު ދެކެނީ ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ދަރިންތަކެއް އާއިލާގައި އުފެއްދުމެވެ. އެނަތީޖާ ދަނީ ފެންނަމުންނެވެ. އެ ކުދިން ދަނީ އެކި މުބާރާތްތަކުގައި ފާހަގަ ކުރެވޭ ވަނަތައް ހޯދަމުންނެވެ.

ދިރިއުޅުމުގެ ހަނގުރާމައިން ފަތަހަ ހޯދުމަށް ފަހު މިހާރު އެދެމަފިރިން ތިބީ އެމިހުން ދުނިޔެއަށް އައި ހުރިހާ ބޭނުމެއް ފުދި އާޚިރަތުގެ ހެޔޮކަމަށް އެދިއެވެ. ގިނަ ވަގުތު ހޭދަކުރަނީ އެކަމުގައެވެ. ﷲ ހަވާލުކުރެއްވި އަމާނާތްކަމަށްވާ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެކަމުގެ ހިތްހަމަޖެހުމާއެކު ދަރިންނަށްޓަކާ ފަޚްރުވެވޭ މައިންބަފައިންގެ ގޮތުގައެވެ. މާމައެއްގެ ގޮތުގައިވެސް މެއެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top