ރެސްޓޯރަންޓް ވިޔަފާރިއަށް އިންގިލާބެއްގެނައި މުޖޭއާއި، ބެއްލަވިސްތާ

DSCN7325.jpg

މުޖޭ އޭދަފުށީ ވޮއިސް އޮންލައިންއަށް އިންޓަވިއު ދެއްވަނީ. އީވީ ފޮޓޯ: ޝާހިރު އަހްމަދު

ބެއްލަވިސްތާ އަކީ އަސްލު އިޓަލިއަން ބަހެކެވެ. ސްޕެނިޝް ކޮށްލީމާ ވަނީ ބްރައިޓް ފިއުޗަރ އަށެވެ. ދިވެހިބަހުންނަމަ އުޖާލާ މުސްތަގުބަލެކެވެ. ބެއްލަވިސްތާ ގެ ނަން އޭދަފުށީގައި އުފެދުނު ފުރަތަމަ ރެސްޓޯރެންޓަށް ދިނީ އެތަނުގެ ވެރިޔާ މުހައްމަދު މުޖްތަބާނުވަތަ އަހަރެމެން އެންމެންގެ އެކުވެރި މުޖޭ އެވެ. އެނަން ދިނީ ކީއްވެގެންކަން އޭނާއެކޭ އެއްފަދައިން އަހަރެމެންވެސް ސިއްރެއްގެ ގޮތުގައި ބާއްވާނީއެވެ. އެކަމަކު މި ނަން ކިޔާފައިވަނީ އާއިލާގެ މެންބަރުންނަށް މުޖޭ ހުށައެޅި ހަތަރު ނަމުގެ ތެރެއިން ފުރޭނިގެންނެވެ.

ބެއްލަވިސްތާ ރެސްޓޯރެންޓަކީ މުޖޭގެ އުފެއްދުމެކެވެ. އުމުރުން 17 އަހަރުން ފެށިގެން 40އަހަރު ވަންދެން ރިސޯޓްތަކުގައި އުޅެގެން ހޯދާފައިވާ ހުރިހާ ތަޖްރިބާއެއް މި ރެސްޓޯރެންޓުން އެހެރީ ފެންނާށެވެ.

ދިވެހި މުސްކުޅި ސަގާފަތާ ދިވެހިވަންތަކަން ދައްކައިދޭ ގޮތަށް ރިސޯޓް ސްޓައިލާ މައްސުނި ގޮތަކަށް ފަރުމާކޮށްފައިވާ މިރެސްޓޯރެންޓް އުފެއްދުމުގެ ޚިޔާލަކީ އޭދަފުށީގައި ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓެއް ނެތުމުގެ އުނިކަން މުޖޭއަށް އިހުސާސްކުރެވޭތީ އެކަން ހަގީގަތަކަށް ހެދުމެވެ.

މިލިއަން ރުފިޔާގެ މި ރެސްޓޯރެންޓް ހުޅުވުމާއެކުވެސް ތަފާތު ފެނިގެން ދިޔައެވެ. މާހައުލުގެ ހިތްގައިމުކަމާއެކު ޒުވާނުން މިތަނަށް ދަމައިގަތުމުގެ އާދަޔާ ޚިލާފު ބާރެއް އޮތްކަން އެނގުނެވެ. އެކަނި ޒުވާނުންނެއްވެސް ނޫނެވެ. އާއިލާތަކާ ދޮށީ އުމުރުގެ މީހުންވެސް މިތަނާ ގަޔާވިއެވެ. ހެނދުނު ސަޔާއި ރޭގަނޑުގެ ކެއުން އަދި ހަވީރުސަޔަށް އިންސާފު ކޮށްލުމަށް އާއިލާތައް މި ތަނަށް ޖަމާވުމަކީ މީގެ ހެއްކެކެވެ.

ދެ އަހަރުތެރޭގައި ލިބުނު މި ކާމިޔާބާއެކު މުޖޭ މިހާރު ޚިޔާލުކުރަނީ އޭނާގެ އާއިލާގެ 2500އަކަފޫޓު ގޯތީގެ ދެބައިކުޅައެއްބައިގައި ހަދާފައިވާ މިރެސްޓޯރެންޓް ވަރުގެ ދެވަނަ ރެސްޓޯރެންޓެއްވެސް އުފެއްދުމަށެވެ.

މުޖޭގެ ބަހަކީ މިއެވެ. “މި ވިޔަފާރީގަ ޚާއްސަކޮށް ބެއްލަވިސްތާއިން އޭދަފުށިގަ މިކުރާ ވިޔަފާރީގަ އޭދަފުށީ ޒުވާނުންގެ ސަތޭކަ އިންސައްތަ ހިއްސާ އޮވެގެން މިދަނީ. ޒުވާނުން ބޭނުންވޭ ބެއްލަވިސްތާ އެހެން ސްޓޭޖަކަށް ގެންދަން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން.”

މުޖޭ ބުނިހެން ބެއްލަވިސްތާ ފެންނަނީ ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައިވެސް މެއެވެ. ޒުވާނުން އިންތިޒާމުކޮށްގެން އިންޑޯ މުބާރާތްތައް ބޭއްވުމާ ޓީވީ މެދުވެރިކޮށް އަންނަ ފުޓްބޯޅަމެޗްތައް ބަލާލުމަށް އަންނަން އެންމެ ހިތްގައިމު މާހައުލެއް އޮތްތަނަކީ މިއެވެ. ރޯދަ މަހު އޭދަފުށީގެ ވެސްޓްވިންގ ޖަމިއްޔާއާއި ބެއްލަވިސްތާ ގުޅިގެން ކުރިއަށްގެންދާ ޕީއެސް 4 މުބާރާތަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތަކަށް ވާއިރު މި މުބާރާތްވެސް ކުރިއަށް ގެންދަނީ މިތަނުގައެވެ. އެކި ކަންކަމާ ޚިޔާލު ބަދަލުކޮށް ހިމޭން ކަމާއެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށްވެސް ބެއްލަ އަކީ ޒުވާނުންގެ ފުރަތަމަ ޗޮއިސް އެވެ.

ހަގީގަތުގައިވެސް ބެއްލަވިސްތާ އެ ބުނުމުން އެތަން ސިފަވެގެން ދަނީ ޒުވާނުންގެ ތަނެއްގެ ގޮތުގައެވެ. އަސްލު ބެއްލަވިސްތާ ދައްކަން ބޭނުންވީ ވެސް އެގޮތުގައި ހެެއްޔެވެ.؟

“ބެއްލަވިސްތާ ހުޅުވުމުގެ ޚިޔާލާއެކު ފުރަތަމަވެސް ވިސްނުން ހުރީ ޓާގެޓް ބަޔަކު ގެންގުޅެންއެބަޖެހެއޭ. ދެން ކުޑަ ދިރާސާއެއް ހެދިއިރު މިވާގޮތަކީ ހަމަގައިމުވެސް އިސްރައްވެހިންގެ ގޮތުގަ މިތިބަ މީހުން މިތިބީ ވަކި ތަން ތަނަކަށްގޮސް ސެޓްލްވެފަ. އެހެންވީމާ ހިތަށް އެރީ އެމީހުންނަކަށް ނޫނޭ ޓާގެޓް ކުރާނީ ޔޫތުންނަށޭ.” މުޖޭބުންޏެވެ.

މުޖޭ ބުނިގޮތުގައި ބޮޑަށް އެމީހުންނަށް އަމާޒުކުރަން ޖެހުމުން ތަނުގެ ބައެއް ކުރެހުންތަކަށް ބަދަލުވެސް ގެންނަން ޖެހުނެވެ. އޭދަފުށީގައި ފުރަތަމަ ފަހަރަށް ސީޝާ ބޯނެ ތަނެއްވެސް މިތަނުގައި ހަދާފައިވާނީ އެމީހުންގެ ޚިޔާލާ އެއްގޮތަށެވެ. އެކަމަކު އޭގެ މާނައަކީ އެހެން އުމުރުފުރާތައް ހަނދާން ނައްތާލީއަކީއެއް ނޫނެވެ.

ތަނުގެ އިންޓީރިއާ ކިތަންމެ ހިތްގައިމު ވިޔަސް އަސްލު ރެސްޓޯރެންޓެއްގެ އެންމެ މުހިއްމު އަސާސަކަށް ވާނީ އެތަނުން ލިބޭ ކާތަކެތީގެ ރަހަ އާއި އަގުތަކަށެވެ. ބެއްލަވިސްތާއިން ކެއުމުން ލިބޭނެ ހިތްހަމަޖެހުމަކި ކޮބާހެއްޔެވެ.

“ހަމަގައިމުވެސް އެއްވެސް މީހަކު ނޯ ބުނެފަ މިތަނުން ނުނުކުންނާނެ. އެހިތްހަމަޖެހުން އޮންނާނެ. މާނައަކީ ބެއްލަވިސްތާއިން ލިބޭ ޚިދުމަތް ނުވަތަ ކާއެއްޗެއްގެ ރަހަ މީރުވާނެކަމުގެ ޔަގީންކަން އޮންނާނެ.”

އެ ޔަގީންކަން ލިބޭ ސަބަބު މުޖޭ ކިޔައިދިނެވެ.

“ކައްކަނީ ރިސޯޓެއްގެ އެގްޒެކެޓިވް ޝެފެއް. އޭނާގެ ރަހަތައް އޭދަފުށީ ރައްޔިތުންނާއި ކައިރި ރިސޯޓު ތަކުގެ މީހުންނަށް ގަބޫލު ކުރެވިއްޖެ. ސޫޝެފެއްގެ ގޮތުގައި މި ގެންގުޅެނީ އަލަށް ރާއްޖެ ގެނައި މީހެއް. އޭނާގެ ތަޖްރިބާ އާއި އަހަރެންގެ އިރުޝާދާއެކު ރަހަތަކަށް ދިރުން ގެނެސްދެމުން ދަނީ. އޭގެ ހެއްކެއް ކަން ނޭނގެ އޭދަފުއްޓަށް އަންނަމީހުން މި ތަން ޚިޔާރު ކުރަނީ.”

ބެއްލަވިސްތާއަކީ ކޭޓަރިންގގެ ޚިދުމަތްވެސް ދޭތަނެކެވެ. ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އޭދަފުށީގައި ބޭއްވި ބޮޑެތި މަހާސިންތާ ތަކާއި މަސައްކަތު ބައްދަލުވުންތަކުގެ ބައިވެރިންނަށް މިތަނުގެ މީރު ރަހައާއި ބަރާބަރު ޚިދުމަތްތައް ވާނީ ތަޖްރިބާ ކޮށްފައެވެ. އެގޮތުން 260 މީހުން ބައިވެރިވި މަހާސިންތާ އަކަށް ދެރޭ ދެ ދުވާ ވަންދެން ކޭޓަރ ކޮށްދީފައިވާނޭ ކަމަށް މުޖޭ ބުންޏެވެ..

“މީގެ އިތުރުންވެސް 150 މީހުން ނުވަތަ 100 މީހުން ހިމެނޭ ގޮތަށް ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި ޖަލްސާތަކަށް ވަޑައިގަންނަވާ ސަރުކާރުގެ ވަފްދުތަކަށްވެސް ކޭޓަރ ކޮށްދީފައިވާނެ.” މުޖޭ ބުންޏެވެ.

ކުރިއަށް އޮތީ ރޯދަމަހެވެ. ބެއްލައިގެ ހަޔާތުން ވޭތުކުރި ދެއަހަރުވެސް ޚާއްސަ މެނޫއަކާ އެކު ރޯދަވީއްލުން ތައްޔާރުކޮށްދެއެވެ. ކުރީ ދެއަހަރުގެ ކާމިޔާބަށް ބަލާފައި ބެއްލައިން ހިފާފައިހުރީ ކުރީ ދެއަހަރަށް ވުރެ މި އަހަރު ބޮޑުތަން ރަނގަޅު ކުރާ ގޮތަށެވެ.

“މިފަހަރު ރޯދަމަހު އޭދަފުށިން ލިބޭނެ އެންމެ ފެންވަރު ރަނގަޅު މެނޫއެއް އަޅުގަނޑުމެން ތައްޔާރު ކުރާނަން. ވިސްނުން އެބަހުރި ބީޗުގަ ރޯދަވީއްލުން ދިވެހިންނަށް ތަޖުރިބާ ކޮށްދޭން. ރަނގަޅު ގްރޫޕްތަކާ ވާހަކަ ދައްކަމުން މިގެންދަނީ އެކަން ކޮށްދެވޭ ވަރުގެ. އިރާދަކުރެއްވިއްޔާ މިކަން ކުރާނަން. ”

އޭނާ ޔަގީން ކަމާއެކު ބުނީ މިއަށްވުރެ އަގުހެޔޮ މެނޫއެއް އޭދަފުށީގެ އެހެން ރެސްޓޯރެންޓަކުން ނާންނާނެކަމުގައެވެ. ހަމައެގޮތަށް މާހެފުން މެނޫއެއްވެސް މުޖޭ ބުނަނީ ތައްޔާރުކުރާނެ ކަމުގައެވެ. އެމެނޫ އަކީ އަގަށްވުރެ ބޮޑަށް ޚިދުމަތަށް ބަލައިގެން ތައްޔާރުކުރެވޭ ތަފާތު މެނޫއަކަށް ވާނޭ ކަމަށްވެސް މުޖޭ ބުންޏެވެ. “ޚިޔާލު ހުރީ ބީޗުގައި ބޭއްވުމަށް. މުސްކުޅިގޮތަށް ދޮންވެލި ގަނޑުގައި ފަންއަޅައިގެން އެކަން ކުރެވޭތޯ މިއުޅެނީ. އެކަމަކު ފަންގަނޑުގައި އިނުމަށް އުނދަގޫ މީހުންވެސް ތިބޭނެތީވެ ގޮނޑިވެސް ބަހައްޓާނަން.”

ބެއްލަވިސްތާގެ ކުރިމަގު އޮތީ ރަނގަޅަށެވެ. އެކަމަކު މިކަން ފަށައި މިހިސާބަށް އާދެވުނީ އެތައް ބައެއްގެ އެހީތެރިކަމާލައިގެން ކަމަށް ވާތީ މި ކާމިޔާބުގައި އެތައް ބަޔަކު ބައިވެރިކުރަން ބޭނުން ވެއެވެ. ބެއްލަވިސްޓާ ދުނިޔެއަށް ނޭވާލީ މަންމައާއި އަންހެނުންގެ ވަރަށް ބޮޑު އެހީތެރިކަމާ ހިތްވަރުން ކަމުގައި މުޖޭ ފުރަތަމަވެސް ފާހަގަ ކުރިއެވެ.

“ހަމަގައިމުވެސް އަންހެނުން ނެތްނަމަ މިކަމެއް ނުކުރެވުނީސް. އިންޝާﷲ ، އެވަރުގެ އަނތްބަކު ލިބުނު ކަން އެއީ މިއަދު މުޖޭ، މުޖޭއެއްގެ ގޮތުގައި ފެންނަން މިހިރަ އެންމެ މުހިއްމު ސަބަބު. އެއީ ހަމަ ޕާޓް އޮފް ލައިފް އޭ ބުނާނީ . ”

ހަމައެއާއެކު ފްރެންޑް މީ ގްރޫޕާއި ،ވައިޓްވޯލް ޒާކިރު އަދި ފަސްމުގޫގްރޫޕް އާއި މޮބައިލް ރަހުމާން ގެ ނަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު